ކ. މާލެ
|
8 މެއި 2024 | ބުދަ 18:56
ރައީސް މުއިއްޒު މޯދީއާ ބައްދަލުކުރެއްވުން
ރައީސް މުއިއްޒު މޯދީއާ ބައްދަލުކުރެއްވުން
ޓްވިޓަރ
މަގޭ ރިޕޯޓް
ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
 
އިންޑިއާއަށް ފޮރިން މިނިސްޓަރު ވަޑައިގެން އެހީއަށް އެދިވަޑައިގަންނަވާނެކަމަށް މައުލޫމާތު ލިބޭ
 
މި ސަރުކާރަކީ އިންޑިއާއާ ދެކޮޅު ސިޔާސަތެއް ގެންގުޅޭ ސަރުކާރެއް

އިންޑިއާއަކީ ހަތުރެއްކަމަށް ބުނެ ލައްކަ ވާހަކަތައް އަދުގެ ސަރުކާރުން ފެތުރިއެވެ. ވުޖޫދުގައި ނެތް އެތައްކަމެއް ތިލަކުރިއެވެ. ދޮގު ފަތުރައިގެން ބޮލަށް ލައިގެން ދުވި ދުވަސްތައްވެސް ހިނގައްޖެއެވެ. މަޑުމަޑުން ރާގުވެސް ބަދަލުވާން ފަށައިފިއެވެ. ހާހުން ތިބި އިންޑިއާ ސިފައިންގެ އަދަދު 100ށް ވުރެ މަދުވެއްޖެއެވެ. ވެރިކަމަށް އަންނަން ޖެހި ދޮގު ދަންތުރައިގައި ދިވެހިން ޖެހި ނިމިއްޖެއެވެ.

އަނެއްކާވެސް މިއޮތީ އައު މަރުހަލާއެކެވެ. އިންޑިއާ ނުލާ ހުރިހާ ކަމެއްވާނެކަމަށް ވަކާލާތު ކުރި މި ސަރުކާރުން އިންޑިއާ ފަހަތުން ދުވަން ފަށައިފިއެވެ. ދުވަނީ މިފަހަރު ފައްސާލާކަށް ނޫނެވެ. ރަތް ފޮތިގަނޑެއް ފެނިގެން ގެރިއެއް ފަހަތުން ދުވާހެނެވެ. މިއޮތީވާ ކަމެކެވެ. އެންމެ ފަހުން މި ދިވެހި ވަތަން ހިސޯރުކޮށް ރާއްޖެއަށް އަތްގަދަކުރަން އުޅުނުކަމަށް ބުނެ ބުލީ ކުރި އިންޑިއާ ކައިރިއަށް މިއަދު ޖެހުނީ ސަލާންޖަހަންދާ ށެވެ.

ނާށިގަނޑު ހިފައިގެން ނުދެވޭނެ އެއްގޮތެއްވެސް ނެތުމުން ކަމާކަންފަށައި، ފޮށިތައްމަތި ބާރަށް ބަނދެގެން އެދަނީ އިންޑިއާ ކައިރިއަށް އެހީއެއް ލިބޭތޯއެވެ. މާގިނަ ތަފްސީލެއްވެސް ހާމައެއް ނުކުރެއެވެ. މި ސަރުކާރަކީ މާ ހާމަކަންބޮޑު ސަރުކާރަކަށް ނުވުމުން ވާނީވެސް އެހެންނެވެ. ހަމައެކަނި ހާމަކުރީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ވަޑައިގަންނަވާ ވަހަކައެވެ.

މިމަހުގެ 8 އިން 10 ވަނަ ދުވަހުގެ ނިޔަލަށް ފޮރިން މިނިސްޓަރު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ މި ސަރުކާރުގެ އިސް ވެރިއަކު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ދަތުރުގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރާއި ބައްދަލުކުރައްވާނެކަމަށެވެ. އަދި މި ބައްދަލުވުމުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒާމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅެގޮތުން މަޝްވަރާ ކުރައްވާނެކަމަށެވެ.

މިނިސްޓަރު ޒަމީރު ފުރާވަޑައިގަތުމުގެ ކުރިން ވިދާޅުވީ ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި ކަންކަމުގައި އެއްބާރުލުން އިތުރުކުރުމަށް އުންމީދުކުރައްވާ ކަމަށެވެ. މިނިސްޓަރެވެ. އުއްމީދުކުރައްވާ ވާހަކަ ދައްކަވާއިރު، އިންޑިއާއިން އެއްވެސް އެއްޗެއް ދޭނެކަމާމެދު ވެސް ސުވާލުކޮށްލަންޖެހެއެވެ. މި ސަރުކާރުގެ ނާގާބިލު، ތަންދޮރު ނުދަންނަ، ޑިޕްލޮމަސީގެ ހަމައެއްލަމައެއް ނެނގޭ ޑެޕިއުޓީ މިނިސްޓަރުން ވަނީ ތިޔަ ވަޑައިގަންނަވާ އިންޑިއާއަށް ރަތްމަހަށް ނުގޮވާ ވަރަށް ހުތުރުކޮށް އެއްޗެހި ގޮވާފައެވެ.

މި ސަރުކާރުގެ ވެރިއަކު އިންޑިއާއަށް ވަޑައިގަންނަވަން ހުއްދަ ދިނީތީވެސް އެކަމާއި ވެސް ޝުކުރުކުރަންޖެެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ދަތުރުގައި ސަރުކާރަށް ބޭނުންވާ ފައިސާއާއި އެހީގެ ކަންކަން ހަމަޖެއްސުމަށް މަޝްވަރާކުރާނެއެވެ. މީގެ އިތުރުން ވެސް ޒަމާންވީ ގުޅުމަށް ރައީސް މުއިއްޒުގެ ފެއިލްވެފައިވާ ފޮރިން ޕޮލިސީގެ ސަބަބުން ލާފައިވާ ރެނދުތައްވެއް ބައްދާނެ ގޮތްތައް ހޯދާނެއެވެ.

އިންޑިއާ ނުލާ ކައިބޮއި، ބޭސްކޮށް ހުރިހާކަމެއް ކުރެވޭނެކަމަށް ވަކާލާތު ކުރި ސަރުކާރު މިއަދު މިވަނީ އެ ދެއްކި ވާހަކައިން ވެސް ފެއިލްވެފައެވެ. ރޯދައަށް ބަހަން ތުރުކީން ގެންނާނެކަމަށް ބުނި ކާޑެއްވެސް ނުލިބުނެވެ. އަދި ނުވިތާކަށް އިންޑިއާ ސިފައިން ފޮނުވާލާނެކަމަށް ބުނެ ދެއްކި ވާހަކަވެސް އަދި ތިބި އަދަދެއްވެސް ނުދެއްކުނެވެ. ޔަގީންވާކަމަކީ އަވަށްޓެރިންނާއި ޖައްސާލައިގެން ނޫޅެވޭނެކަމެވެ.

އެންމެންގެ ސިޔާސީ ފިކުރު އެއްގޮތެއް ނުވާނެއެވެ. އަދި އެއިރަކު ވެރިކަންކުރާ ބަޔަކު ވަކި ގައުމަކާ ގާތް ގުޅުމެއް އަބަދުވެސް ބާއްވައެވެ. ނަމަވެސް އެއްވެސް ގައުމަކާ ސިޔާސީ ގޮތުން ޖައްސާ ނުލައެވެ. ވެރިކަން ހިނގަމުން އައީ މި ބީދައިންނެވެ. ނަމަވެސް ވެރިކަމަށް ނުފަރިތަ އަދި ސިޔާސަތު ނޭނގޭ ބަޔަކު ވެެރިކަމުގެ ތަހުތުގައި ބޭންދުމުން ދެން ހެދޭ ނުހެދޭއެއް ނޭނގޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
50%
0%
0%
50%
ކޮމެންޓް