Advertisement
ކ. މާލެ
|
12 މާރޗް 2024 | އަންގާރަ 19:54
ދުވާފަރު ދާއިރާގެ މެމްބަރު، އިސްމާއީލް އަހުމަދު
ދުވާފަރު ދާއިރާގެ މެމްބަރު، އިސްމާއީލް އަހުމަދު
ރާއްޖެއެމްވީ
މެމްބަރު އިސްމާއީލް
ޣައިރު ހާޒިރުގައި، ދަރަންޏެއް ސާބިތުވާގޮތަށް ކަނޑައެޅީ ސިޔާސީ މަގުސަދެއްގައި - މެމްބަރު އިސްމާއީލް
އެ މައްސަލަ ކުރިއަށްގެންދިޔައީ ޖަވާބުދާރީވާން ފުރުސަތު ނުލިބޭ ގޮތަށް

ޣައިރު ހާޒިރުގައި، ދަރަންޏެއް ސާބިތުވާ ގޮތަށް ކަނޑައެޅީ ސިޔާސީ މަގުސަދެއްގައި ކަމަށް، ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދުގެ މައްޗަށް ދަރަންޏެއް ސާބިތުވެ، 15 ދުވަހުގެ ތެރޭގައި އެ ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާއިރު، އެއީ ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ތ. ކަނޑޫދޫ ސްކޫލުގެ ތިން ކްލާސްރޫމެއް އެޅުމުގެ މަޝްރޫއު އޭނާގެ ކުންފުންޏަކުން ނަގައި، އެ މަސައްކަތް ހަވާލުކުރި ސަބް-ކޮންޓްރެކްޓަރަށް ދޭންޖެހޭ ފައިސާ ނުދީ އޮތުމުން، ދަރަނީގެ ގޮތުގައި 856،830 ރުފިޔާ އެ މަސައްކަތް ހަވާލުކުރި ސަބް ކޮންޓްރެކްޓަރަށް ދޭންޖެހޭ ކަމަށެވެ.

ދައުވާ ޖަވާބުދާރީވާން ކޯޓުން ދިން ފުރުސަތުގައި މެންބަރު އިސްމާއީލް އަހުމަދު ޖަވާބުދާރީވެފައި ނުވާކަމަށް ބުނިނަމަވެސް، އެ މައްސަލަ ކުރިއަށްގެންދިޔައީ ޖަވާބުދާރީވާން ފުރުސަތު ނުލިބޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

މި މަޝްރޫއަކީ އިސްމާއީލްގެ ކުންފުންޏާ 2018 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކުރި މަޝްރޫއެއް ކަމަށް ވާއިރު، މި މައްސަލައާ ގުޅިގެން މެމްބަރު އިސްމާއީލްގެ މައްޗަށް ދައުވާކުރީ މަސައްކަތް ސަބް-ކޮންޓްރެކްޓްކޮށްފައިވާ މޫސާ ޚަލީލް ކިޔާ މީހެކެވެ. ނަމަވެސް އޭނާއަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީފައިވާކަން، ކުރިން މި މައްސަލައިގައި ކުރި ހުކުމުން ސާފުކޮށް އެނގެން އޮތްކަން މެމްބަރު އިސްމާއީލް ވަނީ ފާހަގަކުރައްވާފައެވެ. އެއް މައުލޫއެއްގައި ގޮތް ނިންމާފައިވަނިކޮށް ދެވަނަ ފަހަރަށް ހަމަ އެ މައްސަލަ ބަލާފައިވާކަން ފާހަގަކުރައްވައި އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެހެންނަމަވެސް މިއީ 2020 ވަނަ އަހަރުވެސް ބަލާފައިވާ މައްސަލައެއް ކަމަށް ވުމުން މި މައްސަލަ ނުބެލޭނެކަން މެމްބަރު ފާހަގަކުރައްވައެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ވާގޮތުން، އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާނުކުރާނަމަ މެންބަރުކަމުގެ ޝަރުތު ހަމައެއްނުވާނެއެވެ. އެހެންކަމުން، 15 ދުވަހުގެ ތެރޭގައި މި ދަރަނި އަދާނުކުރާނަމަ މެމްބަރުކަމާމެދު ސުވާލު އުފެދޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް