ދެ ސަބަބަކާ ހެދި ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ އިދާރާ ނޯމަލައިޒް ކުރުމަށް ފީފާއިން ވަނީ ނިންމައިފަ އެވެ. މިއާއެކު މިހާރު އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައިވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ ބާރު ހޯދުމަށެވެ. މިކަމަށް މަސައްކަތް ކުރަނީ އެފްއޭއެމުގެ ބާރު މިހާތަނަށް ލިބިފައިތިބި ފަރާތްތަކާއި އެމީހުންނާ އިދިކޮޅަށް ކުޅޭ ފަރާތްތަކުންނެވެ.
އިތުބާރު ހުރި ގޮތަކަށް ކަށަވަރުވެފައިވާ ގޮތުގައި ނޯމަލައިޒޭޝަން ކޮމިޓީ އަށް ނަންތައް ފޮނުވާފައިވަނީ ތިން ފަރާތަކުންނެވެ. އެއީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި އެފްއޭއެމުގެ ރައީސް ކަމަށް ކުރިމަތިލެއްވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ އަހުމަދު ތޯރިގް (ޓޮމް) އާއި ސަސްޕެންޑްކޮށްފައިވާ އެފްއޭއެމުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޭނާ އަށް ތާއީދު ކުރާ ފަރާތްތަކުންނެވެ.
ފޮނުވާފައިވާ ނަންތަކުގެ ތެރޭގައި ހިމެނީ ފުޓްބޯޅައިގެ ލެޖެންޑުނާއި ކޯޗުންނާއި ފުޓްބޯޅަ ހިންގުމުގެ ތެރޭގައި ހަރަކާތްތެރިވެފައިވާ ތަޖުރިބާކާރުންނާއި ފުޓްބޯޅައިގެ ތެރޭގައި އަމަލީގޮތުން ނޫޅުއްވާ އެކި ދާއިރާތަކުގެ މީހުންގެ ނަމެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ ބާރު ހޯދަން އުޅެނީ ކީއްވެ؟
އެފްއޭއެމް ނޯމަލައިޒް ކުރަން ނިންމީ ދެ ސަބަބަކާހުރެ އެވެ. އެއީ އިދާރީ ހިންގުން ބޮއްސުންލައި، ތަން ހިންގާނެ ބަޔަކު ނެތުމުންނާއި ފައިސާ އަށް ހިޔާނާތްތެރިވިކަން ފީފާގެ އޮޑިޓްތަކުން ފަޅާ އެރުމުންނެވެ. އެންމެ ދިގުވެގެން އެއް އަހަރު ދުވަހަށް އެކުލަވާލާ އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީ އަށް މީހުން ނަގާނީ ފީފާއިންނެވެ. ކޮމިޓީގައި ތިބޭނީ ކިތައް މީހުންކަން ވެސް ނިންމާނީ އެ ޖަމާއަތުންނެވެ. ފީފާއިން މިހާރު ކުރަމުންދާ ކަމަކީ ރާއްޖެއިން ޖުލައި 31ގެ ނިޔަލަށް ފޮނުވާފައިވާ ނަންތައް ދިރާސާކޮށް، އެމީހުންނާ ވަކިވަކިން ވާހަކަ ދެއްކުމެވެ.
ކޮރަޕްޓް ވެފައިވާ ރާއްޖޭގެ ފުޓްބޯޅަ ހިންގަން ހަވާލުވާ ނޯމަލައިޒޭޝަން ކޮމިޓީ އަކީ ވަރަށް ގިނަ ބާރުތަކެއް ލިބިފައިވާ ކޮމިޓީއެކެވެ. މި ގޮތުން ފީފާއިން ވަނީ މި ކޮމިޓީގެ މެމްބަރުންނަށް މައިގަނޑު ގޮތެއްގައި ހަ ކަމެއް މަތިކުރަން ނިންމައިފަ އެވެ. އެއީ:
- ފީފާ އަދި އޭއެފްސީން ދީފައިވާ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާނަމަ އެ ފައިސާ ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ހޯދުން.
- އެފްއޭއެމުގެ އަސާސީ ގަވައިދާއި އިލެކްޓޯރަލް ކޯޑު އިސްލާހު ކުރުން
- ދަރަނި ރީސްޓްރަކްޗާ ކުރުން
- ފީފާއިން އައްޔަންކޮށްފައިވާ މާލީ ކޮންސަލްޓަންޓާ ގުޅިގެން ކަންކަން އިންތިޒާމް ކުރުމާއި ފީފާގެ ފޮރެންސިކް އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒު ކުރުން
- އެފްއޭއެމުގެ އައު އިންތިހާބު ބޭއްވުން
- މުބާރާތްތައް ބާއްވައި އެފްއޭއެމް ދުވަހުން ދުވަހަށް ހިންގުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރު
ރާއްޖޭގެ އެފްއޭއެމް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ނޯމަލައިޒް ކޮށްފަ އެވެ. އެކަމަކު މީގެ ކުރީ ދެ ފަހަރު ވެސް ފައިސާއަށް މަކަރު ހެދުން ފަދަ ކަމެއް ދިމާވެފައިނުވެ އެވެ. ކުރި އާއި މިފަހަރުގެ އެންމެ ބޮޑު ތަފާތަކީ އެފްއޭއެމުގެ މުދަލާއި ގެއްލިފައިވާ ކަމަށް ބެލެވޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރަން ޖެހިފައިވުމެވެ. އަދި އެކަމުގައި ކުށްވެރިޔާ ބަޔަކު ތިބިނަމަ އެބަޔަކު ހޯދައި ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމެވެ. އެފްއޭއެމުގެ ނިމިދިޔަ ދެ ދައުރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ފީފާއިން 9 މަސް ދުވަހަށް ސަސްޕެންޑްކުރީ މިފަދަ ހިޔާނާތުގެ މައްސަލައެއްގަ އެވެ. އޭނާގެ މައްޗަށް ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލް ވެސް ވަނީ ދައުވާތަކެއް އުފުލައިފަ އެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ ހޯދުންތަކުން މިފަދަ އިތުރު ސަސްޕެންޝަންތަކާއި ދައުވާތައް އައުމަކީ ވަރަށް ގާތްކަމެކެވެ. ބައްސާމް އިތުރު މުއްދަތަކަށް ސަސްޕެންޑްވުމަކީ ވެސް ވަރަށް ގާތްކަމެކެވެ. އޭނާއާއެކު ރާއްޖޭގެ ފުޓްބޯޅަ އިދާރާ ހިންގަން ތިބި ނައިބުންނާއި އެޑްވައިޒަރުންނާއި ބައެއް ކުލަބުތަކުގެ އިސްމީހުންނާ މިހާރު ވެސް ދިވެހި ފުލުހުންނާއި ފީފާގެ އޮޑިޓަރުން އެދަނީ ސުވާލުކުރަމުންނެވެ.
މީގެ އިތުރުން އެފްއޭއެމުގެ މުދަލުން މާލީ މަންފާ ހޯދަމުންދާ އަދި ހޯދާފައިވާ ފަރާތްތައް ޝަރީއަތާ ކުރިމަތިލާން ވެސް ޖެހިދާނެ އެވެ. ނިމުނު މަދު ޕްރޮޖެކްޓްތަކާއި ހަވާލުކޮށްފައިވާ ގިނަ ޕްރޮޖެކްޓްތައް ވަނީ ކޮރަޕްޝަނުގެ ތެރޭގަ އެވެ. ފުޓްބޯޅަ ސްކޫލް އެޅުމަށް 2016 ވަނަ އަހަރު ހުޅުމާލެއިން ދީފައިވާ ބިން ފޮތިފޮތިކޮށް، ހަދާފައިވާ ގުދަންތަކުގެ މައްސަލައަކީ ބޮޑު ހިޔާނާތެކެވެ. އެފްއޭއެމުގެ 20 ބުރީގެ އިމާރާތް ނިމެންދެން، ކަޅުތުއްކަލާ ކޮށި ކުރިމަތީގައި ހަދާފައިވާ ވަގުތީ އިމާރާތް އެހުރީ ގުދަންތަކުގެ ގޮތުގައި ކުއްޔަށް ދޫކޮށްފަ އެވެ. ޓާފް ދެ ދަނޑުގެ މެދުގައި ހުރި ޗޭންޖިންރޫމްތަކާއި ފާހާނާތައް ވެސް ވަނީ ގުދަންތަކަށް ބަދަލުކޮށްފަ އެވެ. ކޮވިޑްތެރޭގައި ފީފާއިން ދީފައިވާ އެއް މިލިއަން ޑޮލަރުގެ ލޯނަށް ވީނުވީއެއް ނޭނގެ އެވެ. ޑޮލަރު މާރުކުރުމުގެ ނަމުގަ އާއި އެކިއެކި ހިދުމަތް ހޯދާފައި އެކި ފަރާތްތަކަށް ނުދައްކާހުރި ފައިސާގެ ގިނަ މައްސަލަތަކަށް ސިވިލް ކޯޓުން ނިންމައި އެފްއެއެމުގެ މައްޗަށް ވަނީ ދަރަނި ހަލާސްކުރަން އަމުރުކޮށްފަ އެވެ. މުވައްޒަފުން ތިބީ އެތައް މަހެއްގެ މުސާރަ ނުލިބި އެވެ. އެއާލައިންތަކާއި ހޮޓާތަކާއި، ފިހާރަތަކަށް އެފްއޭއެމް ވަނީ ދަރައިފަ އެވެ. އަންދާރާ ކުރެވޭ ގޮތުގައި އެފްއޭމުގެ ދަރަނި 90 މިލިއަން ރުފިޔާއާ ގާތްކޮށްފާނެ އެވެ.
މިކަންކަން ނުވާކަމަކަށް ހަދައި އޮއްބާލުމަކީ އެއްބަޔަކު ބޭނުންވާ ގޮތެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ބާރު ހޯދުމަށް އަނެއް ބަޔަކު ބޭނުންވަނީ ފުޓްބޯޅަ މެދުވެރިއަކަށް ހަދާފައި ދުނިޔޭގެ ނުފޫޒުގަދަ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމަށެވެ. ބާރުގަދަ މީހުންނާ އެއް މޭޒުވެ، ރަނގަޅު ޑީލްތަކެއް ހޯދުމަށެވެ.
މި ފަހަރު އެކުލަވާލާ ނޯމަލައިޒޭޝަން ކޮމިޓީ އަކީ ހަމައެކަނި އިންތިހާބު ކަރުދާސް ތައްޔާރުކުރާ ބަޔަކަށްނުވާނެ އެވެ. އެއީ ބޮޑު ޒިންމާތަކެއް އޮންނާނެ ބައެކެވެ. ޖަވާބުދާރީވާންޖެހޭނެ ބައެކެވެ. އެކަމަކު އެއްބަޔަކު މަސައްކަތް ކުރަމުން އެދަނީ ހިންގާފައިހުރި ޖަރީމާތައް ފޮރުވުމަށެވެ. އަނެއް ބަޔަކު މަސައްކަތް ކުރަމުން އެދަނީ މިކަންކަމަށް ނިމުން ގެނެވޭތޯ އެވެ. ނޯމަލައިޒޭޝަން ކޮމިޓީ މާ މުހިންމު ވެގެން އުޅޭ ނިޔަތް ރަނގަޅެއް ނޫނެވެ.