ރާއްޖޭގައި ކުޅިވަރު ވަޒީރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން، ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވުޒާރާ އިން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.
އެ ޙަފުލާގައި ވަނީ މިހާތަނަށް ރާއްޖޭގައި ކުޅިވަރު ވަޒީރުކަން ކުރައްވާފައިވާ 13 ބޭފުޅެއްގެ ޚިދުމަތުގެ އަގު ވަޒަން ކޮށްފަ އެވެ. އެއީ އެކި އެކި ސަރުކާރު ތަކުގައި ކުޅިވަރު ވަޒީރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ.
އެގޮތުން ކުޅިވަރު ވަޒީރުކަން ކުރައްވާފައިވާ އަލްމަރުޙޫމް ޢުމަރު ޒާހިރު، ރާޝިދާ ޔޫސުފް، ޑޮކްޓަރު މުޙައްމަދު ޒާހިރު ޙުސެއިން، އިބްރާހީމް ޙުސެއިން މަނިކު، ޙުސެއިން ޙިލްމީ، މުޙްމަދު ވަޙީދުއްދީން، ޑޮކްޓަރު އައިޝަތު ޝިހާމް، އަލްއުސްތާޛް ޙަސަން ލަޠީފް، މުޙައްމަދު ޙުސެއިން ޝަރީފް، މުޙައްމަދު މަލީހު ޖަމާލް، އަޙުމަދު ޒުހޫރު، އިރުތިޝާމް އާދަމް އަދި އަޙުމަދު މަޚްލޫފްގެ ޚިދުމަތުގެ އަގު ވަނީ ވަޒަން ކޮށްފަ އެވެ.
މި ބޭފުޅުންގެ ތެރެއިން އެ ޙަފްލާގައި ބައިވެެރިވެ ވަޑައިގެންނެވީ ފަސް ބޭފުޅުންނެވެ. އެއީ ޑޮކްޓަރު މުޙައްމަދު ޒާހިރު ޙުސެއިންގެ އިތުރުން، ޑޮކްޓަރު އައިޝަތު ޝިހާމް، މުޙައްމަދު ޙުސެއިން ޝަރީފް، އަޙުމަދު ޒުހޫރު އަދި އަޙުމަދު މަޚްލޫފް އެވެ.
ކުޅިވަރު ވަޒީރުކަން ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން މިހާރުގެ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެފައި ވަނީ، ކުޅިވަރަށް ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުންގެ މަސައްކަތްތަކާއި، ކުޅިވަރުން ރާއްޖެ އަށް ލިބިފައިވާ ކާމިޔާބީތައް އަރުޝީދު ކުރުމަކީ މުހިންމު ކަމެއް ކަމަަށެވެ.
އަދި ރާއްޖޭގެ އަންނަ އޮތް ޖީލުތަކަށް އެކަން ވާސިލު ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރާފިޢު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން އެކަންކަން ކުރިއަށް ގެންދިޔުމާއި، މުސްތަޤުބަލުގައި ވެސް އެކަންކަން ފެންނަން ހުރުމަކީ، ރާއްޖެ އަށް ކުޅިވަރުގެ ދާއިރާ އިން އިތުރު ކާމިޔާބީ ހޯދުމަށް ލިބޭނެ ހިތްވަރެއް ކަމަށް ވެސް ރާފިޢު ވަނީ ވިދާޅުވެފަ އެވެ.