ކ. މާލެ
|
7 މެއި 2024 | އަންގާރަ 12:10
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ޙިލާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ޙިލާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ޓްވިޓަރ
ސައުދީ ޕްރޯ ލީގު
ފަހަތުން އަރައި އަލް ޙިލާލް މޮޅުވެއްޖެ
 
މިހާތަނަށް ލީގުގައި 30 މެޗު ކުޅެފައިވާއިރު، އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވޭ

ސައުދީ ޕްރޯ ލީގުގައި އަލް އަހްލީ ސައުދީއާ ދެކޮޅަށް ކުޅުނު މެޗުން އަލް ޙިލާލް މޮޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު އަލް ޙިލާލުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އަލް އަހްލީންނެވެ. ނަމަވެސް އަލް ޙިލާލުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އަލް އަހްލީ ސައުދީ އަށް ލީޑު ނަގައިދިނީ ފެރާން އަލްބްރިކާން އެވެ. އަލް ޙިލާލުން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެލެކްސެންޑާ މިޓްރޮވިޗް އެވެ. އޭގެ ފަހުން މެޗުގެ 89 ވަނަ މިނެޓުގައި މަލްކޮމް ލަނޑު ޖަހައި، އަލް ޙިލާލް މޮޅުކޮށްދިނެވެ.

މި ސީޒަންގެ ސައުދީ ލީގުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެމުން އަންނަ ޓީމަކީ އަލް ޙިލާލް އެވެ. މިހާތަނަށް ލީގުގައި 30 މެޗު ކުޅެފައިވާއިރު، އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެ އެވެ. 28 މެޗުން މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. މިހާތަނަށް 86 ޕޮއިންޓު ހޯދައިގެން އެ ޓީމު އޮތީ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް އަލް ނަސްރަށް ލިބެނީ 74 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް