Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2025 | އަންގާރަ 22:43
މިނިވަން މީޑިއާ ކަފުންކޮށް ވަޅުލާ ބިލާ ދެކޮޅަށް ނޫސްވެރިން ކުރި މުޒާހަރާ
މިނިވަން މީޑިއާ ކަފުންކޮށް ވަޅުލާ ބިލާ ދެކޮޅަށް ނޫސްވެރިން ކުރި މުޒާހަރާ
މުހައްމަދު އަފްރާހް
އެމެރިކާ އެމްބަސީ
ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެމެރިކާއިން ގޮވާލައިފި
އެމެރިކާ އެމްބަސީން ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް ގޮވާލައިފި
މީޑިއާގެ މިނިވަންކަމާއި ނޫސްވެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ އަސާސީ މިނިވަންކަމެއްކަމަށް އެމްބަސީން ބުނޭ
ސަރުކާރާ ދެކޮޅު ފަރާތްތަކާއި ތަފާތު ޚިޔާލު ފާޅުކުރާ ފަރާތްތަކުގެ އަޑު އިވުމުގެ ފުރުޞަތު އޮންނަންވާނެކަމަށް އެމްބަސީން ބުނޭ

ދިވެހިރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެމެރިކާގެ އެމްބަސީން ގޮވާލައިފިއެވެ. މީޑިއާގެ މިނިވަންކަމާއި ނޫސްވެރިންގެ ޙައްޤުތައް ރައްކާތެރި ކުރުމަކީ އަސާސީ މިނިވަން ކަމެއްގެ ގޮތުގައި ދެކޭ ކަމަށް އެމްބަސީން ބުނެފައިވެ އެވެ.

އެމެރިކާ އެމްބަސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖެ އާއި އެހެނިހެން ޤައުމުތަކުގައިވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ. ޚާއްޞަކޮށް، ސަރުކާރާ ދެކޮޅު ފަރާތްތަކާއި ތަފާތު ޚިޔާލު ފާޅުކުރާ ފަރާތްތަކުގެ އަޑު އިވުމުގެ ފުރުޞަތު އޮންނަންވާނެ ކަމަށް އެމްބަސީން ބާރު އަޅައިފައިވެއެވެ.

ޑިމޮކްރެޓިކް މުޖުތަމައެއްގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެންމެ އަސާސީ އެއް ޙައްޤު ކަމަށާއި، މި ޙައްޤު ހަނިކުރެވިގެން ނުވާނެ ކަމަށް އެމްބަސީން ވަނީ ބަޔާންކޮށްފައެވެ. އަދި މިފަދަ މިނިވަންކަން ދެމެހެއްޓުމަކީ ޤައުމުގެ ތަރައްޤީ އާއި ކުރިއެރުމަށް މުހިންމު ކަމެއް ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.

އެމެރިކާ އެމްބަސީއިން މިފަދައިން ބުނެފައިމިވަނީ، ރައީސް މުއިއްޒުގެ ސަރުކާރުން އަޑީގައި އޮވެގެން މަޖިލީހަށް ހުށަހަޅާ، ސަރުކާރަށް ނިސްބަތްވާ މަޖްލިސް މެމްބަރުންގެ ފުރިހަމަ އަގުލަބިއްޔަތާއެކު، ދިވެހިރާއްޖޭގެ މިނިވަން މީޑިޔާ ކަފުންކޮށް ވަޅުލާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިބިލު ފާސްކޮށްފައި މިވަނީ މަޖިލީސް ފެށިނީއްސުރެ ޖަލްސާ ނިމެންދެން މި ބިލު ފާސްނުކުރުމަށް ގޮވާލާ މަޖްލިސް ދޮށުގައި ގިނަ އަދަދެއްއްގެ ނޫސްވެރިންނާއި އާއްމު ރައްޔިތުން މުޒާހަރާ ކުރަމުންދަނިކޮށެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފައެވެ. ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށް ގެއްލުންދީ، ހަށިގަނޑުން ލޭ އޮހޮރުވާލާފައިވެއެވެ.

މި ބިލު ފާސްކުރުމާއެކު ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އެތައް ޒަމާނެއް ފަހަތައް ޖެހޭނެ ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި އިދިކޮޅު ފަރާތްތަކުން ވިދާޅުވާ ގޮތުގައި މިއީ ވަރުގަދަ ޚުދުމުހުތާރު ވެރިކަމެއް އުފައްދަވަން ރައީސް މުއިއްޒު ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ފާސް ކުރި ބިލެކެވެ. މި ބިލުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވެސް އެތައްގޮތަކުން ހަނިވާނެކަމަށް ގާނޫނީ ގޮތުން ތަޖުރިބާކާރު ފަރާތްތަކުން ފާހަގަ ކުރައްވާފައިވެއެވެ.

އެމެރިކާ އެމްބަސީގެ މި ގޮވާލުމަކީ، ބައިނަލްއަޤްވާމީ މުޖުތަމައުގެ ފަރާތުން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މީގެ ކުރިންވެސް އެމެރިކާއިން ވަނީ ރާއްޖޭގެ ޑިމޮކްރެޓިކް އުސޫލުތައް ވަރުގަދަކުރުމަށް ގޮވާލައްވާފައެވެ.

- ކޮމެންޓް