އެކި ދާއިރާ ތަކުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު ދީފައިވާއިރު، ކުޅިވަރުގެ ދާއިރާގެ އެއްވެސް ބޭފުޅަކަށް މިއަހަރު ޤައުމީ އިނާމު ނުލިބުމަކީ، ކުޅިވަރުގެ ދާއިރާ އަށް ކަޅު ދުވަހެއް ކަމަށް ރާއްޖޭގެ ކުރީގެ އެއް ވަނަ ފޯވާޑު ޝާހު އިސްމާއީލް (ސާޔާ) ވިދާޅުވެއްޖެ އެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނަރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވާފައިވާ ސާޔާ މިހެން ވިދާޅުވީ، އޭނާގެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ނުވަ ބޭފުޅަކަށް"، މި ސަރުޚީގެ ދަށުން ލިޔެފައިވާ ޚަބަރު ޝެއާކޮށް ސާޔާ ކޮށްފައިވާ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމު ލިބިފައިވާ މީހެއްގެ ހައިސިއްޔަތުން، ޤައުމީ ދުވަަސް އޭނާ އިޙުސާސް ކުރީ ކުޅިވަރުގެ ކަޅު ދުވަހެއް ގޮތުގައި ކަމަށެވެ.
ސާޔާ ފާހަގަ ކުރައްވާފައިވާ ގޮތުގައި، މިއީ މި ފަހުގެ ތާރީޚުގައި ކުޅިވަރުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމު ދީފައި ނުވާ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ ރާއްޖޭގެ ކުޅިވަރުގެ ޙާލަތުތޯ އައްސަވައި ސާޔާ ވަނީ ސުވާލެއް އުފައްދަވައިފަ އެވެ.
ކުޅިވަރުގެ ކަންކަން ފިސާރި ފޯރީގައި ކުރިއަރުވައި، ކުޅިވަރުގެ މަސައްކަތްތަކެއް ކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާ އަކާއި، ކުޅިވަރު ވަޒީރާ ގުޅިގެން ހިންގާ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އަކާއި، ކުޅިވަރާ ބެހޭ "ޤާބިލު" ޤައުމީ މަޖިލީހެއް ވެސް އޮތް ކަމަށް ސާޔާ ވިދާޅުވި އެވެ.
ހަމަ އެހެންމެ ކުޅިވަރުގެ މާސްޓާ ޕްލޭން ހައްދަވައި ޤާބިލު ކޮންސަަލްޓަންޓެއް ވެސް ހުންނަވާ ކަމަށާއި، ދައުލަތު "ފުޅާ މިންވަރަކަށް" ޚަރަދު ކުރާ ކުލަބުތަކާއި، ޖަމިއްޔާތަކާއި، ޤައުމީ އެސޯސިއޭޝަންތައް ވެސް ހުރިކަން ފާހަގަ ކުރައްވައި ސާޔާ ވިދާޅުވެފައި ވަނީ، އެއިން އެއްވެސް އިދާރާ އަކަށް، ނުވަތަ ފަރާތަކަށް އެކަން މައްސަލަ އަކަަށް ނުވަނީތޯ އެވެ؟
ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އަށް އެކި އެކި ގޮތް ގޮތުން ޚިދުމަތް ކުރައްވާފައިވާ ސާޔާ އިތުރަށް ވިދާޅުވެފައި ވަނީ، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހައްގުވާ ކުޅިވަރު ދާއިރާގެ އެއްްވެސް ފަރާތެއް މި ރާއްޖޭގައި ނެތީތޯ އެވެެ؟
ސާޔާ އެހެން ވިދާޅުވެފައިވާއިރު، މިއަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމަށް ހއ.އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ނުވަ ބޭފުޅަކަށް ދީފައިވާއިރު، އޭގެ ތެރޭގައި ކުޅިވަރުގެ ދާއިރާގެ އެއްވެސް ބޭފުޅެއް ނުހިމެނެ އެވެ.