އެއީ ގަސްދުގައި ކުރެއްވި ކަމެކެވެ. އެއީ ޝިއުނާ އަދި މަލްޝާ އަމިއްލައަށް ފެނިގެން ކުރިކަމެއް ނޫނެވެ. މިއަދު ޗައިނާއަށް ވަޑައިގެން އެ ދެއްކެވި ވާހަކަފުޅުން، އިންޑިއާގެ ބޮޑުވަޒީރާ އިންޑިއާއާ ދެކޮޅަށް ސަރުކާރުގެ 3 ނައިބު ވަޒީރުން ދެއްކި ވާހަކައަކީ ސީދާ ގައުމުގެ ވަލިއްޔުލް އަމްރު ވިދާޅުވެގެން ދެއްކި ވާހަކައެއްކަން ހާމަވެއެވެ. ނަމަވެސް އެ ވާހަކަތައް އެ މޭރުމުން ދައްކަންޖެހުނީ ބާރުގަދަ ބައެއްގެ ދަށުވެގެންތޯ ނުވަތަ ބޮޑު މަންފާއަކަށްތޯ މިހާރު ސުވާލު އުފެދެއެވެ.
ފިނިކޮށްފައިވާ މަތިންދާ ބޯޓެއްގައި، ފަސްޓް ކްލާހުގައި އަރާމުގައި އިންނަވައި ވަޑައިގެން، ފިނިކޮށްފައިވާ ކާރެއްގައި ވީއައިޕީ ލައުންޖަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި ވިއްސަކަށް މިނެޓުގެ ބަޔާނުގައި ރައީސްގެ މޫނުފުޅުން ފެނުނީ ބިރުފުޅުގެންފައި ހުންނެވި މަންޒަރެވެ. ތުރުތުރުއަޅާ ފަދައެވެ. މުޅި މޫނުފުޅުމަތި ހުރީ ދާފޮދުހިއްލާފައެވެ.
ވާހަކަފުޅު ކުރިއަށް ގެންދިޔައިރުވެސް މޫނުފުޅުމަތިން ފެނިގެން ދިޔައީ ހާސްކަމެވެ. އަޑުފުޅުވެސް އެހާ ތުރުތުރުއަޅައެވެ. މާނޭވާ ލައްވަމުން، އޮށްގާ އުއްކަވަން ފެއްޓެވީ އިންޑިއާއަށެވެ. ޗައިނާއާ ގުޅުވައިގެންނެވެ. ވިދާޅުވީ ޗައިނާއާ ރާއްޖެއާ ދޭތެރޭގައި އޮންނަ ގާތް ގުޅުމަކީ ނަމޫނާ ގުޅުމެއް ކަމަށެވެ. އެއީ އިއްޔެއަކު ނުވަތަ މިއަދަކު އޮތް ގުޅުމެއް ނޫން ކަމަށާއި، އެއީ ޒަމާންވީ ގުޅުމެއް ކަމަށެވެ.
ވިދާޅުވީ ދެ ގައުމުގެ ދޭތެރޭގައި އޮންނަ ގުޅުން ގާއިމްވަނީ މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށް ކަމަށެވެ. އެއްގައުމު އަނެއް ގައުމަށް އިހްތިރާމް އަދާކުރުން ކަމަށާއި، ދެގައުމު ސައިޒުގެގޮތުން ތަފާތު ކަމަށާއި، ރާއްޖެ ކުޑަވެފައި ޗައިނާ ބޮޑު ނަމަވެސް އެއްގައުމު އަނެއް ގައުމާ ދޭތެރޭގައި ދެކެނީ ހަމަހަމަކޮށް ކަމަށެވެ. ގައުމުގެ ސައިޒް ތަފާތުވުމަކުން އަދި އެއް ގައުމު އަނެއް ގައުމާ ކައިރިވުމަކުން، އަދި ދުރުގައި އޮތް ގައުމަކަށް ވުމުން ތަފާތުކުރެވިގެން ނުވާނެ ކަމަށެވެ. ބޮޑު ގައުމުން ކުޑަ ގައުމަށް ތަފާތުކޮށް ހިތައިގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން ޓެރިޓޯރިއަލް އިންޓެގްރިޓީއަކީ އެއް އަސާސް ކަމަށާއި، ވަން ޗައިނާ ޕޮލިސީ ފުރިހަމައަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަށް ސަޕޯޓްކުރައްވާ ކަމަށެވެ. އަދި ޗައިނާއިން ވެސް ޓެރިޓޯރިއަލް އިންޓެގްރިޓީ ފުރިހަމައަށް ގަބޫލުކުރާ ކަމަށެވެ. ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައިވާ ރަށްތަކުގެ ސަރަހައްދު ކުޑައަސް، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ބޮޑު ގައުމެއް ކަމަށެވެ. މި ކަނޑުގައި އެއްގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކީ ދިވެހިރާއްޖެ ކަމަށާއި، ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށެވެ. ކަނޑު ނިސްބަތްވަނީ ވަށާލެވިފައިވާ ހުރިހާ ގައުމަކަށް ކަމަށެވެ.
އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑެއްގަ އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް. އެހެންވީމަ މި ޓެރިޓޯރިއަލް އިންޓެގްރިޓީގެ އަސާސަކީ ޗައިނާއިން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އިހްތިރާމްކުރާ އަސާސެއް. އަނެއް އަސާސަކީ އަމިއްލަ ކަންކަމާ ބޭރުގެ ބަޔަކު ނުބެހުން. އަޅުގަނޑުމެންގެ އެތެރޭގެ ކަންކަމަށް ޗައިނާއިން އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާ. ދާދި ފަހަކާ ޖެހެންދެން ނޫނީ މިދިޔަ ސަރުކާރުން ފެނުނީ، އެއް ގޮނޑިން ތެދުވެގެން އަނެއް ގޮނޑީގަވެސް އިށީނދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުންނެއް ބޭނުމެއް ނުވޭ.ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު
ޗައިނާއެކު މިލިއަން ޑޮލަރުގެ އެއްބަސްވުތަކާއި އަޑި ނޭނގޭ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައި ވަޑައިގެންނެވުމަށްފަހު، އިންޑިއާއަށް ކުރުދޮށިން ހަމަލަދެއްވަމުން ރައީސް ވިދާޅުވީ، އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ނުރަނގަޅު ގޮތް އެއީ ދެ ގައުމެއްގެ ދޭތެރޭގައި ގުޅުން ބޭއްވުމުގެ ހަމައެއް އޮންނަ ކަމެއް ނޫންކަމަށެވެ.
ރައީސެވެ. ވިކޭނީ ވެސް ތިވަރަކަށެވެ. މިއީ ސަޕްރައިޒެއް ނޫނެވެ. "ކިނދު ނުފިލާ" ކުދިން މަގާމުތަކަށް ލައްވައިގެން ރައީސް ވިދާޅުވެގެން ކުރި ޓްވީޓުތަކާއި، އެ ފުރައްސާރައިގެ ސަބަބުން ރޯވެފައިވާ އަލިފާންގަނޑަށް ތެޔޮ އަޅުއްވަމުން ޗައިނާއަށް ވަޑައިގެން، އަމިއްލަ މަންފާއަށްޓަކައި ޖީބަށް ބޮޑުކުރެއްވުމަށް ތި ކުރެއްވި ކަންތައްތަކުގެ ސަބަބުން މާދަމާ ދިވެހި އާންމު ނިކަމެތި ރައްޔިތު މީހާ ޖެހޭނީ އެކަމުގެ ބުރަ އުފުލާށެވެ.
އަވަށްޓެރިންނާ ގުޅުން ކަނޑައިގެން ވާނެ ފައިދާއެއް ނެތެވެ. މަނިކުފާނު އަމިއްލަފުޅު ފައިދާއަށް ޖީބަށް ބޮޑުކުރެއްވިޔަސް، ރައްޔިތުންގެ ފައިސާއިން ބޭރަށް އަރާމުގައި ފަސްޓް ކްލާހުގައި ދަތުރުފުޅު ކުރެއްވިޔަސް، މިއަދު ނިކަމެތި މީހާ ދާންޖެހޭނީ އެންމެ ފަސޭހައިން ދެވެން އޮތް ދިމާއަކަށެވެ. ބޭސްފަރުވާއާއި، ތައުލީމް ހާސިލްކުރަން ދާން އޮތީ ވެސް އަވަށްޓެރިއާ ކައިރިއަށެވެ. މިއީ ދިވެހިންނަށް ހިތިކަން ފެނިގެންދާނެ ކަމެކެވެ.
ބިރުން ސިހިސިހި ހުންނަވައިގެން ތިޔަ ދެއްކެވި ވާހަކަފުޅަކީ ހަމަ އަމިއްލަފުޅު ވިސްނުންތޯއެވެ. ތިއީ ގައުމުގެ ކަރާމަތާއި މިނިވަންކަމާއި އިސްތިގުލާލު ނަގަހައްޓަވަން މަނިކުފާނު ކަންކުރައްވަން އޮތް ގޮތަކީ ތޯއެވެ. ވިއްސަކަށް އެއްބަސްވުމާއި، އަޑިނޭނގޭ ޑީލްތަކާއި، މަދު ފައިސާ ކޮޅަކަށް ދިވެހިންގެ ފައްޓަރުބައި ވިއްކާލައްވައި ވަޑައިގެން ތި ދެއްކެވީ ކޮންފަދަ ލަދުހުތުރު ވާހަކަފުޅެއްތޯއެވެ.
ރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާގެ 8 ވަނަ ރައީސަކަށް ވަޑައިގެން، މީގެ ކުރިން އެއްވެސް ރައީސަކު ނުކުރައްވާހާ ހަޑިމުޑުދާރު އަމަލެއް ކުރައްވައި، ގައުމު ނިކަމެތި ކޮށްލައްވައި، ވަކި ގައުމެއްގެ އުނގަށް އެރިވަޑައިގަތުމަށް ތިކުރައްވާ މަސައްކަތަކީ ހަމަ މަނިކުފާނުގެ އިންޓެގްރިޓީ ހުރި ހިސާބުތޯއެވެ.