ކ. މާލެ
|
18 ޖެނުއަރީ 2024 | ބުރާސްފަތި 16:30
ޓީއެންއޭ އަރަބިކްގެ ނޫސްވެރިޔާ ޟިޔާއު ކަޙްލޫތު
ޓީއެންއޭ އަރަބިކްގެ ނޫސްވެރިޔާ ޟިޔާއު ކަޙްލޫތު
ރޮއިޓާރސް
އިޒްރޭލުން ހައްޔަރުކުރި ނޫސްވެރިޔާ
އޮރިޔާންކޮށްގެން އިޒްރޭލުން ހައްޔަރުކުރި ނޫސްވެރިޔާގެ ދުލުން...
ނިރުބަވެރި އަސްކަރިއްޔާގެ ބެލުމުގެދަށަށް އެމީހުން ގެންދިޔައީ ލައިގެން ތިބި އަންނައުނުވެސް ބާލުވައިގެން
އިޒްރޭލު އަސްކަރިއްޔާގެ ބެލުމުގެދަށަށް ކަޙްލޫތު ގެންދިޔައިރު، އޭނާއަކީ ކޮރަސްޕޮންޑަންޓެއް

ދުވަހަކީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުން 7 ވަނައަށް ވީ ދުވަހެވެ. ނިރުބަވެރި ޔަހޫދީން، ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމަށް 2 މަސް ވީ ދުވަހެވެ. ޣައްޒާގެ ނޫސްވެރިޔާ، ޟިޔާއު އަލް-ކަޙްލޫތުގެ ދެމަފިރިންނާއި އެ މީހުންގެ 5 ދަރިން ހިޔާވަހިކަން ހޯދަމުން ދިޔައީ، ބައިތު ލާހިޔާގައި ހުންނަ، އޭނާގެ މައިންބަފައިންގެ ގޭގައެވެ. އެ ދުވަހަކީ އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ ފަލަސްޠީނުގެ ރައްޔިތުން، އިހާނެތި ގޮތަކަށް ހައްޔަރުކޮށް، ޔަހޫދީ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންދިޔަ ދުވަހެވެ.

އިންސާނަކަށް ވީތީ ލިބިދޭންޖެހޭ ހުރިހާ ޙައްޤަކުން މަޙްރޫމުކޮށް، ނިރުބަވެރި އަސްކަރިއްޔާގެ ބެލުމުގެދަށަށް އެމީހުން ގެންދިޔައީ ލައިގެންތިބި އަންނައުނުވެސް ބާލުވައިގެންނެވެ.

އަހަރެން ދުވަހަކުވެސް ހިތަކަށް ނާރާ، އަހަރެންގެ ވާހަކަ ޚަބަރަށް އަރާފާނެ ކަމަކަށް. އިޒްރޭލުގެ ބަންދުގަ އަހަރެން ހުރިން 33 ދުވަސް. އެއީ ވަރަށް ދަތި، އުނދަގޫ ދުވަސްތަކެއް... ނުރައްކާ ކިތަންމެ ބޮޑަސް، އަންހެނުންނާ ދަރިންކޮޅު ގޮވައިގެން ގެދޮރު ދޫކޮށް ނުކުތީ ރޭގަނޑެއްގެ 9.30ގަ. އަހަރެމެން ދިޔައީ ބައިތު ލާހިޔާގަ ހުންނަ، އަހަރެމެންގެ އާއިލީ ގެއަށް. އެއީ އިޒްރޭލު އަސްކަރިއްޔާއިން ނުރައްކާ ސަރަހައްދެއް ކަމަށް ކަނޑައަޅާފަ އޮތް ތަނެއް ނޫން. އެތަނަށް ދެވުނުއިރު، އެހެން ހުރިހާ ހިސާބަކަށްވުރެ އެ ތަނުގެ ހާލަތު ގޯސް. ހަނގުރާމައަށް 71 ވަނައަށް ވީ ދުވަސް އެއީ. އަހަރެމެން ސިއްސުވާލީ އިޒްރޭޅު އަސްކަރިއްޔާގެ ސިފައިންނާ އަސްކަރީ އުޅަނދުފަހަރުން. އަމާން ދީ، އެމީހުންނާ އެކީ، މުޅިންހެން އޮރިޔާމާ މަގުމައްޗަށް ނުކުންނަން އަމުރުކުރަމުން ދިޔައީ.
ޟިޔާއު ކަޙްލޫތު؛ ނޫސްވެރިއެއް

އެފަދަ ގޮތަކަށް ބަޔަކު ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ފެތުރެން ފެށުމާއެކު ފަލަސްޠީނާއި، އަރަބި ގައުމުތަކާއި އެކިއެކި މުސްލިމު އޮފިޝަލުންގެ ފަރާތުން، އެ ޢަމަލުތައް ކުށްވެރިކުރުމުގެ ބަހުގެ ހަމަލަތައް ދޭންފެށިއެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުންވެސް ކަންބޮޑުވާ ކަމަކަށް އެކަން ވިއެވެ.

އެ ޖަރީމާ ހިންގިތާ 38 ދުވަސް ފަހެވެ. މީލާދީ އައު އަހަރެއްގެ ފުރަތަމަ މަހުން 13 ވަނައަށް ވީ ދުވަހެވެ. ޑިސެމްބަރ 7 ވަނަ ދުވަހު އިޒްރޭލުގެ އަސްކަރިއްޔާއިން ރަޙުމުކުޑަ ގޮތަކަށް ހައްޔަރުކޮށްގެން ގެންދިޔަ މީހުންގެ ތެރޭގައި ހިމެނުނު، އުމުރުން 37 އަހަރުގެ ކަޙްލޫތު، ބަންދުން މިނިވަންވެ، މީޑިއާއާ ވާހަކަ ދައްކަމުން ދިޔައެވެ. ކަޙްލޫތު ބުނިގޮތުގައި، ދައުރުވި ބައެއް ވީޑިއޯއާއި ފޮޓޯތަކުގައިވެސް އޭނާ ފެންނަން އެބަހުއްޓެވެ.

ލަންޑަނުގައި މަރުކަޒުކޮށްގެން ހިންގާ، އަރަބި ބަހުން ޝާއިޢުކުރާ ނޫހެއް ކަމަށްވާ އަލް-ޢަރަބީ އަލް-ޖަދީދުން ބުނިގޮތުގައި، އިޒްރޭލު އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ކަޙްލޫތު ގެންދިޔައިރު، އޭނާއަކީ އެ އިދާރާގެ ކޮރަސްޕޮންޑަންޓެކެވެ. ދަ ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓްސްއިން ވެސް ވަނީ ކަޙްލޫތު މިނިވަންކުރުމަށް، ޑިސެމްބަރ 7 ވަނަ ދުވަހު ގޮވާލާފައެވެ.

ނިރުބަވެރި ޔަހޫދީ އަސްކަރީ ވަކިތަކުން ކަޙްލޫތަށް މިންޖުވެވުނީ 33 ދުވަހުގެ ބަންދަކަށް ފަހުގައެވެ. ބަންދުގައި ފާއިތުވި ދުވަސްތަކަކީ، ޔަހޫދީ އަސްކަރީ ސިފައިންގެ ފަރާތުން އެތައް އަނިޔާއެއް ތަހައްމަލުކުރުމަށް މަޖުބޫރުވި ދުވަސްތަކެއް ކަމަށް އޭނާ ބުންޏެވެ. ކަޙްލޫތު ކިޔައިދިން ކަންކަމަކީ ހަމަ ޙަޤީޤަތުގައިވެސް ހިނގި ކަންތައްތަކެއްކަމަށް އެތައް ބަޔަކު އިއްތިފާޤުވި ނަމަވެސް، ސީދާ ކަޙްލޫތުގެ މައްސަލައާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާއިން އެއްޗެއް ބުނުމުގެ ބަދަލުގައި ނެރުނީ އާންމު ބަޔާނެކެވެ.

ކަޙްލޫތު ކިޔައިދިން ގޮތުގައި، އޭނާ އަނބުރާ ޣައްޒާއަށް އެތެރެވީ އިޒްރޭލާ ޣައްޒާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އޮންނަ ކަރީމް ސަލާމް ކްރޮސިންގއިންނެވެ. އޭގެ ފަހުން އޭނާ ވަގުތީ ހިޔާވަހިކަން ހޯދަމުން ދަނީ ރަފަޙްގައި ކަމަށް ވާއިރު، މިދިޔަ މަހު އުތުރުން އޭނާ ހައްޔަރުކުރިފަހުން، އަދި އާއިލާއަކާ ބައްދަލެއް ނުވެއެވެ.

33 ދުވަސް ބަންދުގަ ހުރެފަ މިނިވަންވިއިރު ޑޮކްޓަރަކަށް ދައްކާލަން އަހަރެން ކިތަންމެހާވެސް ބޭނުން. އެކަމަކު، އަހަންނަށް އަންނަން މި ޖެހުނީ ޓެންޓަކަށް. އަނބިދަރިންނާ މުޅިން ވަކި ތަނަކަށް. އެމީހުން ވީ އެހެން ސަރަހައްދެއްގަ. އިޒްރޭލު އަސްކަރިއްޔާއިން އަހަރެން ދޫކޮށްލީ ރަފަޙަށް. އެކަމަކު އަހަންނަކީ އުތުރުގެ މީހެއް. އަވަސް ފުރުސަތެއްގަ އެކޮޅަށް ދެވޭނެ ކަމެއް، ނޫނީ އާއިލާ ދެން ލޮލަށް ފެންނާނެ ކަމެއް ނުވަތަ ނޫން ކަމެއްވެސް ނޭނގެ.
ޟިޔާއު ކަޙްލޫތު؛ ނޫސްވެރިއެއް

ކަޙްލޫތު ބުނިގޮތުގައި، އޭނާއަށް މިހާރުވެސް ވަނީ ޞިއްޙީ މައްސަލަތަކެއް ކުރިމަތިވެފައެވެ. އާދަޔާ ޚިލާފަށް ވަރުބަލިވުމާއި، ފައިތިލަ އައްސިވެފައި ހުރުން ފަދަ އުނދަގޫތައް ތަހައްމަލުކުރަން ޖެހިފައިވާއިރު، 33 ދުވަހަށްފަހު އިޒްރޭލުގެ ބަންދުން މިނިވަންވިފަހުން އަދި ޑޮކްޓަރަށް ދެއްކޭ ގޮތެއް ނުވެއެވެ.

ދޫކޮށްލީއްސުރެ އަހަރެން މި ދަނީ ޞިއްޙީ ފަރުވާއެއް ލިބޭތޯ ބަލަމުން. ބަންދަށް ގެންދިޔަ ހިސާބުން ޞިއްޙީ މައްސަލަތައް ކުރިމަތިވާން ފަށައިފި. ދެފައިތިލަ ހުންނަނީ އައްސިވެފަ. ތާ އަބަދު ހުންނަނީ އާދަޔާ ޚިލާފަށް ވަރުބަލިވެ، ނިދިއައިސްފަ. ބަންދުގަ ހުރި ދުވަސްތަކުގެ ހަނދާންތަކާ ދުރަށް ޖެހިނުލެވޭ ހިނދުކޮޅަކަށްވެސް. ތާ އަބަދު ސިކުނޑީގަ އެނބުރެނީ އެ ހަނދާންތައް. މީގެ ދެތިން ދުވަސް ކުރިންވެސް އަހަންނަށް ހޭލެވުނުއިރު މި އޮވެވެނީ، އަތުގަ ބިޑި އަޅުވާފަ އޮންނަ ގޮތަށް، ދެއަތް ޖައްސާ، އުފުލައިގެން... އެކަމަކު އަހަރެން އަތުގަ ބިޑިއެއް ނެތޭ އޭރު... އެހެންނު ވާނީ، ބިޑި އަޅުވާ، ކަނު ބަނދެފަ ވިއްޔާ އަހަރެން ބާއްވާފަ އޮތީ 33 ދުވަސް ވަންދެން.
ޟިޔާއު ކަޙްލޫތު؛ ނޫސްވެރިއެއް

ކަހްލޫތުގެ އާއިލާގެ ކުޑަނަމަވެސް ޚަބަރެއް އޭނާއަކަށް ނުލިބެއެވެ. އެއީވެސް އޭނާ އުފުލާނެ ކިހާ ބޮޑު ވޭނެއް ހެއްޔެވެ؟ އަނބިދަރިން ތިބީ ސަލާމަތުން ކަމެއް ނުވަތަ ނޫންކަމެއްވެސް ކަށަވަރެއް ނުވެއެވެ.

އަހަރެންގެ ހުންނާނެ ނުކުޅެދޭ އަންހެން ދަރިއެއް. އެ ދަރިފުޅު މަތިން ވަރަށް ހަނދާންވޭ. ބަންދުގަ ހުރިއިރުވެސް އަބަދު އެ ދަރިފުޅުގެ ހަނދާން ކުރެވެނީ. އެ ދަރިފުޅު މިހާރު ކޮބައިބާއޭ؟ ބޭސް ކައިފިބާއޭ؟ އާއިލާ މީހުންނަށް ކައިބޮއެ ހަދާލެވޭބާއޭ؟ ވަކިން ޚާއްޞަކޮށް، އުތުރުގެ ކަންކަން ގޯހުން ގޯހަށް ދިޔައިމަ ވަކިން ކަންތައް ބޮޑުވި. 33 ދުވަހުގެ ބަންދަށް ފަހު ރަފަޙަށް އަހަރެން ދޫކޮށްލި ހިސާބުން، ކޮންމެވެސް މީހަކު އަހަރެންގެ ފޮޓޯއެއް ނެގި. އަދި އަހަރެން ދޫކޮށްލައިފިއޭ ކިޔާފަ ޕޯސްޓެއް ޖެހި. ބަންދަށް ގެންގޮސް، އަހަންނަށްވުރެ 9 ދުވަސް ކުރިން ދޫކޮށްލި ބޭބެ، އަހަރެން ހުރި ހިސާބަށް އައީ އަދި ދެން.
ޟިޔާއު ކަޙްލޫތު؛ ނޫސްވެރިއެއް

ނިރުބަވެރި ޔަހުދީންގެ ވާހަކަތަކުގައި ދިފާޢަށް ކުޅުން ނޫން ކަމެއް ނުކުރެއެވެ. ޣައްޒާގައި ހިނގާ އޮޕަރޭޝަނަކީ ޣައްޒާ ކޮންޓްރޯލްކުރާ 'ޓެރަރިސްޓް' ޙަމާސް ޖަމާޢަތް ނެތިކޮށްލަން ދޭ ޙަމަލާތަކެއް ކަމަށާއި، އިޒްރޭލުން ހިންގާ ހަރަކާތްތަކުގެ މަގުސަދަކީ، ޙަމާސްއިން ރަހީނުކުރި އިޒްރޭލުގެ ރައްޔިތުން މިނިވަންކުރުން ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ބުނެއެވެ. އިޒްރޭލު އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސް، ހައްޔަރުކުރި މީހުންނާމެދު ޢަމަލުކޮށްފައިވާނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއްގޮތަކަށް ކަމަށާއި، ހެދުން ބާލުވާފައިވަނީ، ތޫނު އެއްޗެއް ނުވަތަ ގޮވާ އެއްޗެއް ގެންގުޅެފާނެ ކަމަށް ބަލައިގެން ކަމަށްވެސް އިޒްރޭލުގެ އަސްކަރިއްޔާއިން ދިފާޢުގައި ބުނެފައި ވެއެވެ.

ޒިކިމް އަސްކަރީ ބޭހުގަ ކުރިއަށް ގެންދިޔަ ސުވާލު ކުރުމުގެ ތެރޭގަ އަހަރެން ބުނީ، މީ ނޫސްވެރިއެކޭ. ތަޙުޤީޤުކުރަން އިން މީހާވެސް ގަބޫލުކުރި އެކަން. ޒިކިމްގެ ސުވާލު ކުރަމުން ގޮސް އެމީހުން ތުހުމަތުކުރީ މަށަކީ ޙަމާސް ފެކްޝަނެއްގެ ލީޑަރެއް ކަމަށް. އަހަރެން ދިޔައީ ހިނިގަނޑު ފަޅައިގެން. އަހަންނަކީ އެއްވެސް ފެކްޝަނެއްގެ މީހެއް ނޫންކަމާއި، ހަތިޔާރެއްވެސް ނެތް މީހެއްކަން އެ މީހުންނަށް ޔަގީން ކުރެވުނު ހިސާބުން، ނޫސްވެރިކަމާ ބެހޭގޮތުން ސުވާލުކުރަންފެށީ. އަހަރެން ގާތު މަސައްކަތާގުޅޭ އެތައް ސުވާލެއް ކުރި. އޭގެ ފަހުން އަހަރެމެން އެރުވީ ޓްރަކްތަކަކަށް. ޓްރަކްތަކުގަ ގެންދިޔައީ ޑިޓެންޝަން ސެންޓަރުތަކަށް. އެ ގެންދިޔަ މަގުމަތީގަ އެތައް ފަހަރަކު ތޫނު އެއްޗެހިން އަހަންނަށް ހަމަލަދިން. އަނގައިގަ ޓޭޕްވެސް އެޅި. 7 ނޫނީ 8 ވަރަކަށް ސިފައިން، އަހަންނަށް ހަޖޫޖެހި އަޑުވެސް އެހިން. ނޫސްވެރިޔާ...ނޫސްވެރިޔާއޭ ގޮވަމުން. އޭން ކޮންމެ މީހަކު އަހަރެން ގައިގަ ތެޅި. އެކަމަކު މާ ބޮޑު އަނިޔާއެއް ވާ ކަހަލަ ގޮތަކަށް ނޫން ޖަހަނީ. ބަހުގެ ހަމަލަތައް ދީފަ، ޖިސްމާނީ އަނިޔާ ކުރަނީ، މާ ބޮޑުވަރު ނުވާ ގޮތަށް.
ޟިޔާއު ކަޙްލޫތު؛ ނޫސްވެރިއެއް

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމަށް 100އަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ފަލަސްޠީނުން މަރުވި މީހުންގެ އަދަދު 24000ށް އަރައެވެ. ވައްޓާލާފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް އިތުރު އެތައް ހާސް ބައެއްގެ ހަށިތައް ވާނެކަމަށް، ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ޒަޚަމްވި މީހުންގެ އަދަދު ލައްކައަކާ ގާތްކުރާއިރު، ބައެއް މީހުންނަކީ އުމުރު ދުވަހަށް ނުކުޅެދޭ ހާލުގައި ދުވަސްތައް ގުނަން މަޖުބޫރުވެފައި ތިބި މީހުންނެވެ. އޭގެ ތެރޭގައި ތުއްތު ކުދިންވެސް ހިމެނެއެވެ. ޣައްޒާގެ އެތައް ޖީލެއް މިއަދު ވަނީ ނުކުޅެދޭ ހާލުގައެވެ. ޔަތީމުވެފައެވެ. ބަނޑަށް ޖެހިފައެވެ.

- ކޮމެންޓް