ސްޕެއިންގެ ރެއާލް މެޑްރިޑަށް މީގެ ކުރިން އިރުޝާދު ދިންް އިޓަލީގެ ކާލޯ އަންޗެލޮޓީ، ޓެކްސް އަށް މަކަރު ހެދި މައްސަލައިގައި ސްޕެއިންގެ ކޯޓަކުން އޭނާ އަށް ޖަލު ހުކުމެއް އިއްވައިފި އެވެ.
ސްޕެއިންގެ ކޯޓުން އަންޗެލޮޓީ އަށް ޙުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުން ފެށިގެން، 2015 ވަނަ އަހަރަށް ރެއާލްގެ ކޯޗުކަމުގައި ހުރިއިރު ޓެކްސް އަށް މަކަރު ހަދާފައިވާތީ އެވެ. އެގޮތުން 2014 ވަނަ އަހަރުގެ ތެރޭގައި އޭނާ ޓެކްސް އަށް މަކަރު ހަދާފައިވާތީ، ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.
މެޑްރިޑުގެ ކޯޓުން އަންޗެލޮޓީ އަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، 386،000 ޔޫރޯ، ނުވަތަ 452،187 އެމެރިކާ ޑޮލަރުން އޭނާ ޖޫރިމަނާ ވެސް ވަނީ ކޮށްފަ އެވެ. ސްޕެއިންގެ ޕްރޮސެކިއުޓަރުން ބުނެފައި ވަނީ އެ މުއްދަތުގެ ތެރޭގައި އަންޗެލޮޓީ ވަނީ އެއް މިލިއަން ޔޫރޯ، ނުވަތަ އެއް މިލިއަން އެމެރިކާ ޑޮލަރުގެ ޓެކްސް އަށް މަކަރު ހަދާފައި ކަމަށެވެ.
ޝަރީއަތުގައި ދައުލަތުގެ ޕްރޮސެކިއުޓަރުން އެދިފައި ވަނީ އަންޗެލޮޓީގެ މައްޗަށް ހަތަރު އަހަރާއި، ނުވަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ. އެހެން ނަމަވެސް، އަންޗެލޮޓީ އަކީ މިވަގުތު ސްޕެއިންގައި އުޅެމުން އަންނަ މީހަކަށް ނުވުމުގެ އިތުރުން، އޭނާގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމުން ފަނޑިޔާރުން ވަނީ އެއް އަހަރު ދުވަހުގެ ޙުކުމެއް އިއްވައިފަ އެވެ.
މީގެ އިތުރުން ސްޕެއިންގެ ޤާނޫނުގައި އޮންނަ ގޮތުން އަންޗެލޮޓީ އަށް ޖަލު ހުކުމް ތަންފީޒު ކުރާކަށް ނުޖެހޭނެ އެވެ. އެގޮތުން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ވުރެ ކުރު މުއްދަތެއްގެ ހުކުމަކަށް ވާތީ، އަންޗެލޮޓީ އަށް ޖެހޭނީ ޖޫރިމަނާ ދައްކާށެވެ.
މިވަގުތު އަންޗެލޮޓީ ހުރީ ބްރެޒިލްގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމުގަ އެވެ. އެކަމާ ގުޅޭ ގޮތުންް ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަން އިން ބުނެފައި ވަނީ، އެ ފެޑެރޭޝަން އިން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މީގެ ކުރިން ބަޔާން މިއުނިކް، ޗެލްސީ އަަދި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް އިރުޝާދު ދީފައިވާ އަންޗެލޮޓީ އަކީ ދުނިޔޭގައި ތިބި ކޯޗުންގެ ތެރެއިން އެންމެ މޮޅު އަދި މަޝްހޫރު އެކަކެވެ.