Advertisement
ކ. މާލެ
|
25 ޖެނުއަރީ 2024 | ބުރާސްފަތި 09:43
އިންޑިޔާއަށް ތަމްރީން ހެދުމަށް ގޮސްތިބި ދިވެހިންގެ ގުރޫޕެއް
އިންޑިޔާއަށް ތަމްރީން ހެދުމަށް ގޮސްތިބި ދިވެހިންގެ ގުރޫޕެއް
ޓްވިޓަރ
ރާއްޖެ - އިންޑިއާ
އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
ސަރުކާރުން މިހާތަނަށް އައި އިރު އިންޑިއާގައި އޮންނަ ތަމްރީންތަކަށް މީހުން ނުފޮނުވަން ނިންމިކަން ރަސްމީކޮށް އާއްމުކޮށްފައެއް ނުވޭ
މިފަދަ ނިންމުމެއް ސަރުކާރުން ނިންމި ސަބަބު ސާފެއް ނުވޭ
މިގޮތަށް އަންގަވާފައިވަނީ ވަޒީރުންނަށް ރައީސް ފޮނުއްވި ޓެކްސްޓް މެސެޖެއްގައި

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ވަނީ ވަޒީރުންނަށް އެއްވެސް އިންޑިއާގެ ތަމްރީނަަކަށް ދިވެހިން ނުފޮނުވަން އަންގަވާފައެވެ. އަދި ވަޒީރުން ވަނީ ޓެކްސްޓް މެސެޖެއް މެދުވެރިކޮށް ކަމާއި ގުޅުން ހުރި ފަރާތްތަކަށް ރައީސްގެ އެންގެވުމާއި އެއްގޮތަށް އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް އާއްމުން ފޮނުވުން މަޑުޖައްސާލަން އަންގަވާފައެވެ. ރާއްޖެއެމްވީ އަށް ވަނީ އެ ޓެކްސްޓް މެސެޖް ފެނިފައެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް އައި އިރު އެ މައުލޫމާތުތައް ރަސްމީކޮށް އާއްމުކޮށްފައެއް ނުވެއެވެ. އަދި އެފަދަ ނިންމުމެއް ނިންމުމާމެދު މަޝްވަރާކުރިކަން ވެސް ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން މިފަދަ ނިންމުމެއް ސަރުކާރުން ނިންމި ސަބަބު ސާފެއް ނުވެއެވެ.

Advertisement

ރައީސް މިފަދަ އެންގެވުމެއް އަންގަވާފައި މި ވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ދުވަހަކުވެސް ނުވާވަރަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. އިންޑިއާ އަކީ ރާއްޖޭގައި އެކި ދާއިރާތަކުން މީހުން ބިނާކުރުމުގައި އެންމެ ބޮޑު އެއް ބައިވެރިޔާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ތަފާތު އެކި ދާއިރާތަކުން މީހުން ތަމްރީންކުރުމަށާއި ފަންނީ ތަޖުރިބާ ހާސިލްކުރުމަށް އިންޑިއާ އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެފައި ވަނީ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އިންޑިއާގެ ވެރިންނަށް ނިސްބަތްކޮށް ނަސްލީ ތަފާތުކުރުންތަކާއި، ދަށު ދަރަޖައިގެ ވާހަކަތައް ހިމެނޭ މެސެޖުތަކެއް މީސްމީޑިއާގައި ހިއްސާކުރުމާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން އިންޑިއާގައި "ބޮއިކޮޓް ރާއްޖެ ކެމްޕެއިން" އެއް ވެސް ވަނީ ފެށިފައެެވެ. ފާއިތުވެދިޔަ އަހަރުތަކުގައި އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައި ޤައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ.

އެހެންނަމަވެސް މި ނުތަނަވަސްކަން އުފެދުނު ފަހުން ވެސް އިންޑިއާ އިން އައީ ތަފާތު ތަމްރީންތަކާއި، އެކްސްޗޭންޖް ޕްރޮގްރާމްތަަކަށް މީހުން ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް