Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2025 | ބުރާސްފަތި 18:49
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ރާއްޖެއެމްވީ
މިޑިއާ ކޮންޓްރޯލް ބިލް
"ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރި ކޮންމެ ސަރުކާރެއް، ރައްޔިތުންގެ ބާރުގަދަ އަޑުގެ ކުރިމަތީގައި ވަނީ ބަލިވެފަ"
ރައީސް މުޢިއްޒު މީޑިއާ ކޮންޓްރޯލް ބިލަށް ތަސްދީޤު ކުރެއްވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް އެޅުއްވި ފިޔަވަޅެއް
މި ބިލުގެ ސަބަބުން މީޑިއާތަކަށް ގޮންޖެހުންތަކެއް ކުރިމަތިވިޔަސް ރައްޔިތުންގެ އަޑު ކަނޑުވައެއް ނުލެވޭނެ
ދުނިޔެ ދެކެފައިވާ ހުދުމުހުތާރު ސަރުކާރުތަކުގެ ކުރިމަތީގައި ރައްޔިތުންގެ ބާރު ގަދަވެފައިވާ މަންޒަރު ތަކުރާރުކޮށް ފެނިފައިވާކަމަށް ޝާހިދު މިސަރުކާރަށް ހަނދާން ކޮށްދީފައިވޭ

ދުނިޔޭގެ ތާރީހުން ފެނިފައިވާ ގޮތުގައި ޚިޔާލު ފާލުކުރުމުގެ މިނިވަންކަން ހަނިކުރަން މަސައްކަތްކުރި ސަރުކާރުތައްވެސް، ފަހުން ރައްޔިތުންގެ ބާރުގަދަ އަޑުގެ ކުރިމަތީގައި ބަލިވެފައިވާކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަން މީޑިއާ ކަފުންކޮށް ވަޅުލުމަށްޓަކާ ރައީސް މުއިއްޒުގެ ފުރިހަމަ ބާރުގެ ދަށުގައި އޮންނަ މަޖިލީހުން ފާސްކޮށްފައިވާ މީޑިއާ ބިލު، ރައީސް މުއިއްޒު ވަނީ ލަސްތަކެއްނުވެ ތަސްދީގު ކުރައްވާފަ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ރައީސް މުއިއްޒު މީޑިއާ ކޮންޓްރޯލް ބިލު ތަސްދީޤު ކުރެއްވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް އެޅުއްވި ސީދާ ފިޔަވަޅެއްކަމުގައެވެ. މި ބިލު ގާނޫނަކަށް ވުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ނުރައްކާވާނެ ކަމެއްގެ ގޮތުގައި ގިނަ ފަރާތްތަކަކުން ދެކެއެވެ.

މި ގާނޫޫނުގެ ސަބަބުން މީޑިއާތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި، ނޫސްވެރިންނަށް ދިމާވެދާނެ ދަތިތަކާމެދު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިފަދަ ބިލެއްގެ ސަބަބުން ރައްޔިތުންގެ އަޑު ކަނޑުވާ ނުލެވޭނެކަމަށް ޝާހިދު ފާހަގަ ކުރެއްވި އެވެ. އަދި ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ކުރެވޭ މިކަހަކަ ކަންކަން ގިނަ ދުވަހަށް ދެމިގެންދތަން ބަލަން ރައްޔިތުން ނުތިބޭނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. ދުނިޔެ ދެކެފައިވާ ހުދުމުހުތާރު ސަރުކާރުތަކުގެ ކުރިމަތީގައި ރައްޔިތުންގެ ބާރު ގަދަވެފައިވާ މަންޒަރު ތަކުރާރުކޮށް ފެނިފައިވާކަމަށް ޝާހިދު މިސަރުކާރަށް ހަނދާން ކޮށްދީފައިވެ އެވެ.

މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ތަނބުކަމަށްވާއިރު، މި ޙައްޤު ހިމާޔަތްކުރުމަށް ރައްޔިތުން ކުރަމުންދާ މަސައްކަތް ހުއްޓުމެއް ނާންނާނެއެވެ. ސަރުކާރުގެ މިފަދަ ފިޔަވަޅުތަކުން ވަގުތީ ގޮތުން ހުރަސްތަކެއް ކުރިމަތިވިޔަސް، ރައްޔިތުންގެ އަޑު އަބަދުވެސް ގަދަވެގެންދާނެކަން ކަށަވަރެވެ.

- ކޮމެންޓް