ކ. މާލެ
|
23 ޖުލައި 2025 | ބުދަ 10:06
ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު
ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު
ސޯޝަލް މީޑިއާ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކުޅިވަރުގައި އަންހެނުން ބާރުވެރި ކުރުވައި، ހަމަހަމަ ފުރުސަތު ހޯދައި ދޭނަން: ވަޒީރު ރާފިޢު
ޚާއްސަކޮށް އަންހެން ބޭފުޅުން ކުޅެމުން އަންނަ ކުޅިވަރުތައް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކުޅިވަރުގެ މައިދާނުގައި އަންހެނުން ބާރުވެރި ކުރުވައި، ހަމަ ހަމަ ފުރުސަތުތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް، ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އަރިހުގައި މިހާރު ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަޒީރު ރާފިޢު ވިދާޅުވީ އަންހެން ބޭފުޅުންނަށް ޚާއްސަ ކޮށްފައިވާ ކުޅިވަރުތައް ތަރައްޤީ ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

ވަޒީރު ރާފިޢު ވިދާޅުވީ މިއަހަރުގެ ތެރޭގައި ތަސްދީޤު ކުރެވުނު ދިވެހި ރާއްޖޭގެ ކުޅިވަރުގެ ޤާނޫނުގެ އެއް ވަނަ އިސްލާހުގެ ދަށުން ވެސް، ދެ ޖިންސުގެ މެދުގައި ކުޅިވަރުގެ ހަމަހަމަކަން ޤާއިމު ކުރުމަށް ބާރު އަޅާފައިވާ ކަމަށެވެ. އެހެން ކަމުން، ކުޅިވަރު ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ދެ ޖިންސުގެ ދެ މެދުގައި އޮތް ތަފާތު މިހާރު ނައްތާލެވިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން ވަޒީރު ރާފިޢު ވިދާޅުވީ މިއަހަރަކީ ކުޅިވަރުގެ ދާއިރާ އަށް އުފާވެރިކަން އަންނާނެ އަހަރެއް ކަމަށެވެ. އެގޮތުން ކުޅިވަރުގައި އަންހެނުން ބާރުވެރި ކުރުމާއި، ހަމަހަމަ ފުރުސަތު ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވި އެވެ.

ޚާއްސަކޮށް އަންހެން ބޭފުޅުން ކުޅެމުން އަންނަ ކުޅިވަރުތައް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން އަންހެން ބޭފުޅުން އެންމެ ގިނައިން ކުޅެމުން އަންނަ އެއް ކުޅިވަރު ކަމަށްވާ ނެޓު ބޯޅަ ތަރައްޤީ ކުރުމާއި، މުޅި ރާއްޖެ އަށް އެ ކުޅިވަރު ފުޅާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގައި ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން މުޅި ރާއްޖެ އަށް ނެޓު ބޯޅަ ފުޅާ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ވަޒީރު ރާފިޢު ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން ވެސް ކުޅިވަރުގެ ދާއިރާގައި ކުރަން ހުރި މުހިންމު މަސައްކަތްތަކެއް މިއަހަރުގެ ތެރޭގައި ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

- ކޮމެންޓް