ކ. މާލެ
|
20 މާރޗް 2024 | ބުދަ 13:49
ރައީސް ޑރ މުހައްމަދު މުއިއްޒު
ރައީސް ޑރ މުހައްމަދު މުއިއްޒު
ރައީސް އޮފީސް
މަގޭ ރިޕޯޓް
ރައީސް މުއިއްޒުގެ ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ނަމުގައި އަޅުވާލި ރީތި އަނދުން
ސަރުކާރުގެ ކުންފުނިތަކަށްވެސް ސިޔާސީ މަގާމްތައް ވީ ބޮޑުތަނުން އިތުރު
ވަޒީރުންގެ ފެންވަރުގައިވެސް އެތައް މަގާމެއް

ސަރުކާރަށް ނިސްބަތްވާހާ މީހަކު ދައްކަނީ ފޮނިވެލާފައި އެވާހަކައެވެ. ކުރީ ސަރުކާރުތައް ދެރަކޮށްލާފައި ބުނާ ބަދު ބަހެއްގެ ގޮތުގައެވެ. މާވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެން ދައުލަތުގެ ޚަރަދު ކުޑަކުރި ވާހަކައެވެ. ބޭކާރު ޚަރަދުތައް ނައްތާލީޔޯލައެވެ. ސަޅި ބަދަލުތަކެއް ގެނައީއޭ ވެސް ބުނެ އުޅެއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މިގެނައި ކަމަށް ބުނާ ބޮޑު ބަދަލަށް ރައްޔިތުންގެ ތެރެއިންވެސް އާޖުފާޖު ދަންނަ ބަޔަކު ވިސްނަން ފެށިއެވެ. ކަމުގެ އެކޮޅާ މިކޮޅަށް ނަޒަރު ހިންގާން ފެށިއެވެ. ސަރުކާރުން ހާމަނުކޮށް ދޫކުރި ބައިތައް ހުރިގޮތައް ބަހައްޓާފައި ހާމަކުރިއްޔާ ހާމަކުރި އެއްޗަކަށް ބަލައިގެން އަޅާ ކިޔަން ފެށިއެވެ. ކަމަކު ދާކަށް ނެތެވެ. ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ސަރުކާރުން ދެއްކި ފޮޓޯގަނޑާއި އޭގައި އޮތް ކެޕްޝަނަކާ ނުގުޅުނެވެ.

ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ނަމުގައި ކުރަންފެށި އެންމެ ބޮޑު ކަމަކީ ރަށްރަށުގައި ފަށާފައިހުރި ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުކާރު ނިމުނުއިރު ޕްރޮޖެކްޓްތަކެއް ނުހިނގާ ހަމަ އެންމެ ރަށެއްވެސް ނެތެވެ. އެކަމަކު މިހާރު އެއިން ޕްރޮޖެކްޓެއް ހިނގާ ރަށެއް ފެނުމަކީ ފަސޭހަ ކަމެއް ނޫނެވެ. ރަށްރަށުގެ ރައްޔިތުން އެވާހަކަ އެދަނީ ގޮވަމުންނެވެ. ބައެއް ރަށްރަށުގައި މަސައްކަތް ހުއްޓާލުމުގެ އިތުރުން މަސައްކަތައް ގެންގޮސްފައިހުރި ބައެއް ތަކެތިވެސް އެހެރަ ގެންގޮސް ނިމެނީއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ސަރުކާރުގެ ހަރަދުތައް އެންމެ ބޮޑަށް ކުޑަކޮށްފައި ވަނީ ޕީއެސްއައިޕީ ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހަރަދު ކުޑަކޮށްގެންނެވެ. އެގޮތުން މިދިޔަ އަހަރު ފެބުރުއަރީ 28ގެ ނިޔަލަށް ތަރައްގީގެ މަޝްރޫއުތަކަށް 2.3 ބިލިއަން ރުފިޔާ ހަރަދުކުރި އިރު މިއަހަރުގެ އެ މުއްދަތުގައި ހަރަދުކޮށްފައި ވަނީ 836.9 މިލިއަން ރުފިޔާ އެވެ. އެއީ، 1.5 ބިލިއަން ރުފިޔާގެ ހަރަދު ކުޑަކުރުމެކެވެ. 

މިއީ މިބުނާ މަޝްރޫއުތަކެވެ. ވަރަށް ސަޅި ފިޔަވަޅެކެވެ. ޒަމާނުންސުރެ ނުވެ ހުއްޓާ ރަށްރަށުގައި ފެށިގެން ކުރިއަށްދިޔަ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލީއެވެ. ޚަރަދު ކުޑަކުރާކަން ދައްކާށެވެ. އެކަމަކު ޚަރަދު ކުޑަކުރަން ނުކުރި އެހެން ކަމަކަށް ބަލާލަމާހެއްޔެވެ.

ސަރުކާރުން މުސާރައަށް ކުރި ޚަރަދުވީ ބޮޑުތަނުން އިތުރެވެ. އެކަމަކު އެއީކީ ސިވިލް ސަރވިސްއަށް މާބޮޑު އަދަދަކުން މީހުން އިތުރުވެގެނެއް ނޫނެވެ. ސަރުކާރުގެ ސިޔާސީ މަޤާމްތައް ސުމާރެއް ނެތްގޮތައް އިތުރުކޮށްލައިގެންނެވެ. މިއީ މިހާތަނަށް އެންމެ ގިނަ ސިޔާސީ މަގާމްތައް އުފެއްދި ސަރުކާރެވެ. މިނިސްޓަރުންގެ އިތުރުން މިނިސްޓަރުންގެ ފެންވަރުގައިވެސް މަދެއްކަ ބައިވަރެވެ. ސްޓޭޓުންނާއި ޑެޕިއުޓީންވެސް އިންތިހާ ގިނަކޮށެވެ. އަދި ފެނަކަ ފަދަ ތަންތަނަށް ކުރީ ސަރުކާރުން މާގިނަ މުވައްޒަފުން ނަގާފައޭ ބުނެ ކުރީ ސަރުކާރަށް ތާއީދު ކުރާ ދޮޅަހަކަށް މީހުން ވަކިކުރިނަމަވެސް އޭގެ އެތައް ގުނައެއް އިތުރުކޮށް އެތަންތަނަށްވެސް ވަޒީފާތަކަށް ސިޔާސީ މީހުން ވައްދައިފިއެވެ. ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަށް ފައި ނަގައިގެންނެވެ. އެގޮތުން މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް ކުރާ ހަރަދުތައް ކުޑަވެފައި ނުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެ ހިސާބުތަކުން ހާމަވާ ގޮތުގައި މުސާރަތަކަށް ކުރާ ހަރަދަށް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 270 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިއަހަރު މުސާރަތަކަށް 2.2 ބިލިއަން ރުފިޔާ ހަރަދުކުރިއިރު މިދިޔަ އަހަރު ހަރަދު ކުރީ 1.9 ބިލިއަން ރުފިޔާއެވެ.

ކޮންމެއަކަސް ނަމުން ޚަރަދު ކުޑައެވެ. އެކަމުން ލިބުނު ގެއްލުން ބޮޑެވެ. ސަރުކާރަކަށް ނޫނެވެ. ރަށްރަށުގައިތިބި ރައްޔިތުންނަށެވެ. އެވެރިންގެ އުއްމީދުތައް ކަމުގައިވި މަޝްރޫއުތައް ހުއްޓާލުމުންނެވެ. އޭގެ ކޮޅެއް މެދެއް ނުފެންނާތީއެވެ. ޚަރަދު ކުޑަކުރުމުގެ ނަމުގައި މިއަޅުވާލީ ރީތި އަނދުނެކެވެ.

- ކޮމެންޓް