ކ. މާލެ
|
19 ޖޫން 2025 | ބުރާސްފަތި 11:17
ރެއާލް މެޑްރިޑް އަދި އަލް ޙިލާލް ކުޅުނު މެޗުގެ ތެރެއިން
ރެއާލް މެޑްރިޑް އަދި އަލް ޙިލާލް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓަރސް
ފީފާ ކުލަބު ވޯލްޑް ކަޕް 2025
އަލް ޙިލާލް އިން، ރެއާލް މޮޅުވި ނުދިން
މިއީ ރެއާލްގެ ކޯޗުކަމާ ހަވާލުވި އެ ޓީމުގެ ލެޖެންޑް ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ރެއާލް ކުޅުނު ފުރަތަމަ މެެޗެވެ.

ފީފާާ ކުލަބު ވޯލްޑް ކަޕްގެ ގުރޫޕް އެޗްގައި ސްޕެއިންގެ ރެއާލް މެޑްރިޑް އިން ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާގެ އަލް ޙިލާލްއާ އެއްވަރުވެއްޖެ އެވެ.

އެމެރިކާގެ ހާޑް ރޮކް ސްޓޭޑިއަމްގައި މި ދެ ޓީމު ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ރެއާލް އިންނެވެ. ނަމަވެސް، އަލް ޙިލާލް އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މިއީ މުބާރާތުގައި މި ދެ ޓީމުގެ ވެސް ފުރަތަމަ މެޗެވެ.

މެޗުގައި ރެއާލް އިން ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، އެ ޓީމުގެ ރޮޑްރީގޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން ރެއާލަށް ލީޑު ނަގައިދިނީ ގޮންޒާލޯ ގާސިއާ އެވެ. އެއީ ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އަލް ޙިލާލް އިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެއީ ރެއާލްގެ އޭރިޔޭ ތެރެއިން އެ ޓީމުގެ ރައުލް އަސެންސިއޯ އަލް ޙިލާލްގެ ކުޅުންތެރިޔަކަށް ފައުލް ކުރުމުން ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ކާމިޔާބުކޮށް އަލް ޙިލާލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރުބެން ނެވެސް އެވެ.

އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި ރެއާލަށް ވަނީ ދެ ވަނަ ފަހަރަށް ލީޑު ނަގަން ފުރުސަތު ލިބިފަ އެވެ. ރެއާލްގެ ފެޑެރިކޯ ވަލްވާޑޭ، ވިނީޝިއުސް ޖޫނިއާ އަދި ޖޫޑް ބެލިންހަމް އަށް ލިބުނު ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. މެޗުގެ ފަހު ވަގުތު ރެއާލަށް ލިބުނު ޕެނަލްޓީ ވަލްވާޑޭ ފޮނުވާލި ނަމަވެސް، އަލް ޙިލާލްގެ ގޯލު ކީޕަރު ވަނީ އެ ޕެނަލްޓީ މަތަކޮށްފަ އެވެ.

މިއީ ރެއާލްގެ ކޯޗުކަމާ ހަވާލުވި އެ ޓީމުގެ ލެޖެންޑް ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ރެއާލް ކުޅުނު ފުރަތަމަ މެެޗެވެ.

- ކޮމެންޓް