ކ. މާލެ
|
21 ޖުލައި 2025 | ހޯމަ 09:05
ރެއާލަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ތިބައޫ ކޯޓުއާ
ރެއާލަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ތިބައޫ ކޯޓުއާ
ރޮއިޓަރސް
ރެއާލް މެޑްރިޑް
ރެއާލްގެ އެއްބަސްވުން ކޯޓުއާ އައު ކޮށްފި
މީީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އައު އެއްބަސްވުމުގެ ދަށުން ރެއާލްގައި ކޯޓުއާ އަށް ލިބޭ މުސާރަ ވެސް ބޮޑުވާނެއެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ތަޖުރިބާާކާރު ގޯލު ކީޕަރު ތިބައޫ ކޯޓުއާ އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފި އެވެ.

ޗެލްސީ ދޫކޮށްލުމަށް ފަހު ކޯޓުއާ ރެއާލަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އެންމެ ފުރަތަމަ އޭނާ ސޮއި ކޮށްފައި އޮތް އެއްބަސްވުން އައު ކޮށްފައި ވަނީ 2021 ވަނަ އަހަރު އެވެ. އެ ފަހަރު ކޯޓުއާ ވަނީ ފަސް އަހަރަށް ރެއާލްގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ނަމަވެސް، ކޯޓުގައި އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި އޭނާ ވަނީ ރެއާލްގެ އެއްބަސްވުން އައު ކޮށްފައި ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އެގޮތުން ކޯޓުއާ ވަނީ އިތުރު އެއް އަހަރަށް ރެއާލްގެ އެއްބަސްވުން އައު ކޮށްފައި ކަމަށާއި، 2027 ވަނަ އަހަރާ ހަމައަށް އޭނަ ރެއާލްގައި ހުންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މީީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އައު އެއްބަސްވުމުގެ ދަށުން ރެއާލްގައި ކޯޓުއާ އަށް ލިބޭ މުސާރަ ވެސް ބޮޑުވާނެ އެވެ. ނަމަވެސް މިހާތަނަށް އައިއިރު، ކޯޓުއާގެ އެއްބަސްވުން އައު ކޮށްފައިވާކަން ރެއާލް އިން ރަސްމީކޮށް އިއުލާން ކޮށްފައި ނުވެ އެވެ.

މިހާތަނަށް ރެއާލްގައި ހޭދަ ކުރި ހަތް ސީޒަންގެ ތެރޭގައި ކޯޓުއާ ވަނީ 288 މެޗުގައި އެ ކުލަބުގެ ގޯލު ބަލަހައްޓައިފަ އެވެ. އަދި ރެއާލާ އެކު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. އެގޮތުން ކޯޓުއާ ވަނީ ރެއާލާ އެކު 12 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

އޭގެ ތެރޭގައި ސްޕެނިޝް ލީގު ތިން ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، ކޮޕާ ޑެލް ރޭ، ސްޕެނިޝް ސުޕަ ކަޕް ދެ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު، ޔުއެފާ ސުޕަ ކަޕް ދެ ފަހަރު، ފީފާ ކުލަަބު ވޯލްޑް ކަޕް އަދި ފީފާ އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ.

ބެލްޖިއަމްގެ ޤައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ކޯޓުއާ އަކީ ރެއާލްގައި ތިބި ކުޅުންތެރިންގެ ތެރެއިން އެ ޓީމުގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ޚާއްސަކޮށް ރެއާލްގެ ގޯލުގައި އޭނާ ވަނީ އިސް ދައުރެއް އަދާ ކޮށްފަ އެވެ.

ކޯޓުއާގެ އިތުރުން ރެއާލް އިން އެ ޓީމުގެ ބައެއް އެހެން ކުޅުންތެރިންގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ.

- ކޮމެންޓް