އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު މެންޗެސްޓަރ ސިޓީ އެއްވަރުވެއްޖެ އެވެ.
ބްރެންޓްފޯޑުގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެނެވެ. މެޗުގައި ސިޓީން ވަނީ ދެ ލަނޑު ޖަހައިގެން ލީޑު ހޯދައިފަ އެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުގައި ދެ ލަނޑު ޖަހައިގެން ބްރެންޓްފޯޑުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ސިޓީ އަށް ކުރި ހޯދައިދިނީ ފިލް ފޮޑެން އެވެ. މެޗުގެ 66 ވަނަ މިނެޓުގައި އޭނާ އެ ލަނޑު ޖެހީ ކެވިން ޑި ބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން މެޗުގެ 78 ވަނަ މިނެޓުގައި ފޮޑެން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ސިޓީގެ ލީޑު ފުޅާ ކޮށްފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށް، ޔޯނޭ ވިސާ ވަނީ ލަނޑު ޖަހައި ބްރެންޓްފޯޑަށް ފަރަގު ކުޑަ ކޮށްދީފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ބްރެންޓްފޯޑުން ވަނީ ދެ ވަނަ ލަނޑެެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކްރިސްޓިއަން ނޮގާޑް އެވެ.
މެޗު އެއްވަރުވެ ލިިބުނު އެއް ޕޮއިންޓާ އެކު ސިޓީ އޮތީ ލީގު ތާވަލްގެ ހަ ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 21 މެޗުން 35 ޕޮއިންޓާ އެކު އެވެ. ސިޓީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ފަސް ވަނައިގައި ނިއުކާސަލް ޔުނައިޓެޑަށް ވެސް ލިބެނީ 35 ޕޮއިންޓެވެ. ސިޓީއާ އެއްވަރު ކުރި ބްރެންޓްފޯޑު އޮތީ 28 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ.