ކ. މާލެ
|
9 މެއި 2024 | ބުރާސްފަތި 12:08
މެޗުގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ހޮސޭލޫ އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ހޮސޭލޫ އުފާ ފާޅުކުރަނީ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ފަހަތުން އަރައި ބަޔާން ބަލިކޮށް، ރެއާލް ފައިނަލަށް
 
މިއީ ރެއާލުން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅޭނެ 18 ވަނަ ފަހަރު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއާލް މެޑްރިޑު މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މި ދެ ޓީމު ބަޔާންގެ ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. އެހެންކަމުން ފައިނަލްގެ ޖާގަ ލިބެން އޮތީ ރެއާލްގެ ދަނޑުގައި ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. ބުދަ ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގައި ބަޔާނުން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

މެޗުގެ ލަނޑުތައް ފެނުނީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 68 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ އަލްފަންސޯ ޑޭވިސް އެވެ. އޭގެ ފަހުން ބަޔާންގެ ޑޭވިސް އަތުން ބައި ކޮޅަށް ލަނޑެއް ވަތް ނަމަވެސް، ރެއާލްގެ ނަޗޯ ފެނާންޑޭސް ބަޔާންގެ ކުޅުންތެރިޔަކަށް ފައުލް ކޮށްފައިވާތީ، ވީއޭއާރު ބެލުމަށްފަހު އެ ލަނޑު ވަނީ ބަލައި ނުގަންނަން ނިންމައިފަ އެވެ.

ރެއާލަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 86 ވަނަ މިނެޓުގައި ހޮސޭލޫ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ހޮސޭލޫ ވަނީ ދެ ވަނަ ލަނޑު ޖަހައި ރެއާލަށް ކުރި ހޯދައިދީފަ އެވެ. އޭނާ އެ ލަނޑު ޖެހީ އެންޓޯނިއޯ ރޫޑިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އެ ލަނޑު ބަލައި ގަންނަން ރެފްރީ ނިންމީ ވެސް ވީއޭއާރުން ބަލައި ޔަގީން ކުރުމަށްފަހު އެވެ. ރެއާލުން ލީޑު ނަގާފައި ވަނިކޮށް، ބަޔާނުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. ބަޔާންގެ މަތައިސް ޑި ލިޓް އެ ލަނޑު ޖެހުމުގެ ކުރިން ރެފްރީ ވަނީ އޮފްސައިޑު ކަަމަށް ނިންމައިފަ އެވެ.

މިއީ ރެއާލުން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅޭނެ 18 ވަނަ ފަހަރެވެ. އެ ޓީމުން ވަނީ މިހާތަނަށް 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. ޖޫން މަހުގެ އެއް ވަނަ ދުވަހުގެ ރޭ، އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި އޮންނަ ފައިނަލްގައި ރެއާލް ނިކުންނާނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް