ކ. މާލެ
|
24 މެއި 2024 | ހުކުރު 14:36
ސޯލާ ޕީވީ ސިސްޓަމް ހަރުކުރަނީ
ސޯލާ ޕީވީ ސިސްޓަމް ހަރުކުރަނީ
އެސްޓީއޯ
އިޔާދަކުރަނިވި ހަކަތަ
އިޔާދަކުރަނިވި ހަކަތަ އުފައްދަން 200 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެއް އެކުލަވާލަނީ
މަގޭ ސޯލާ ޕްރޮގްރާމްގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 10 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ރާއްޖޭގައި ފުޅާކުރުން
މާލެ ސަރަހައްދުގައި ސޯލާ ޕީވީ ހަރުކުރުމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވޭ

އިޔާދަކުރަނިވި ހަކަތަ އުފައްދަން 200 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢު އެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ އެ މަޝްރޫޢު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ވޯލްޑް ބޭންކްގެ އެހީގަ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ. މިނިސްޓަރު ވަނީ މާލެ ސަރަހައްދުގައި ސޯލާ ޕީވީ ހަރުކުރުމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހުށަހަޅާފައި ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދަށުން ކަމަށާއި އެކަމަށް އެދި ހުށަހަަޅާފައިވާ ފަރާތައް އިންޓަރިމް ޕާމިޓު ވަނީ ހަވާލުކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން މިހާރު ކުރިއަށް ގެންދާ "މަގޭ ސޯލާ" ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ޖުމްލަ 750 ގޭބިސީއަކަށް ޕީވީސީ ސޯލާ ސިސްޓަމް ފޯރުކޮށްދެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިން ކިލޯވޮޓުގެ 375 ނިޒާމާއި ފަސް ކިލޯވޮޓުގެ 375 ނިޒާމު ޖުމްލަ ތިން މެގަވޮޓުގެ ޕީވީސީ ސިސްޓަމް ހޯދުމަށް ހަވާލުކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައި ވަނީ މިމަހު 9 ވަނަ ދުވަހުކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވަނީ ވަރަށް އަވަހަށް ތިން މެގަވޮޓުގެ އިތުރު ޕްރޮގްރާމެއް ފެށުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

މަގޭ ސޯލާ ޕްރޮގްރާމްގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 10 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ރާއްޖޭގައި ފުޅާކުރުމެވެ. އެގޮތުން މިހާތަނަށް ރާއްޖޭގައި 65 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ވަނީ ޤާއިމްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް