ކުދިި އަދި މެދުފަންތީގެ ވިޔަފާރި (އެމް.އެސް.އެމް.އީ) އަށް އައު ބާޒާރުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އެމް.އެސް.އެމް.އީ ދުވަހާއި ގުޅުވައިގެން، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާ ކުރެއްވި ޕޯސްޓެއްގައި، މިފަދަ ވިޔަފާރިތައް ބާރުވެރި ކުރުވުމަށާއި، އެ ވިޔަފާރިތަކަށް އައު ބާޒާރުތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނޭކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
އިގުތިސާދު ސިންދަފާތު ކުރުމުގައި ކުދި ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވައި ރައިސް މުއިއްޒު ވިދާޅުވީ ނިމިގެންދިޔަ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ވެގެންދިޔައީ، އެމް.އެސް.އެމް.އީ.ތަކުގެ ދައުރުފުޅާކޮށް، އައު ބާޒާރުތަކާއި، އައު ފުރުސަތުތަކަށް ހުޅުވިގެންދިޔަ މައުރަޒަކަށް ކަމަށެވެ. އަދި، މިއީ 2040 ވަނަ އަހަރާއި ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށްވުމަށް ކުރެވޭ މަސައްކަތުގައި އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ މެސެޖުގައި، މިއަހަރުގެ ޝިޢާރު ކަމުގައިވާ، "ދެމެހެއްޓެނިވި ކުރިއެރުމާއި އީޖާދުކުރުން ކުރިއެރުވުމުގައި އެމް.އެސް.އެމް.އީ.ގެ ދައުރު ފުޅާކުރުން،" މިއީ އެންމެން ޝާމިލުވާ، ވިލުންތެރި ތަރައްގީގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ ގައުމީ ތަސައްވުރާއި ގުޅިފައިވާ ޝިއާރެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، އެމް.އެސް.އެމް.އީ.ތަކަކީ މުޖުތަމައުތައް ހަރުދަނާކޮށް، ސަގާފީ ތަކިރަތައް ހިމާޔަތްކޮށް، ޚާއްސަކޮށް މަސްވެރިކަމާއި އުފެއްދުންތެރި ސިނާއަތްތަކުގައި އީޖާދީ ވިސްނުން ކުރިއަރުވައި، ރާއްޖޭގައި ވިޔަފާރީގެ ވާދަވެރިކަން ގެނެސްދޭ ބައެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިގުތިސާދީ ކުރިއެރުމަށް އެމް.އެސް.އެމް.އީ.ތަކަށް ސަގާފީ ތަރިކައިގެ ބޭނުން ހިފުމަށް މަގުފަހިކޮށްދީގެން، އުފެއްދުންތެރިކަމުގެ ދާއިރާގެ ހިއްސާ އިތުރުކޮށް، ރާއްޖޭގެ އުފެއްދުންތެރިކަމުން ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތް 15 އިންސައްތައަށް މަތިކުރުމަކީ އުފެއްދުންތެރި އިގުތިސާދީ އިސްތިރާޖުގެ އަމާޒުކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އެގޮތުން، އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ތައާރަފްކުރި 100 މިލިއަން ރުފިޔާގެ ލޯން ސްކީމުން މިހާތަނަށް، އަންހެންކަނބަލުން އިސްނަގައިގެން ހިންގާ 350 އަށް ވުރެ ގިނަ ވިޔަފާރިއަށް އެހީތެރިކަން ފޯރުކޮށްދެވި، އެސް.އެމް.އީ ފައިނޭންސިންގ އަށް އަމާޒުކުރެވިގެން ހުޅުވާލެވޭ ލޯން ސްކީމްތަކުން، ރަށްތަކުގެ އާބާދީތަކަށް ލިބެމުންދާ ކުރިއެރުންތައް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ ވިލުންތެރިކަމާއި އިޖާދީ ވިސްނުމަށް ތައުރީފްކުރައްވައި، މިދާއިރާގައި މައުލޫމާތު ބަދަލުކުރުމާއި ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމަށް ދައުލަތުން އިސްކަންދެއްވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.
ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުގައި ކުދި ވިޔަފާރިތައް ބަގުރޫޓުވަމުންދާ ކަމަށް ބައެއް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ. ސަރުކާރުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުގެ އިތުރުން ލިބެންޖެހޭ ފައިސާ ނުލިބޭ ޝަކުވާ ވެސް ވަނީ ބޮޑުވެފައެވެ.