ކ. މާލެ
|
25 މެއި 2025 | އާދީއްތަ 13:08
ދިވެހީންގެ އުފެއްދުންތެރިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ދިވެހީންގެ އުފެއްދުންތެރިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ގައުމީ އުފެއްދުންތެރިކަން
އަމިއްލަ މުއްސަނދިކަމާ، މުޅި ގައުމުގެ މުއްސަނދިކަން ހާސިލްކުރުމަށް އެންމެން ގުޅިގެން އެކުގައި ކުރިއަށްދާންޖެހޭ: ރައީސް މުއިއްޒު
2030ށް މުޅި ޖީޑީޕީގެ 15 އިންސައްތަ އާމްދަނީ، ކްރިއޭޓިވް އިންޑަސްޓްރީއިން ލިބޭ މިންވަރަށް މި ސިނާއަތް ފުޅާކުރާނެ
އަމިއްލަ އުފެއްދުންތެރިކަން ދެއްކުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާނެ
އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ކުރާނެ

އަމިއްލަ މުއްސަނދިކަމާ، މުޅި ގައުމުގެ މުއްސަނދިކަން ހާސިލްކުރުމަށް އެންމެން ގުޅިގެން އެކުގައި ކުރިއަށްދާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ކުރެއްވި ދެވަނަ ޒިޔާރަތުގައި ދައުލަތުގެ މީޑީއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، މިއަންނަ އަހަރަށް ބަހާލައިގެން އުފެއްދުންތެރިކަމަށް ފުޅާދާއިރާއެއްގައި ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތްކުރައްވާނެކަން ހާމަކުރެއްވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެގޮތުގައި ކަނޑައެޅުއްވުމަށް މަސައްކަތް ކުރައްވާކަމަށާއި އެކަން ކުރައްވާނީ މަޝްވަރާކުރައްވައި، ޕްލޭން ކަނޑައަޅުއްވައިގެން ވަށާޖެހޭ ގޮތަށް ކަމަށެވެ.

އަދި ކްރިއޭޓިވް އެކޮނަމީއެއް ގާއިމުކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގެ ވަރަށް މުހިންމު ވައުދެއްކަން ހާމަކުރައްވަމުން، 2030 ވަނަ އަހަރަށް ދާއިރު މުޅި ޖީޑީޕީގެ 15 އިންސައްތަ އާމްދަނީ، ކްރިއޭޓިވް އިންޑަސްޓްރީއިން ލިބޭ މިންވަރަށް އެ ސިނާއަތް ފުޅާކުރެއްވުމަށް ނިންމަވައި އެކަން އިއުލާންކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މިފަހަރުގެ މައުރަޒަށް ބައްލަވައިލެއްވުމުންވެސް، އޭގެ ކުރިން އެކަން ހާސިލްކުރެވޭނެކަމަށް ބެލެވޭކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

އަމިއްލަ އުފެއްދުންތެރިކަން ދެއްކުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާނެކަން ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޑިޖިޓަލައިޒްކޮށް ތަކެތި އެކި ކަންކޮޅުތަކަށް ފޯރުކޮށްދެވި، އެއިން މަންފާ ލިބޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި، މިއަހަރު މިބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ވަރަށް ކާމިޔާބު މައުރަޒެއްކަމުގައި ވިދާޅުވިއެވެ.

މި މައުރަޒުގެ މަގުސަދަކީ ދިވެހި އުފެއްދުންތެރިކަމަށް ފުރުސަތު ދިނުންކަމުގައި ފާހަގަކުރައްވައި މިކަން ހާސިލްވެފައިވާކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ވަރަށް ބޮޑު މެދުކެނޑުމަކަށްފަހު އަލުން މައުރަޒު ހުޅުވާލުމަކީ ފެށުމެއްކަމުގައި ވިދާޅުވެ މި ފެށުން ރައްޔިތުން ބަލައިގެންފައިވާ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، އަމިއްލަ ފަރުދުންގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވާފައެވެ. އަދި އަމިއްލަ މުއްސަނދިކަމާ، މުޅި ގައުމުގެ މުއްސަނދިކަން ހާސިލްކުރުމަށް އެންމެން ގުޅިގެން އެކުގައި ކުރިއަށްދާން ބޭނުންފުޅުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025، ރައީސް އިފްތިތާހުކޮށްދެއްވީ މިދިޔަ ހުކުރުދުވަހުއެވެ.

މިއަހަރުގެ މައުރަޒު ވަރަށް ކާމިޔާބު ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިމައުރަޒުގައި ވަނަތައް ވިއްކާފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އަތްތެރި މަސައްކަތުގެ ބައިން ވެސް އެއް ވަނަ ދީފައިވަނީ ލ.ފޮނަދޫ ޖަމިއްޔާއަކަށް ކަމަށާއި، އެއީ ތުޅާދޫ މީހެއް ލައްވާ ފައިސާ ދީގެން ހަދާފައިވާ ލިޔެލާ ޖެހި ދެ ފޫޓުގެ ވާސްއެއް ކަމަށް މައުރަޒުގައި ބައިވެރި ތުޅާދޫ މީހުން ބުނެފައިވެއެވެ.

- ކޮމެންޓް