އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވެއްޖެ އެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ދެ ލަނޑު ޖެހިއިރު، ފަހު ހާފުގައި ވެސް ދެ ލަނޑު ޖެހި އެވެ. ފަހު ހާފުގައި ޓޮޓެންހަމުން ވެސް ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
މެޗު ފަށައިގެން 16 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ މިސްރުގެ ފޯވާޑް މުޙައްމަދު ޞަލާޙު އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ކޯޑީ ގަކްޕޯ އެވެ. ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހީ އެންޑީ ރޮބަޓްސަން އެވެ.
ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ގަކްޕޯ ވަނީ ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ހާވީ އެލިއަޓް އެވެ. އޭގެ ނުވަ މިނެޓު ފަހުން ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު އެލިއަޓް ޖެހީ ޞަލާޙު ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މެޗުގައި ޓޮޓެންހަމްގެ ދެ ލަނޑު ޖެހީ ރިޗާލިސަން އަދި ސޮން ހެއުން މިން އެވެ. މެޗުގައި ރިޗާލިސަން ކުޅެން ނިކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
މޮޅާއެކު ލިވަޕޫލް އޮތީ ލީގު ތާވަލްގެ ތިން ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 36 މެޗުން 78 ޕޮއިންޓު ހޯދައިގެންނެވެ. ލިވަޕޫލް އަތުން ބަލިވި ޓޮޓެންހަމް އޮތީ، 35 މެޗުން 60 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ.