ކ. މާލެ
|
1 މެއި 2024 | ބުދަ 07:35
ވިނީޝިއަސް ޖޫނިއާ ލަނޑު ޖަހާފައި އުފާ ފާޅުކުރަނީ
ވިނީޝިއަސް ޖޫނިއާ ލަނޑު ޖަހާފައި އުފާ ފާޅުކުރަނީ
ޑެއިލީ މެއިލް
ޗެމްޕިއަންސް ލީގް
ބަޔާނަށް މޮޅުނުވެވުނީ ވިނީޝިއަސް ޖެހި ދެ ލަނޑުން
 
ބަޔާން އާއި ރެއާލް އެއްވަރުވީ 2-2އިން

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ބަޔާން މިއުނިކް މޮޅުވާން ދަނިކޮށް ވިނީޝިއަސް ޖޫނިއާ ޕެނަލްޓީއަކުން ޖެހި ލަނޑުން ދެ ޓީމު 2-2އިން އެއްވަރުވެއްޖެ އެވެ.

ބަޔާންގެ އެލިއާންޒް އެރީނާގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލު ޖެހީ ވިނީޝިއަސް އެވެ. ރެއާލް އަށް ލީޑް ހޯދައިދިން މި ލަނޑު 25 ވަނަ މިނެޓުގައި އޭނާ ޖެހީ ބަޔާނުން މޮޅަށް ކުޅެކުޅެ ތިއްބަ އެވެ. އޭގެ ކުރިން ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތޯމަސް މުލާ އާއި ލެރޯއީ ސާނޭ އަދި ހެރީކޭން އަށް ވެސް ލިބިގެންދިޔަ އެވެ. ހުސްކޮށް އަރައި ސާނޭ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. ކީޕަރު އަންދެރޭ ލުނިން ކުރީގައި ހުއްޓައި ސެންޓަސާކަލް ތެރެއިން ލިބުނު ބޯޅަ ކޭން ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

ފުރަތަމަ ހާފަށް ފަހު ބަޔާންއިން މެދުތެރެއަށް ބަދަލު ގެނެސް ދެ ވަނަ ހާފުގައި އެޓޭކް ވަރުގަދަ ކުރި އެވެ. ނަތީޖާއެއްގެ ގޮތުން ސާނޭ ލަނޑު ޖެހީ ފަހު ހާފު ފަށައިގެން އަށް ވަނަ މިނެޓުގަ އެވެ. އޭގެ ތިން މިނެޓު ފަހުން ލިބުނު ޕެނަލްޓީއިން ކޭން ލީޑް ހޯދައިދިނެވެ. ނަމަވެސް މެޗުގެ ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް ބަޔާން އަށް އެއްވަރުކޮށްދިނީ އަނެއްކާ ވެސް ވިނީޝިއަސް އެވެ. އެއީ ރިޑްރީގޯ ޕެނަލްޓީ އޭރިއާ ތެރެއަށް ވައްޓާލުމުން ލިބުނު ޕެނަލްޓީއަކުންނެވެ.

ހެރީ ކޭން ޕެނަލްޓީއަކުން ގޯލް ޖަހަނީ - ޑެއިލީ މެއިލް

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑުން 15 ވަނަ ފަހަރަށް ތަށި ހޯދަން ކުރާ މަސައްކަތުގައި ފައިނަލަށް ދެވޭނީ ފަހު ލެގުގައި އަމިއްލަ ދަނޑުގައި މޮޅުވެގެންނެވެ. މި ދެ ޓީމުގެ ފަހު ލެގު ނުވަތަ މެޗު ކުޅޭނީ މި މަހުގެ އަށް ވަނަ ދުވަހުގެ ރޭ ރެއާލްގެ ސެންތިއާގޯ ބާނަބައު ސްޓޭޑިއަމުގަ އެވެ.

ފައިނަލަށްދާނެ ދެ ވަނަ ޓީމަކަށްވާނީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑް ނުވަތަ ފްރާންސްގެ ޕީއެސްޖީ އެވެ. މި ދެ ޓީމު ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗު އޮންނާނީ މިރޭ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް