Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2024 | ހުކުރު 18:11
މެމްބަރު އީސަ
މެމްބަރު އީސަ
މަޖިލިސް
ރުހުން ނުދިން ވަޒީރުން އަލުން މަޤާމަށް އައްޔަންކުރ
ރުހުން ނުދިން ވަޒީރުން އަލުން މަޤާމަށް އައްޔަންކުރުން މުޅި ދުނިޔޭގައި ވެސް ޤަބޫލުކުރާނީ ލަދުވެތިކަމެއްގެ ގޮތުގައި - އީސަ
ރުހުން ނުދިނުމުން ދެވަނަ ފަހަރު އެ ބޭފުޅަކު ޖެހިގެން އަންނަ ދުވަހު އެ މަޤާމަށް އައްޔަންކުރުމަކީ އެއީ ސިޔާސީ ގޮތުން ރީތި ކަމެއް ނޫން ކަަމަށް އީސަ ވިދާޅުވި

މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން މަޤާމަށް އައްޔަންކުރުން މުޅި ދުނިޔޭގައި ވެސް ޤަބޫލުކުރާނީ ލަދުވެތިކަމެއްގެ ގޮތުގައި ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުގެ އިތުރުން އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، އަދި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރަށް ރުހުން ނުދޭން އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމިއެވެ. ނަމަވެސް ސައީދަށް ރުހުން ދޭން ފެންނަ ކަަމަށް 37 މެމްބަރުން އަދި ރުހުން ނުދޭން ނުފެންނަ ކަމަށް 32 މެމްބަރުން ވޯޓުދެއްވިއެވެ. އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓުދެއްވީ 24 މެމްބަރުންނެވެ. ބާކީ 44 މެމްބަރުން ވޯޓުދެއްވީ އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށެވެ. އެހެންކަމުން އޭނާ އަށް ރުހުން ދޭން މަޖިލީހުން ފާސްވެފައެއް ނުވެއެވެ. އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އަށް ރުހުން ދޭން ނުފެންނަ ކަަމަށް 31 މެމްބަރުން، ރުހުން ދޭން ފެންނަ ކަމަށް 30 މެމްބަރުން ވޯޓުދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓުދެއްވަން ބޭނުން ނުވާ 8 މެމްބަރުން ތިއްބެވިއެވެ. އޭނާ އަށް ވެސް ރުހުން ދިނުމަށް މަޖިލީހުން ފާސްވެފައެއް ނުވެއެވެ.

Advertisement

އެ ބޭފުޅުންނަށް ރުހުން ނުދޭން ނިންމީ މިދިޔަ ހޯމަ ދުވަހު ކަމަށް ވާއިރު ހަމަ އެ ދުވަހު ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އެ ވަޒީރުން މަޤާމަށް އަލުން އައްޔަންކުރައްވާފައެވެ. އެކަމަށް އިޝާރާތްކުރައްވާ އީސަ ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދިނުމުން ދެވަނަ ފަހަރު އެ ބޭފުޅަކު ޖެހިގެން އަންނަ ދުވަހު އެ މަޤާމަށް އައްޔަންކުރުމަކީ އެއީ ސިޔާސީ ގޮތުން ރީތި ކަމެއް ނޫން ކަަމަށެވެ. އެހެންނަމަވެސް އެއީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއްތޯ ނޫންތޯ މިހާރު ޤާނޫނީ ގޮތުން ބަހުސް ކުރަމުންދާކަމަށް ވެސް އީސަ ވިދާޅުވިއެވެ. އީސަ ވަނީ އެއީ ޑިމޮކްރަސީ ބަލައިގަންނަ އުސޫލެއް ނޫން ކަަމަށް ވެސް ފާހަގަކުރައްވާފައެވެ.

ރުހުން ނުލިބުނު ވަޒީރުން މަޤާމަށް އައްޔަންކުރުމުން އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން 3 ވަޒީރުން ދެވަނަ ފަހަރަށް މަގާމުތަކަށް އައްޔަން ކުރައްވައި ހުވައި ކުރައްވާފައިވާތީ, މިއީ ދައުލަތަށާއި ސަރުކާރަށް ކުރާ އިތުބާރު ނެތިގެންދާނެ ކަމެއް ކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ)ގެ ދަށުން، ވަޒީރުންގެ މަޖިލީހަށް 17 ނޮވެންބަރު 2023ގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ 22 މެންބަރުންގެ ތެރެއިން ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ)ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 މެންބަރުން ވަޒީރުންގެ މަޖިލީހަށް އަލުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ)ގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ކަންތައްތަކާއި ގާނޫނުއަސާސީންނާއި ގާނޫނުން ހަވާލުކުރެވޭ ކަންތައްތައް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުންގެ މަޖިލީހެއް އޮންނާންވާނެކަމަށް ބަޔާންކޮށްފައި ވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ އެހެން މެންބަރުން އެ މަޖިލީހަށް އައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންވާނެ ކަމަށް އެ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހުންގެ ނަންތައް އެމީހުން އައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް