ކ. މާލެ
|
27 ޖެނުއަރީ 2024 | ހޮނިހިރު 09:35
އެމްބާޕޭ
އެމްބާޕޭ
ޓްވީޓަރ
ކީލިއަން އެމްބާޕޭ
އެމްބާޕޭ: ދާނީތަ؟ ހުންނާނާނީތަ؟
ރެއާލް މެޑްރިޑުން ހުށަހަޅާފައިވަނީ ޕީއެސްޖީ އަށްވުރެ ކުޑަ މުސާރައެއް

ފްރާންސްގެ ފޯވަޑް ކީލިއަން އެމްބާޕޭ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވަޑެވެ. އެންމެ ގިނަ ކުލަބުތަކުން ބޭނުންވާ ފޯވަޑްވެސްމެ އެވެ. އޭނާ އަކީ 2018 ވަނައަހަރުގެ ވޯލްޑްކަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އެވެ. 2022ގެ ވޯލްޑްކަޕުގެ ފައިނަލް މެޗުގައި ހެޓްރިކް ހަދައި މުބާރާތުގެ ރަންބޫޓު ހޯދި ފޯވަޑެވެ. އޭނާ ލައްވައި ކުޅުވަން ބޭނުންނުވާ ކުލަބެއް ދުނިޔެއަކު ނެޔެވެ. އެކަމަކު މިރޭހުގައި މިވަގުތު ތިބީ ތިން ކުލަބެކެވެ. އެއީ އޭނާ މިހާރު ކުޅެމުން އަންނަ ފްރާންސްގެ ޕީއެސްޖީ އާއި ސްޕޭނުގެ ރެއާލް މެޑްރިޑާއި އިނގިރޭސި ވިލާތުގެ ލިވަޕޫލެވެ. ނަމަވެސް ލިވަޕޫލަކީ އެމްބާޕޭގެ ވިސްނުމުގައި ވެސް ތިން ވަނަ އެވެ. އޭނާގެ މަންމަ ސަޕޯޓްކުރާ ޓީމުގެ ރަތްޖާޒީ ލާނީ ރެއާލް މެޑްރިޑަށް ނުދެވި، ޕީއެސްޖީގައި މަޑުކުރަން ބޭނުންނުވާނަމަ އެކަންޏެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އެކުލަބުން ވަނީ އޭނާ އަށް އާ ކޮންޓްރެކްޓެއް ހުށަހަޅައިފަ އެވެ. ނަމަވެސް އެމްބާޕޭ އާއި ޕީއެސްޖީގެ ގުޅުން މި ސީޒަން ފެށުމުގެ ކުރިން ގޯސްވީ ރެއާލް މެޑްރިޑަށް ދިއުމަށް އޭނާ ބޭނުންވެ، އެވާހަކަ ދެއްކުމުންނެވެ. ރެއާލްއާއެކު ސިއްރު އެއްބަސްވުމެއް ހެދިކަމަށް ތުހުމަތުކޮށް ޕީއެސްޖީގެ ފަރިތަކުރުންތަކުން ވެސް އޭނާ އެކަހެރިކުރިއެވެ.

ފީފާގެ ގަވާއިދުތަކުގެ ދަށުން ކޮންޓްރެކްޓް ހަމަވާން ހަ މަސް ދުވަހަށްވުމުން ކުޅުންތެރިޔާ އަށް ބޭނުން ކުލަބަކާއެކު މަޝްވަރާކުރެވިދާނެ އެވެ. މިހެންވެ ރެއާލްއިން މިހާރު ވަނީ އެމްބާޕޭ އަށް ރަސްމީކޮށް އެކުލަބުގެ ހުށަހެޅުން ފޮނުވައިފަ އެވެ. މިކަމުގައި ސިއްރެއްނުވެއެވެ. އަދި މި މުއާމަލާތް ނިންމުމުގެ މަޝްވަރާގައި އެންމެ އިސްކޮށް މަސައްކަތް ކުރަނީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. އެމްބާޕޭގެ ކުޑައިރުއްސުރެ ހުވަފެނަކީ ވެސް ރެއާލް މެޑްރިޑުގެ ޖާޒީގައި ކުޅެލުމެވެ. ޕެރޭޒް ދެކޭ ހުވަފެނަކީ އޭނާ ކުރިން ވެސް ދުނިޔޭގެ ތަރިން ރެއާލް ގެންދިޔަ ފަދައިން އެމްބާޕޭ އެކުލަބުގެ ޖާޒީ ލެއްވުމެވެ.

އެކަމަކު މިކަން ހުއްޓުވަން ޕީއެސްޖީން މަސައްކަތް ކުރަނީ ފަައިސާދީގެންނެވެ. ގަތަރުގެ މަހުޖަނަކު ހިންގާ ކުލަބުން އެމްބާޕޭ އަށް ހުށަހެޅީ އޭނާގެ މިހާރުގެ ކޮންޓްރެކްޓްގައިވާ އަދަދުތަކެވެ. އެއީ ސީޒަނެއްގައި މުސާރައިގެ ގޮތުގައި 37 މިލިއަން ޔޫރޯ ލިބޭ މުސާރައެކެވެ. ނަމަވެސް މިވަރުގެ މުސާރައެއްދޭން ރެއާލް މެޑްރިޑް ބޭނުމެއްނުވެ އެވެ. ފުރަތަމަ ސަބަބަކީ އެކުލަބުގައި ތިބި މޮޅު ކުޅުންތެރިން ކަމަށްވާ ބްރެޒިލްގެ ފޯވަޑް ވިނީޝިއަސް ޖޫނިއާ އާއި އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ފަދަ ކުޅުންތެރިންނަށްވުރެ ބޮޑު މުސާރައިގައި ކުޅުންތެރިއަކު ނުގެންނަން ވެގެންނެވެ. ރެއާލް ބޭނުންވަނީ އެކުޅުންތެރިންނާ އެއް މުސާރައެއްގައި އެމްބާޕޭ ކުޅެދިނުމަށެވެ. އެއީ ޕީއެސްޖީން ލިބޭ މުސާރައަށްވުރެ ކުޑަ އަދަދެކެވެ. ދެ ވަނަ ކަމަކަށް ޕީއެސްޖީ އާއި ރެއާލްގެ ކާމިޔާބީތައް އުޑާބިމާހާ ތަފާތުވުމެވެ. ރެއާލް ބޭނުންވަނީ އެކުލަބަކީ ދުނިޔޭގެ އެންމެ ކާމިޔާބު ކުލަބަކަށްވުމުން އެމްބާޕޭ ކުޅޭހިތުން އެކުލަބަށް އައުމަށެވެ.

މުސާރަކުޑަކޮށް ރެއާލްއަށް ދިއުމާމެދު އެމްބާޕޭ ވަކި ގޮތެއް ނުނިންމަ އެވެ. އަނެއްކޮޅުން އޭނާގެ މުސާރަ މިވަގުތު ބޮޑުކޮށްދޭން ޕީއެސްޖީން ވެސް ބޭނުމެއްނުވެއެވެ. ސަބަބަކީ ކޮންޓްރެކްޓް ނިމެންދެން އެހެން ކުލަބަކާއެކު އެއްބަސްނުވެ، ޕީއެސްޖީގައި މަޑުކުރަން އެއްބަސްވެއްޖެނަމަ ވަފާތެރިކަމުގެ ބޯނަސްގެ ގޮތުގައި އެކުލަބުން އޭނާ އަށް އެތައް މިލިއަން ޑޮލަރެއް ދިނުމަށް ހުށަހަޅާފައި އޮތުމެވެ. ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރެ ދެ ފަހަރެއްގެ މަތިން ރެއާލް އަށް ކުޅެން އަނގަބަހުންނާއި ސިއްރު އެއްބަސްވުމެއް ހެދި ކަމުގެ ތުހުމަތު ކުރެވޭތީވެ ޕީއެސްޖީން މިހާރު ބޭނުންވަނީ މި ފައިސާ ދިނުމުގެ ކުރިން އެމްބާޕޭ ޓެސްޓުކޮށްލާށެވެ. މިހެންވެ މިއީ ހަގީގަތުގައި ވެސް ފްރާންސްގެ ކެޕްޓަން ނިންމަންޖެހޭ ވަރަށް ސީރިއަސް އަދި ނާޒުކު ނިންމުމެއް ކަމަށް ސްޕޭނާއި ފްރާންސްގެ މީޑިއާތަކުން ގަބޫލުކުރެ އެވެ. އަނެއްކޮޅުން ކޮންމެ ގޮތެއް ހަދާފައި ވެސް އެމްބާޕޭ ހިލޭ ދޫކޮށްލަން ޕީއެސްޖީން ބޭނުމެއްނުވެ އެވެ. އަމުދުން ރެއާލް މެޑްރިޑަށް އޭނާ ދިޔަނުދޭން ކުލަބުގެ ވެރިޔާ ނަސީލު އަލް ހަލީފާ ހުރީ ނިކަން ރަނގަޅަށް ފައި ވިއްދާފަ އެވެ.

މިއިން އެއްވެސް ގޮތަކާމެދު ހިތްހަމަނުޖެހޭނަމަ އޭނާ އަށް އޮތް އަނެއް ގޮތަކީ ކުޑަ މުސާރައެއްގައި ލިވަޕޫލްގައި އަހަރެއްހާ ދުވަހު ކުޅުމަށްފަހު ކުރިމަގާމެދު ގޮތެއް ނިންމުމެވެ. ލިވަޕޫލުން ވެސް ގަބޫލުކުރަނީ އެކުލަބުން ކިތަންމެ ބޭނުންވި ނަމަވެސް، އެމްބާޕޭގެ ސޮއި ހޯދޭނީ ނަސީބުއެހީވެ، ލިބޭ ހަނިޗާންސަކުން ކަމަށެވެ.

- ކޮމެންޓް