ތަފާސް ހިސާބުތަކާއި އެނޫންވެސް މިންގަނޑުތަކުން އަޅާ ކިރާ ނަމަ، އެއް ބަޔަކު ސިފަ ކުރާ ގޮތުގައި އެއީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އަސްކަރިއްޔާއެވެ. ނަމަވެސް، އިންސާނިއްޔަތުކަމާއި އިންސާފުގެ ނަޒަރުން ބަލާއިރު، އެއީ ވަރުގަދަ އަސްކަރިއްޔާއެއްގެ ގޮތުގައި ސިފަ ކުރުމަށް ވުރެ، އެންމެ އެކަށީގެން ވާނީ، އެންމެ ޚުދުމުޚުތާރު އަސްކަރިއްޔާއޭ ބުނުމަކުންވެސް ދޮގަކަށް ނުވާނެއެވެ.
މި ދައްކަނީ ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދު، އެންމެ ވަރުގަދަ ޑިމޮކްރަސީ، މިހެން ގޮސް ޝަޚްސުގެ ހައިބަތު ގަދަ ކުރަން ބޭނުން ކުރާ ހުރިހާ ސިފަ ކުރުމެއް އަމިއްލައަށް ލިބިގަނެގެން އުޅޭ ޤައުމެއްގެ ވާހަކައެވެ. ފަތިފުށް ހަޑި، މުޑުދާރުވެފައި އޮތް ޤައުމެއްގެ ވާހަކައެވެ. މެދުއިރުމަތީގައި ކޯޅުމެއް ނުވަތަ ދެބަސްވުމެއް އުފެދޭ ކޮންމެ ފަހަރަކު، އެކަމުގެ ނާޖައިޒު ފައިދާ ނަގާ، އެ ހުޅުގަނޑުގެ ގިނި ނިވުނަ ނުދީ، ދަރު އަޅައަޅާ އޮންނަ ޤައުމެއްގެ ވާހަކައެވެ.
13 އަހަރަށް ދިގުލައި ދިޔަ ދާޚިލީ ހަނގުރާމައަކުން އަދިވެސް މުޅިން އަރައިގަނެވިފައި ނުވާ ސޫރިޔާއަކީ އިންތިހާއަށް ނުތަނަވަސް ވަމުން ދާ މެދުއިރުމަތީގެ މަސްރަހުގެ ޗޭނަށް އެންމެ ފަހުން އަނެއްކާވެސް އިތުރުވި ބޮޅެކެވެ. މިދިޔަ ހުކުރު ދުވަހުގެ ރެއަކީ، އެމެރިކާގެ އަސްކަރީ ޙަމަލާތަކެއް ސޫރިޔާއަށް ދިން ރެއެކެވެ. އެއީ ހަމަ ޔަޤީނުންވެސް ސޫރިޔާގެ އިސްތިޤުލާލަށް އަރައިގަތުމުގެ ސީރިއަސް ޖަރީމާއެއް ކަމަށް، ސޫރިޔާގެ އަސްކަރީ ތަޖުރިބާކާރުން ދަނީ ސިފަކުރަމުންނެވެ.
ހޮނިހިރު ދުވަހަށް އަލިވިލެމުން ދަނިކޮށް، ސޫރިޔާގެ އިރުމަތީ ޕްރޮވިންސެއްކަމަށް ވާ ދީރް އަލް-ޒޫރަށް އެމެރިކާގެ އަސްކަރިއްޔާއިން ޙަމަލާތަކެއް ދިނީ، ބައިނަލްއަޤުވާމީ މައިދާނުގައި އެމެރިކާގެ އެންމެ ވަރުގަދަ ހަތުރުގެ ގޮތުގައި އޮތް އީރާނުން އަތްގަދަ ކުރާ ކަމަށް ޝައްކު ކުރާ ސަރަޙައްދުތަކަކަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި 23 މީހެއްގެ ފުރާނަ ގެއްލުނު ކަމަށް ރިޕޯޓް ކޮށްފައި ވާ އިރު، އޭގެ ތެރޭގައި ސޫރިޔާގެ 9 ރައްޔިތަކު ހިމެނެއެވެ.
އެމެރިކާގެ ޙަމަލާތަކާ ގުޅިގެން ސޫރިޔާގެ ފޮރިން މިނިސްޓްރީއިން ރައްދު ދޭން ފެށީ ހޮނިހިރު ދުވަހުއެވެ. އެމެރިކާގެ ސަރުކާރަށް ރައްދު ދެމުން ސޫރިޔާގެ ފޮރިން މިނިސްޓްރީއިން ބުނީ، ދުނިޔޭގެ ހަމަޖެހުން ނަގާލާ އަސާސީ މަސްދަރަކީ އެމެރިކާ ކަމަށެވެ. ނުވަތަ އެމެރިކާގެ ސަރުކާރު ކަމަށެވެ.
ހުކުރު ދުވަހުގެ ރޭގެ ޙަމަލާއަކީ، ޢުރުދުންގައި އޮތް އެމެރިކާގެ އަސްކަރީ ފައުޖުގެ 3 މީހަކު، ޖެނުއަރީ 28 ވަނަ ދުވަހު މަރާލި ޑްރޯން ޙަމަލާގެ ރައްދުގައި ދިން ޙަމަލާއެއް ކަމަށް ބުނެއެވެ. އެމެރިކާ ސިފައިން މަރާލި ޑްރޯން ޙަމަލާއަކީ، ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމާ ގުޅިގެން އުފެދުނު ރުޅިވެރިކަމެއްގެ އަސަރެވެ. މިއާއެކު، މެދުއިރުމަތީގައި އީރާނުގެ ބާރު ކަނޑުވާލުމަށް އެމެރިކާއާއި އިޒްރޭލުގައި ނުފޫޒުގަދަ މަސްލަޙަތު އޮތް ކަމަށް ތަޖުރިބާކާރުން ސިފަ ކުރެއެވެ.
އެމެރިކާއިން ސޫރިޔާއަށް އެންމެ ފަހުން ދިން ޙަމަލާތައް ޢަމާޒު ކޮށްފައި ވަނީ ކަރަންޓުގެ ޚިދުމާތާއި، ސިނާޢީ މަސައްކަތްތައް ކުރިއަށް ގެންދާ ސަރަޙައްދުގެ އިތުރުން ތެލާއި ހަކަތައިގެ ސަޕްލައި ރައްކާ ކުރާ ހިސާބުގަނޑަކަށެވެ. ނަތީޖާއަކަށް ވީ އަސްކަރީ ސިފައިންގެ އިތުރުން މަދަނީ ފަރުދުންތަކެއްވެސް މަރުވެ ދިއުމެވެ. އެއީ ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސޫރިޔާގެ ފޮރިން މިނިސްޓްރީއިން ވަނީ ސިފަ ކޮށްފައެވެ. އަދި މެދުއިރުމަތީގައި ވަރުގަދަ ހަނގުރާމަގަނޑެއް ފެތުރިގެން ދިއުމުގެ ކުރިން އެ ޖަމިއްޔާގެ ޒިންމާތައް އުފުލުމަށްވެސް، ސޫރިޔާގެ ފޮރިން މިނިސްޓްރީއިން ވަނީ އދއަށް ގޮވާލާފައެވެ.
ޖެނުއަރީ 28 ވަނަ ދުވަހުގެ ޙަމަލާއަކީ، އޮކްޓޯބަރ މަހުގެ ކުރީކޮޅު އިޒްރޭލުން ޣައްޒާގައި ޤަތުލުޢާންމު ހިންގަން ފެށިފަހުން، މެދުއިރުމަތީގައި ނުތަނަވަސްވި މަސްރަޙުގައި އެމެރިކާގެ ސިފައިންތަކެއް މަރުވި ފުރަތަމަ ޙަމަލާއެވެ.
ތަޖުރިބާކާރުން ފާހަގަ ކުރާ ގޮތުން، އެމެރިކާއިން ޖަރީމާތައް ހިންގަމުން ދާ ކަމުގައި ވާ ނަމަ، އެކަމާ ދެކޮޅަށް ބަޔަކު ތެދުވުންވެސް ހަމަ އެގޮތުގައި ކުރިއަށް ދާނެއެވެ.
މިދިޔަ 4 މަހެއްހާ ދުވަހަށް ބަލާއިރު އެކަނިވެސް، އެމެރިކާއަށް ޢަމާޒުވާ ގޮތަށް އެތައް ޙަމަލާއެއް ވަނީ ދީފައެވެ. އެމެރިކާއަށް ލިބޭ ގެއްލުންވެސް ވަކި ކުޑައެއް ނޫނެވެ. ނަމަވެސް، އެމެރިކާއިން ރައްދު ޙަމަލާ ކަމަށް ބުނެ، އެހެން ޤައުމެއްގެ ފަސްގަނޑުގައި ހިންގަމުން އެ ދަނީ ޓެރަރިސްޓް އޮޕަރޭޝަނެއް ނޫން ހެއްޔެވެ؟ ޙަޤީޤީ މައްސަލައިން ދުނިޔެ ހަވާސާކޮށް، ސަރަޙައްދީ ހަނގުރާމައެއް ފަށަން ހިތްވަރު ދެނީ ނޫން ހެއްޔެވެ؟