ކ. މާލެ
|
25 މެއި 2024 | ހޮނިހިރު 08:36
ރެއާލަށް ކުޅެމުން އަންނަ އައުރެލިން ޗުއަމެނީ
ރެއާލަށް ކުޅެމުން އަންނަ އައުރެލިން ޗުއަމެނީ
ރޮއިޓާސް
ރެއާލް މެޑްރިޑު
އަނިޔާގެ ސަބަބުން ޗުއަމެނީ އަށް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ނުކުޅެވޭނެ
ޗުއަމެނީ މަސައްކަތް ކުރަމުން އަންނަނީ އަންނަ މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުރިން އަނިޔާއިން ރަނގަޅުވުމަށް

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންސިވް މިޑްފީލްޑަރު، އައުރެލިން ޗުއަމެނީ އަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހުގެ ރޭ، އިނގިރޭސި ރަސްމީ ސްޓޭޑިއަން ވެމްބްލީގައި އޮންނަ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް ނުކުންނާނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ. ރެއާލުން މިހާތަނަށް 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާއިރު، އެ ޓީމަކީ އެންމެ ގިނައިން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ޓީމެވެ.

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ، ޗުއަމެނީ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ދުވަސް ކޮޅެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި އެ އަނިޔާގެ ސަބަބުން ޑޯޓްމަންޑާ ދެކޮޅަށް ރެއާލުން ކުޅޭ ފައިނަލްގައި ވެސް، ޗުއަމެނީ އަށް ނުކުޅެވޭނެކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ. މިވަގުތު ޗުއަމެނީ މަސައްކަތް ކުރަމުން އަންނަނީ އަންނަ މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުރިން އަނިޔާއިން ރަނގަޅުވެ، މުބާރާތަށް ފިޓުވުމަށް ކަމަށް ވެސް އަަންޗެލޮޓީ ބުންޏެވެ.

ޔޫރޯ މުބާރާތަށް ފްރާންސް އިން އެކުލަވާލި ސްކޮޑުގައި ޗުއަމެނީ ހިމެނެ އެވެ. އޭނާ އަންނަނީ 2021 ވަނަ އަހަރުން ފެށިގެން ފްރާންސްގެ ޤައުމީ ޓީމަށް ކުޅެމުންނެވެ. ޗުއަމެނީ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން، 31 މެޗުން ތިން ލަނޑު ޖަހައިފަ އެވެ. ފްރާންސް އާއެކު އޭނާ ވަނީ 21-2020 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން ޤަތަރުގައި 2022 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ފްރާންސް އާއެކު އޭނާ ކުޅުނެވެ.

މޮނާކޯގައި ހުރުމަށްފަހު ޗުއަމެނީ ރެއާލަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. ރެއާލަށް ބަދަލުވެ އެ ކުލަބުގައި އޭނާ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ޗުއަމެނީ ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 88 މެޗުން ތިން ލަނޑު ޖަހައިފަ އެވެ. ރެއާލާ އެކު އޭނާ ވަނީ ފަސް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް