ބޭންކް އޮފް މޯލްޑިވްސްއިން ހދ. ނޮޅިވަރަންފަރުގައި އައު ބްރާންޗެއް ހުޅުވައިފިއެވެ.
ބްރާންޗް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެ ބްރާންޗުގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ވެސް ވަނީ ގާއިމުކޮށްފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "ބޭންކުގެ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން އިސްލާމިކް ބޭންކިންގ ޚިދުމަތްތަކަށް އިސްކަންދީގެން އާންމު ފަރުދުންނާއި ވިޔަފާރިތަކުން ބޭނުންވާ ފަދަ ޚިދުމަތް ދޭނެ ބްރާންޗެއް މިއަދު ނޮޅިވަރަންފަރުގައި ހުޅުވުމަކީ އުފަލެއް ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ބޭންކިންގ ޚިދުމަތަށް ފަސޭހައިން ވާސިލުވެވޭނެ އިންތިޒާމުތައް ހަމަޖައްސައިދީ، އަޅުގަނޑުމެން މި ދަނީ މުޖުތަމައުތަކަށް ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުން ގެންނަމުން." އޭނާ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 151 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 209 އޭޓީއެމް އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.