ކ. މާލެ
|
15 މެއި 2024 | ބުދަ 08:04
ކުޅިވަރާ ބެހޭ ވުޒާރާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ރާފިޢު އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް ޠަލާލް
ކުޅިވަރާ ބެހޭ ވުޒާރާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ރާފިޢު އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް ޠަލާލް
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
އެސޯސިއޭޝަންތައް އޮޑިޓްކުރުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދެނީ
ޠަލާލް ވިދާޅުވީ، އެއީ އެސޯސިއޭޝަންތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނުވަތަ ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް

ކުޅިވަރު އެސޯސިއޭޝަންތައް އޮޑިޓު ކުރުމުގައި އިތުރު ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެ އެވެ.

ޠަލާލް މިހެން ވިދާޅުވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އިން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެގޮތުން ޠަލާލް ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތަކުން ކޮންމެ އަހަރަކު ވެސް، އެ އެސޯސިއޭޝަނެއްގެ އޮޑިޓެއް ހަދަން ޖެހޭ ކަމަށެވެ. އަދި އެ އޮޑިޓު ހަދަން ޖެހެނީ ދިވެހިރާއްޖެ ޤަބޫލު ކުރާ އޮޑިޓު ފާމެއް މެދުވެރިކޮށް ކަމަށާއި، އެއަށްފަހު އެ އޮޑިޓް ރިޕޯޓު ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ. އޮޑިޓް ރިޕޯޓު ހުށަހެޅުމަށް އެސޯސިއޭޝަންތަކުގެ މައްޗަށް ލާޒިމު ކުރާއިރު ވެސް، އެކަން ނުކުރެވޭކަން ވެސް ޠަލާލް ވަނީ ފާހަގަކުރައްވައިފަ އެވެ.

އެސޯސިއޭޝަންތަކުގެ އޮޑިޓްތައް ހެދުމަކީ އެކަމަށް ކޮންމެ ވެސް ވަރެއް ޚަރަދުތަކެއް ހިނގާ ކަމެއްކަން ފާހަގަ ކުރައްވައި ޠަލާލް ވިދާޅުވީ، އެކަމަށް ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެސޯސިއޭޝަންތައް އޮޑިޓު ކުރުމަށް ކޮމިޝަނަރުގެ އޮފީހުން ނުވަތަ ކުޅިވަރާ ބެހޭ ވުޒާރާ އިން އޮޑިޓު ފާމެއް ހަމަޖެއްސުން އެއީ އެއް ގޮތް ކަމަށް ވިދާޅުވި އެވެ. އަދި ދެ ވަނަ ގޮތަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) މެދުވެރިކޮށް އޮޑިޓް ފާމެއް ހަމަޖައްސައި ދިނުން ކަމަށް ވެސް ޠަލާލް ވިދާޅުވި އެވެ.

އަޅުގަނޑުމެން މިހާރު ދެ މޮޑަލަކަށް މަސައްކަތް ކުރުމަށް މި ދަނީ ވިސްނަމުން. އެއް ގޮތަކީ އަޅުގަނޑުމެން އޮޑިޓް ފާމެއް ހަޔާ ކޮށްފައި އެސޯސިއޭޝަންތައް އޮޑިޓް ކުރުމަށް ދިނުން. ދެން ދެ ވަނަ ގޮތަކީ އަޅުގަނޑުމެން އޮލިމްޕިކް ކޮމިޓީއާ ވާހަކަ ދައްކާފައި އޮންނާނީ، އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް އޮޑިޓް ފާމެއް ހަމަ އެސޯސިއޭޝަންތައް އޮޑިޓް ކުރުމުގައި ގެންގުޅުން.
މުޙައްމަދު ޠަލާލް / ކޮމިޝަނަރ އޮފް ސްޕޯޓްސް

ޠަލާލް ވިދާޅުވީ އެ ދެ މޮޑެލަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށާއި، އޭގެ ތެރެއިން ކޮންމެ ވެސް އެެއް ގޮތަކަށް ކުރިއަށް ދާން ނިންމާނެ ކަމަށެވެ. އަދި އެއަށްފަހު މިއަހަރުގެ ތެރޭގައި އެސޯސިއޭޝަންތަކަށް އެކަން އަންގާނެ ކަމުގައި ވެސް ޠަލާލް ވިދާޅުވި އެވެ. ޠަލާލް ވިދާޅުވީ، އެއީ އެސޯސިއޭޝަންތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނުވަތަ ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ނިންމާ ނިންމުމެއް ކަމަށެވެ.

ރާއްޖޭގެ ބައެއް ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމުގައި އެކި މައްސަލަތައް އަބަދު ވެސް ފާހަގަވެ އެވެ. އެގޮތުން މާލީ ގޮތުން ދިމާވާ މައްސަލަތަކާއި، އިދާރީ ގޮތުން ދިމާވާ މައްސަލަތައް އަބަދު ވެސް އޮވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް