ކ. މާލެ
|
17 ޖެނުއަރީ 2024 | ބުދަ 21:33
ރައީސް ޑރ. މުއިއްޒު ޗައިނާގެ ބޮޑުފާރުގައި
ރައީސް ޑރ. މުއިއްޒު ޗައިނާގެ ބޮޑުފާރުގައި
ރައީސް އޮފީސް
ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅު
ޗައިނާގެ ބޮޑުފާރަށް ރައީސްގެ ދެކަނބަލުން ކުރެއްވި ޒިޔާރަތުގައި ސޮއިކުރައްވާފައިވާ ލިޔުމަކީ ޚާރިޖީ ވުޒާރާއިން ލިޔެފައިވާ ލިޔުންކޮޅެއް
ޕްރޮޓޮކޯލް ހަމަޖެހިފައިވާ އާއްމު އުސޫލުން އަމަލުކޮށްފައިވޭ
މެހެމާނުން ސޮއި ކުރައްވާ ރަސްމީ ފޮތުގައި ލިޔުއްވި ލިޔުން ކޮޅުގައި ވަރަށް ގިނަ ކުށް ހުރި
ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި

ޗައިނާގެ ބޮޑުފާރު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުރެއްވި ޒިޔާރަތުގައި ދެބޭފުޅުން ސޮއިކުރައްވާފައިވާ ލިޔުމަކީ ޚާރިޖީ ވުޒާރާއިން ލިޔެފައިވާ ލިޔުންކޮޅެއް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

Advertisement

ރާއްޖެއެމްވީން ކުރި ސުވާލަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލު ވިދާޅުވީ ޗައިނާގެ ބޮޑުފާރު ބައްލަވައިލެއްވުމަށް ރައީސް ކުރެއްވި ޒިޔާރަތުގައި މެހެމާނުން ސޮއިކުރައްވާ ފޮތުގައި ރައީސްގެ ދެކަނބަލުން ސޮއިކުރެއްވި ލިޔުމަކީ ޚާރިޖީ ކަންކަމާ ބެހޭ އޮފީހުގެ ފަރާތުން ލިޔެފައިވާ ލިޔުމެއް ކަމަށެވެ. މިފަދަ ކަންކަމުގެ ޕްރޮޓޮކޯލް ހަމަޖެހިފައިވާ އާއްމު އުސޫލުން އަމަލުކޮށްފައިވާ ކަމަށް ޚަލީލު ވިދާޅުވިއެވެ.

ރައީސްގެ ދެކަނބަލުން ޗައިނާގެ ބޮޑުފާރު ހިމެނޭ ސަރަހައްދަށް ޒިޔާރަތް ކުރައްވައި ސޮއިކުރެއްވި ލިޔުންކޮޅު

ރައީސްގެ ދެކަނބަލުން ޗައިނާގެ ބޮޑުފާރު ހިމެނޭ ސަރަހައްދަށް ޒިޔާރަތް ކުރައްވައި ޚާއްސަ މެހެމާނުން ސޮއި ކުރައްވާ ރަސްމީ ފޮތުގައި ލިޔުއްވި ލިޔުން ކޮޅުގައި ވަރަށް ގިނަ ކުށް ހުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއީ ގައުމެއްގެ ރައީސަކު ލިޔުއްވާ ފެންވަރުގެ ލިޔުންކޮޅަކަށް ވުރެ ފެންވަރު ދަށް ވަރަށް އާދައިގެ ލިޔުންކޮޅެއް ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސްގެ ދެކަނބަލުން ލިޔުއްވި ހަނދާނީ މެސެޖުގައި ޗައިނާގެ މި ބިނާއަކީ ހިތްވަރާ ކާމިޔާބީއާ އެކުވެރިކަމުގެ ތާރީޚީ ރަމްޒެއްކަމުގައި ސިފަކުރައްވާފައިވެއެވެ. އަދި ޗައިނާގެ ނަންހުރި ޙަޟާރަތަށް ތާރީފުކުރައްވާފައިވެއެވެ.

ޗައިނާގެ ބޮޑުފާރަކީ ތާރީޚީ ގޮތުންނާއި، ސަގާފީ ގޮތުންނާއި، އެތަނުން ދައްކުވައިދޭ ނަމޫނާ މަސައްކަތްތެރިކަމުގެ ސަބަބުން ޔުނެސްކޯގެ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިނާއެކެވެ. މިފާރަކީ 21000 ކިލޯމީޓަރަށްވުރެ ދުރަށް ދިގުދެމިފައިވާ ޗައިނާގެ ތާރީޚީ މުހިންމު ބިނާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް