ސްޕެއިންގެ ރެއާލް މެޑްރިޑު ދޫކޮށްލި ނަމަވެސް، މިއީ އެ ކުލަބާ އަލްވަދާއު ކިޔުން ނޫން ކަމަށް، ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް ބުނެފި އެވެ.
ޓޮޓެންހަމް ދޫކޮށްލުމަށް ފަހު މޮޑްރިޗް ރެއާލަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އެންމެ ފަހުން އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވީ މިދިޔަ ޖޫން މަހުގެ ނިޔަލަށެވެ. އެއާއެކު މޮޑްރިޗް ވަނީ އެއްބަސްވުން އައު ނުކޮށް، ރެއާލް ދޫކޮށްލަން ނިންމައިފަ އެވެ.
ތޭރަ އަހަރަށް ފަހު ރެއާލް ދޫކޮށްލުމަށް ފަހު ދެން މޮޑްރިޗް ބަދަލުވަނީ އިޓަލީގެ އޭސީ މިލާން އަށެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މޮޑްރިޗްގެ ޤާނޫނީ ވަކީލުން ވަނީ މިލާނަށް އޭނާގެ ހުށަހެޅުން ފޮނުވައިފަ އެވެ. އެގޮތުން މޮޑްރިޗް މިލާނަށް ބަދަލުވާނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ރެއާލްގައި މޮޑްރިޗްގެ އެންމެ ފަހު މުބާރާތަކީ އެމެރިކާގައި ކުރިއަށް ދިޔަ ފީފާ ކުލަބު ވޯލްޑް ކަޕެވެ. އެ މުބާރާތުގެ ސެމީ ފައިނަލްގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ކުޅުނު މެޗަކީ ރެއާލްގެ ޖާޒީގައި މޮޑްރިޗް ކުޅުނު ފަހު މެޗެވެ.
މޮޑްރިޗް އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ރެއާލް އަކީ 13 އަހަރު ވަންދެން އޭނާގެ އަމިއްލަ ގެ ކަމަށެވެ. އަދި އަބަދު ވެސް އޭނާގެ ގެއަކީ ރެއާލް ކަމަށް މޮޑްރިޗް ބުންޏެވެ. ނަމަވެސް މިއީ ރެއާލްއާ އަލްވަދާއު ކިޔުން ނޫން ކަމަށާއި، އަދި އަލުން ފެންނާނެ ކަމަށް ވެސް މޮޑްރިޗް ވަނީ ބުނެފަ އެވެ.
މޮޑްރިޗް ވަނީ އޭނާ ރެއާލަށް ކުޅެދިން 597 މެޗުގައި 43 ލަނޑު ޖަހައިފަ އެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ރެއާލާ އެކު 28 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގުގެ އިތުރުން، ކޮޕާ ޑެލް ރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް، ފީފާ ކުލަބު ވޯލްޑް ކަޕް އަދި ފީފާ އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ.