ވަޒީފާއާ ގުޅޭ މައްސަލަތަކުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭއަށް) ކޯޓުގައި ދައުވާކޮށް ދައުވާ ލިބިގަނެވޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓުން އެހެން ބުނެފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) 10 ފަރާތެއްގެ މައްޗަށް ރައްދުވާގޮތަށް އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ޙުކުމުގައެވެ.
އޭގެ ތެރޭގައި ހިމެނެނީ އަބްދުﷲ ޝާކިރު، މުޙައްމަދު ހަމީދު، އިބްރާހިމް އުމަރު، މުނާ މުޙައްމަދު، ހުސައިން ޝިޔާމް، އިބްރާހިމް ޝަރީފް، އަބްދުލް މާޖިދު އާދަމް، އިބްރާހިމް ތައުފީޤު މޫނިސް، މުޙައްމަދު ފަރްޒާދު އަލީ ހުސައިން އަދި ރިޒާ އާދަމްއެވެ.
އެ އެންމެންނަކީވެސް އެކި ކޯޓުތަކުގައި ކޯޓު އެޑްމިނިސްޓްރޭޓަރ އަދި ސީނިއަރ ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކެކެވެ. އެމީހުން ވަޒީފާއިން ވަކިކުރީ 31 އޮކްޓޯބަރު 2020 ގައެވެ.
އެމީހުންނަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް ގެނެވުނު ދެވަނަ އިސްލާޙާއެކު ކޯޓުތަކުގެ އޮނިގަނޑަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ގެނައި ބަދަލުތަކަކާއި ގުޅިގެން މަޤާމުތައް އުވިފައިވާ ފަރާތްތަކެކެވެ.
އޭގެ ކުރިން އެމީހުންނަށް އައު އޮނިގަނޑުގެ ތެރެއިން މަޤާމެއް ހަމަޖެއްސޭތޯ ޑީޖޭއޭއިން މަސައްކަތްތަކެއް ކޮށްފައިވާކަމަށް ޖޭއެސްސީގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލު ވިދާޅުވިއެވެ. ވަކީލު ވިދާޅުވީ، އޭރު ކަން ދިމާކުރިގޮތުން އެކަން ހަމަޖެހިފައިނުވާ ކަމަށެވެ.
ވުމާއެކު، އެމީހުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. އަދި އެކަމާ ގުޅިގެން އެ 10 މީހުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށައަޅައި، އެ ޓްރައިބިއުނަލްއިން ނިންމީ އެމީހުން ތިބި ވަޒީފާ އަނބުރާ ރުޖޫއަކޮށްދިނުމަށެވެ.
ވުމާއެކު، ޖޭއެސްސީން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށްފައެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށްދާ މި މައްސަލައަކީ ހައިކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ބުނެ ޖޭއެސްސީން އިސްތިއުނާފު ކުރުމުން ބަލަމުންދާ މައްސަލައެކެވެ.
ޖޭއެސްސީން ވަނީ ހައިކޯޓުގެ ނިންމުން ބާތިލުކޮށްދީ، އެމީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ ދަށުން ވަޒީފާއިން ދޫކޮށްލެވިގެންކަމަށް ކަނޑައަޅުއްވައި، އަލުން އެ ވަޒީފާތައް ރުޖޫއަކޮށްދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ.
އެހެންނަމަވެސް ހައިކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމް ވިދާޅުވިއެވެ.
މި މައްސަލައިގައި ފަނޑިޔާރު މަހާޒު ވިދާޅުވީ، ވަޒީފާ ދިން ފަރާތަކީ ޑީޖޭއޭ ކަމަށްވާއިރު، ޑީޖޭއޭއިން ޝަރީއަތުގައި ބައިވެރިނުވެ ގޮތެއް ކަނޑައެޅިދާނެތޯ އެއީ އުފެދޭ ސުވާލެއް ކަމަށެވެ.
އެހެންކަމުން މި މައްސަލައިގެ ޖޭއެސްސީއަކީ ޚަސްމެއްތޯއާއި ޑީޖޭއޭ ތަމްސީލުކޮށް، ޑީޖޭއޭއިން އުފުލަން ޖެހޭ ޤާނޫނީ ބުރަ ޖޭއެސްސީއަށް އުފުލިދާނެތޯ މިއީ ގޮތް ނިންމަންޖެހޭ ކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ، ހައިކޯޓުގެ މަރުޙަލާގައިވެސް އެކަމާ ގުޅޭ ސުވާލު އުފެދި، އޮޅުންބޮޅުން އުފެދިފައިވާކަމަށެވެ. އެއީ މައުޟޫއީ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ސާފުވާން ޖެހޭ ކަންކަން ކަމަށްވެސް މަހާޒް ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ، މި ބާވަތުގެ މައްސަލަތަކުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ޙައްޤު ޑީޖޭއޭއަށް ލިބިގެންވާކަމަށް ދެކިލައްވާ ކަމަށާއި، ޖޭއެސްސީއަށް އެ ބާރު ލިބިގެން ނުވާ ކަމަށެވެ.
އަދި މި މައްސަލަ މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، އާންމު އުސޫލު ތަތުބީޤު ކުރުމުގައި ދަތިތަކެއް ހުރިކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވާ ގޮތުގައި އޭގެ ތެރެއިން އެއްކަމަކީ ޓްރައިބިއުނަލްގައި މައްސަލަ ކުރިއަށްދިޔައިރު، ޑީޖޭއޭއަކީ ޚަސްމެއްކަމުގައި ބަލާފައިވުމެވެ.
ދެވަނަ ކަމަކީ ހައިކޯޓުގައި ޑީޖޭއޭއަކީ ޚަސްމެއް ގޮތުގައި ބަލާފައި ނެތް ނަމަވެސް، ހައިކޯޓުން ޑީޖޭއޭ ހާޒިރުކޮށް ޝަރީއަތް ކުރިއަށް ގެންދިއުމާއި، ޝަރީއަތުގެ ނިންމުމާ ގުޅިގެން ޑީޖޭއޭއިންވެސް ފިޔަވަޅުތަކެއް އަޅާފައިވުންކަމަށް މަހާޒް ވިދާޅުވިއެވެ.
އެހެންކަމުން މި މައްސަލައިގެ ޝަރުއީ ނިންމުންތައް ތަންފީޒު ކުރުމުގައި ޑީޖޭއޭ އެކުއެކީގައި އެއްފަރާތްކޮށްފައިވާކަން ބެލެވެން ނެތްކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު މަހާޒް އިތުރަށް ވިދާޅުވީ، މި މައްސަލައިގައި ފަނޑިޔާރު އިބްރާހިމްގެ ރައުޔަށް ތާއީދު ކުރައްވާ ކަމަށާއި، ހައިކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަން ޖެހޭކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުވެސް ވަނީ އެ ދެ ރައުޔަށް ވެސް ތާއީދު ކުރައްވާފައެވެ.