Advertisement
ކ. މާލެ
|
21 މެއި 2024 | އަންގާރަ 21:02
މިފްކޯގެ ސީއީއޯކަމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު
މިފްކޯގެ ސީއީއޯކަމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު
ސަމާހު މަގާމުން ވަކިކުރުން
ސަސްޕެންޝަން އުވާލިތާ މަސްދުވަސް ނުވަނީސް މިފްކޯގެ ސީއީއޯ ކަމުގެ މަގާމުން ސަމާހު ވަކިކޮށްފި
ސަސްޕެންޝަން އުވާލާފައިވަނީ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު
ޕީސީބީން ސަމާހުގެ މައްޗަށް ވަނީ 12 ތުހުމަތެއް އަމާޒުކޮށްފައި

މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަހުމަދު ސަމާހު ރަޝީދުގެ، ސަސްޕެންޝަން އުވާލިތާ މަސް ދުވަސް ނުވަނީސް އޭނާ އެމަގާމުން ވަކިކޮށްފިއެވެ.

ސަމާހު ސަސްޕެންޑުކޮށްފައިވަނީ މަރޗް މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އޭނާގެ ސަސްޕެންޝަން އުވާލާފައިވަނީ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ. އޭގެފަހުން މެއި މަހުގެ 21 ވަނަ ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯރޕަރަޓައިޒޭޝަން އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިފްކޯ ގެ ސީއީއޯ މަޤާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު އެމަޤާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރު ކަމުން ވަކިކޮށްފައިވާކަމަށެވެ.

ސަމާހުއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ މައްސަލައެއް ހުށަހެޅި އެ ކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށްޓަކައި 14 ދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން ސަމާހު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ފުރަތަމަ ނިންމިއެވެ. ނަމަވެސް ޕީބީސީން ފަހުން ވަނީ މި މުއްދަތު އިތުރުކޮށްފައެވެ.

މީގެ ކުރިން ވެސް މީޑީއާތަކުގައި ޕީސީބީން މިފްކޯގެ ސީއީއޯ ސަމާހަށް ކުރާ ތުހުމަތުތަކާ ގުޅޭ ސިޓީއެއް ވަނީ ލީކުކޮށްލާފައެވެ. އެ ސިޓީގައި ޕީސީބީން އޭނާއަށް ވަނީ 12 ތުހުމަތެއް އަމާޒުކޮށްފައެވެ.

Advertisement

މީގެ އިތުރުން ސަމާހުއަށް ތުހުމަތު ކުރެވޭ މައްސަލަތައް ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ބަލަން ވެސް ނިންމިއެވެ. އަދި އޭނާ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެސް ވެއެވެ.

އޭނާ ވަނީ ސަސްޕެންޑުކުރުމުގެ ކުރިން ޕީސީބީން އޭނާއާ މެދު އަމަލުކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މިފްކޯއާ މުއާމަލާތުކުރާ ވިޔަފާރީގެ ބައެއް ކުންފުނިތަކާއި އޭނާ އާއި ގުޅުން އޮތް ކަމަށް ޕީސީބީން ބުނި ނަމަވެސް، ސަމާހު ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި ޕީސީބީ އިން އަމަލުކޮށްފައި ވަނީ އޭނާގެ އަބުރު ކަތިލުމަށް ކަމަށް ވެސް ސަމާހު ވަނީ ތުހުމަތުކުރައްވާފައެވެ.

ސަމާހު ވަނީ މިފްކޯ އަށް ފެންވަރު ދަށް މީހުން ޖެނެރަލް މެނޭޖަރުންގެ ފެންވަރުގައި އައްޔަންކުރާ ކަމަށް ބުނެ ކުރެވޭ ތުހުމަތުތައް ވެސް ދޮގުކުރައްވާފައެވެ. މީގެއިތުރުން ޕީސީބީން އޭނާ ސަސްޕެންޑު ކުރިކަން އެންގުމުގެ ކުރިން، އެހެން ފަރާތުން އޭނާ އަށް އެކަން އެނގުނު ކަމަށާއި އެއީ ވެސް އޭނާ މަގާމުގައި ހުރުމަށް ނޭދޭ މީހުންނާއި ޕީސީބީއާ ގުޅުން އޮތުމުން ހިނގި ކަމެއް ކަމަށް ވިދާޅުވެ، ޕީސީބީއަށް ނުރަނގަޅު ނުފޫޒު ފޯރާފައިވާކަމަށް ސަމާހު ވަނީ ތުހުމަތުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް