މިއަދު ފެންނަމުންދަނީ ރާއްޖޭގެ ޑިމޮކްރަސީ ފަހަތަށް ސޮއްސާލަމުންދާ މަންޒަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ، ރާއްޖެއަށް މިހާރު ދިމާވަމުންދާ ޙާލަތްތަކުގެ ފަހަތުގައި އޮތް އެއް ސަބަބަކީ ސިޔާސީ ޕާޓީތަކާއި ޕާޓީގެ ނިޒާމު ފެއިލްވުން ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ބަލާއިރު، ސިޔާސީ ޕާޓީތަކަކީ ޑިމޮކްރެޓިކް އުސޫލުން އަދި ޤާނޫނުއަސާސީގައި ބުނާ އުސޫލުތަކާ އެއްގޮތަށް ހިންގަންޖެހޭ އެއްޗެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެމްބަރު ވަހީދު ވިދާޅުވީ، ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި އެކިއެކި ކެންޑިޑޭޓުން ހޯދި ކާމިޔާބީއަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ތަބާވެވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓު ބާކީކޮށް، އެހެން ފަރާތްތަކާއެކު ޕާޓީން ކުރި މަސައްކަތަށް މެމްބަރު ވަހީދު ވަނީ އަލިއަޅުވާލައްވާފައެވެ.
އޭނާ ވިދާޅުވީ، އެއީ ސިޔާސީ ޕާޓީގެ ޤާނޫނު ދަންނަ ހަމައެއް ނޫން ކަމަށެވެ.
އެތައް ދާއިރާއެއްގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔަ މޮޅުވި ކެންޑިޑޭޓު ފަހަތަށް ޖައްސާފައި ނުވަތަ މޮޅުވި ކެންޑިޑޭޓަކީ އަދި އެބޭފުޅުންގެ ކެންޑިޑޭޓު ނޫންކަމަށް ކަނޑައަޅާފައި، ބަލިވި ކެންޑިޑޭޓު ނުވަތަ އެހެން ޕާޓީއެއްގެ ކެންޑިޑޭޓު ނުވަތަ މިނިވަން ކެންޑިޑޭޓަކު ނަންގަވައިގެން މަސައްކަތް ކުރެއްވިކަން، އެއީ މި ދެންނެވި ސިޔާސީ ޕާޓީގެ ޤާނޫނު ދަންނަ ހަމައެއް ނޫންއުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
އޭގެ އިތުރުން، ފައިސާއިން ވޯޓު ގަތުމަކީވެސް އޮންނަންޖެހޭ ގޮތެއް ނޫންކަމަށް މެމްބަރު ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން ޕާޓީތަކުން ވޯޓު ހޯދުން ފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މެމްބަރު ވަހީދު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ނިޒާމު މިއަދު ބައްޓަންވަމުންދަނީވެސް އެގޮތަށްކަމަށް މެމްބަރު ވިދާޅުވިއެވެ.
ޕާޓީތަކުން ކުރަންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ލެޖިސްލޭޓިވް އެޖެންޑާއެއް ދެއްކުން ކަމަށާއި، ސިޔާސަތުތަކެއް ދެއްކުންކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މިއަދި ފެންނަމުންދަނީ ރާއްޖޭގެ ޑިމޮކްރަސީ ފަހަތަށް ސޮއްސާލަމުންދާ މަންޒަރުކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
އެކަންކަމުގެ ނަތީޖާއެއްގެ ގޮތުން ވޯޓުލާން ނުކުންނަ މީހުން މަދުވުމާއި، ސިޔާސީ ޕާޓީތަކާއި ވެރިކަމާމެދު އާންމުންގެ އިތުބާރު ގެއްލުން ފަދަ ކަންކަމަށް މަގުފަހިވަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.