ކ. މާލެ
|
16 މެއި 2024 | ބުރާސްފަތި 11:37
ރާއްޖޭގެ ޒުވާން ޓީޓީ ތަރި ފާތިމަތު ދީމާ އަލީ
ރާއްޖޭގެ ޒުވާން ޓީޓީ ތަރި ފާތިމަތު ދީމާ އަލީ
އެމްއޯސީ
ޓޭބަލް ޓެނިސް
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ
ދީމާ އަކީ އޮލިމްޕިކްސް އަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތުލީޓު

ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ހޯދި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަދި ނައިބު ރައީސް އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް މަރުޙަބާ ވިދާޅުވެއްޖެ އެވެ.

ދީމާ ވަނީ ސައުތު އޭޝިއަން ރީޖަނުގެ އޮލިމްޕިކްސް ކޮލިފިކޭޝަނަށްގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދައި މިއަހަރު އޮންނަ އޮލިމްޕިކްސް އަށް ކޮލިފައިވެފަ އެވެ. އެއާއެކު ދީމާ ވެގެން ގޮސްފައި ވަނީ، ރާއްޖޭގެ ތާރީޚުގައި ވެސް އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ އެތުލީޓަށެވެ.

އެކަމާ ގުޅިގެން ރައީސް މުޢިއްޒު ވަނީ ދީމާގެ އާއިލާ އަށް ފޯނުން ގުޅުއްވައި މަރުޙަބާ ވިދާޅުވެފަ އެވެ. ދީމާ އޮލިމްޕިކްސް އަށް ކޮލިފައިވުމަކީ އުފާކުރައްވާ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ މޮޅު ޓީޓީ ކުޅުންތެރީންނާ ވާދަކޮށް، ރާއްޖޭގެ ޒުވާން އަންހެން އެތުލީޓަކު ހޯދި ބޮޑު ކާމިޔާބަށް މުޅި ރާއްޖެ ފަޚުރުވެރިވާކަން ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.

ވަރަށް ޅައުމުރުގައި ކުޅިވަރުގެ ރޮނގުން ދީމާ ހޯދަމުންދާ ކާމިޔާބީތަކާއި، ކުޅިވަރުގެ ހުނަރު އިތުރަށް އުނގެނި ކުރިއެރުމަށް ކުރަމުންދާ ހިތްވަރު ރައީސް ފާހަގަކުރެއްވީ ނަމޫނާއެއްގެ ގޮތުގަ އެވެ. އަދި އެ ގޮތުގައި ވަރުގަދަ ޢަޒުމަކާއެކު ކުރިއަށް ދިޔުމަށް ވެސް ރައީސް ވަނީ ދީމާ ކިބައިން އެދިވަޑައިގެންފަ އެވެ. މީގެ އިތުރުން އޮލިމްޕިކްސްގައި ވާދަކޮށް ރަނގަޅު ކާމިޔާބަކާ ހަމައަށް ދިއުމަށް ދީމާ އަށް ލިބުނު ފުރުސަތުގައި، ދިވެހި ސަރުކާރުން ދެވެން އޮތް ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދީމާ އަށް ދެއްވައިފަ އެވެ.

ރައީސްގެ އިތުރުން ނައިބު ރައީސް ޙުސެއިން ވެސް ވަނީ ދީމާގެ ކާމިޔާބީ އަށް މަރުޙަބާ ވިދާޅުވެފަ އެވެ. ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤައުމަށް ލިބުނު ފަޚުރުވެރި ކާމިޔާބީ އަކީ ދީމާ އާއި ދީމާގެ އާއިލާ އަދި ޓީޓީ އެސޯސިއޭޝަންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ކުރި މިންނެތް މަސައްކަތުގެ ފޮނި ނަތީޖާ ކަމަށެވެ.

އަންނަ މަހު ފްރާންސްގައި އޮންނަ އޮލިމްޕިކްސް އަށް ދީމާ ކޮލިފައިވެފައިވާއިރު، ދީމާ އަކީ އޮލިމްޕިކްސް އަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތުލެޓީވެ. މީގެ ކުރިން ރާއްޖެ އިން އޮލިމްޕިކްސްގައި ވާދަކޮށްފައި ވަނީ އިންވިޓޭޝަނަލް ފުރުސަތުންނެވެ.

ކޮމެންޓް