ނިރުބަވެރި އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމަށް 3 މަސް ވާން ދަނީއެވެ. މިއިން ދުވަހަކުވެސް ޙަމަލާތައް ހުއްޓާލާނެ ކަމުގެ އިޝާރާތެއް ނެތެވެ. ފަހަރަކަށް ވުރެ ފަހަރެއް، ޙަމަލާތައް ގަދަ ކުރަނީއެވެ. އެޔެއް މިޔެއް ބެލުމެއް ނެތި އެއްގަމާއި، ކަނޑާއި ވައިގެ މަގުން ޣައްޒާއަށް ޙަމަލާތައް ދެމުން ދަނީ ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާއަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ބުނަމުންނެވެ. ގިނަ ފަހަރަށް ޙަމަލާތައް ވަރުގަދަ ކުރަނީވެސް ރޭގަނޑުގެ ވަގުތުތަކުގައެވެ. ނިދިތާއްޔާ ޖެހި ލޯމެރިލާ ވަގުތުތައް ބަލައިގެން ޢާއިލާތައް ހުރި ގޮތަށް އަބަދުގެ އަބަދަށް ނިންދަވާލަނީއެވެ.
ޣައްޒާއާއި މުޅި ދުނިޔެއާ ދެމެދު އޮތް ކަނޑުވާލުމަށް ޔަހޫދީ އިޒްރޭލާއި އިޒްރޭލަށް ވާގިދޭ ބާރުތަކުން މަސައްކަތް ކުރި ކަމުގައި ވީ ނަމަވެސް، އެކަން މުޅިން ކާމިޔާބު ވާ ގޮތެއް ނުވެއެވެ. ޣައްޒާގެ މަސްރަޙުން ތިލަވާ ކޮންމެ މަންޒަރަކުން ދެން ތިބި މީހުންގެ ހިތްތައް ކުދިކުދިކޮށްލައެވެ. އެތައް ފިލަވާޅަކާއި ޢިބުރަތެއް އުނގަންނައިދެއެވެ. ކެތްތެރިކަމާއި ލިބޭ މިންވަރަށް ޝުކުރު ކުރަން ހަނދާން ކޮށްދެއެވެ. ޞަބްރާއި ދުޢާގައި ހުރި ބާރު އަންގައިދެއެވެ. ކޮންމެ މަންޒަރެއްވެސް އެތައް ވާހަކައެއް ކިޔައިދެއެވެ.
އިޒްރޭލުން ބިމާހަމަކުރަމުން ދާ ޢިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އަބަދުވެސް ކޮންމެވެސް ބަޔަކު އުޅެއެވެ. ޒަމާނީ ޢާލާތްތަކެއް ނެތެވެ. އަތުން ހިފާ ގެންގުޅެވޭ ވަރުގެ ދެތިން ޢާލާތެއް ފިޔަވާ އެހެން އެއްޗެއް ނެތެވެ. ބޮޑެތި ކޮންކުރީޓު ތަނބުތައްވެސް ނަގަން ޖެހެނީ އަމިއްލަ ދެ އަތުންނެވެ.
ޑިސެމްބަރ 29 ވީ ހުކުރު ދުވަހުގެ ރެއަކީވެސް ނިރުބަވެރި ޔަހޫދީންގެ ވަރުގަދަ ޙަމަލާތަކެއް ޣައްޒާއަށް އަމާޒު ކުރި ރެއެކެވެ. ރަފަޙަށް ދިން ޙަމަލާތަކުގައި ބިމާ ހަމަކޮށްލި ޢިމާރާތެއްގެ ވެއްޓިފައި ވާ ބައިތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ އުންމީދުގައި މަސައްކަތް ކުރަމުން ދިޔަ އޮރެންޖު ކުލައިގެ ޖެކެޓް ލައިގެން ތިބި މީހުން ފިސާރި ބާރަށް ހަޅޭއްލަވަން ފެށިއެވެ. ކޮންމެ މީހަކަށްވެސް އެ ވަގުތު ވާނީ އެކަހަލަ ގޮތެކެވެ. އެމީހުންގެ އަތުގައި ތުއްތު ކުއްޖަކު ޖެހުނެވެ. ފުރާނަވެސް ހުރި، އަންހެން ކުއްޖެކެވެ.
އަހަރެމެންނަށް ނިދިފަ ތިބީ. އެހެން ތިއްބާ ކުއްލިއަކަށް މި އިވެނީ ވަރުގަދަ ގޮވުމެއްގެ އަޑުފަށްގަނޑު. އޭރު ގައުތައް ބޯމައްޗަށް ފައިބަނީ. އެހެންވެ، އަހަރެން ކުޑަދޮރެއް ހުޅުވާލީ. އޭރު އިވޭ އަވަށްޓެރިން އެހީއަށް އެދި ގޮވާ އަޑު. އެހެންވެ އަހަރެމެން ބޭރަށް ނިކުތީ. އައި އިރު، ގެދޮރު ގެއްލުނު މީހުން ފުރިފަ އޮތް، 2 ބުރި ޢިމާރާތް މިއޮތީ ވެއްޓިފަ. އަންހެނުންނާއި ކުޑަދިންގެވެސް ގައި މައްޗަށް. މަށަކަށް ނޭނގެ ދެން... އެހީ އެދި ސަލާން ޖަހާތާ 3 މަސްދުވަސް މިވީ. އެއްވެސް މީހަކު އަހަރެމެންގެ އަޑެއް ނާހާ. އަހަރެމެން އަނެއްކާވެސް މި ބުނަނީ... އަހަރެމެންނަށް އެހީވެދޭށޭ! އަހަރެމެންނަށް ވާ ވަރު ވެއްޖެއޭ!ސަނަދު އަބޫ ޠާބިތު؛ ޣައްޒާގެ ރަށްވެއްސެއް
މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުނު މީހުންނަށް މަރްޔަމް ފެނުނުއިރު އެ ތުއްތު ކުއްޖާގެ ފައި އޮތީ ގައުކުނޑިތަކުގެ ދަށުވެފައެވެ. ޢިމާރާތުގެ ބައިތަކުގެ ދަށުން، ތުއްތުތުއްތު މަރްޔަމް އަބޫ އާކިލް ނެގުނު އިރު އެ ހަށިގަނޑު ފޮރުވިފައި ވަނީ ހިރަފުހުގެ އަޅުތަކުންނެވެ. އޭރުވެސް އެ ކުއްޖާފުޅު ދިޔައީ އެ ކުއްޖާއަށް ލެއްވުނު ވަރަކަށް އެކި ކަހަލަ އަޑުތައް ލައްވަމުންނެވެ.
މަރްޔަމްގެ ޢާއިލީ ގެ ހުންނަނީ އިޒްރޭލާއި ޣައްޒާ ހިއްސާ ކުރާ ބޯޑަރާ ވަރަށް ކައިރީގައެވެ. އެ ސަރަޙައްދުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން، އެ ޢާއިލާއިން ފަހުން ދިރިއުޅުން ބަދަލު ކުރީ އަބޫ އިދުވާންގެ ޢާއިލާ ދިރިއުޅެމުން ދިޔަ ގެއަށެވެ. އަބޫ އިދުވާންގެ ގެއައަކީ، އަބޫ އާކިލްގެ ޢާއިލާ ފަދަ، ގެދޮރު ގެއްލިފައިވާ އެތައް ޢާއިލާއެއް ދިރިއުޅެމުން ދިޔަ ވަގުތީ ހިޔާވައްސެވެ.
ޑިސެމްބަރ 29 ވަނަ ދުވަހުގެ ރޭގެ ޙަމަލާގައި އިޒްރޭލުން ބިމާހަމަކުރީ އެ ގެއެވެ. ވެއްޓިފައިވާ ޢިމާރާތުގެ ބައިތަކުގެ ދަށުން މަރްޔަމް ނެގިއިރު، ގިނަ ޢަދަދެއްގެ ބަޔަކު އެ ސަރަޙައްދަށް ޖަމާވެ ތިއްބެވެ.
ކަން ވީ ގޮތަކީ، އަހަރެމެން ނުކުތީ ގައުކުނޑިތަކުގެ ތެރެއިން، އޭރު ވެގެން އުޅޭ ގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭނގެ. އަހަރެމެން އަދިވެސް މިދަނީ ޝަހީދުވި 5 މީހަކު ހޯދަމުން. މިހާރުވެސް އެބަ އޮތް 5 ޝަހީދުންގެ ހަށިގަނޑު. ކަލޭމެންނަށްވެސް ފެންނަން މިއޮތީ، ކުޑަކުދިންގެ ހަށިތައް. މީ ޔަހޫދީން ޙަމަލާ އެ އަމާޒު ކުރާ ބަޔަކީ.މުޙައްމަދު އަދުވާން؛ ޣައްޒާގެ ރަށްވެއްސެއް
ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު، އަޝްރަފު އަލް-ޤިދްރާ ފާހަގަ ކުރި ގޮތުގައި އިޒްރޭލުން ވައިގެ މަގުން ދިން އެ ޙަމަލާގައި 20 މީހެއްގެ ފުރާނަ ގެއްލި، 55 މީހަކު ވަނީ ޒަޚަމްވެފައެވެ.
ހުކުރު ދުވަހުގެ ރޭ ދިން ޙަމަލާތަކުގައި މަރްޔަމްގެ މަންމައާއި އޭނާގެ ދައްތަވެސް ވަނީ ޝަހީދުކޮށްލާފައެވެ. އަބޫ އިދުވާންގެ ޢާއިލާގެ މެންބަރުންނާއި، އެ ގޭގައި ވަގުތީ ގޮތުން ހިޔާވަހިކަން ހޯދަމުން ދިޔަ އެހެން ޢާއިލާތަކުގެ ބައެއް މެންބަރުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. މަރްޔަމްގެ ބައްޕަ އަދި ކުޑަކުޑަ ބޭބެ ޙާމިދުގެ ފުރާނަ ސަލާމަތްވިއެވެ.
ޙާލަތު މިއޮތީ ފާލުން ނައްޓާ، ހައްދު ފަހަނަ އަޅާ ގޮސްފަ. ކަންކަން ވަރަށް ގޯސްކޮށް މިތާ މިއޮތީ. މުޅި ދުނިޔޭގެ ކިބައިން އަހަރެމެން މި އެދެނީ އަހަރެމެންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދޭން. އަހަރެމެންނާ ދެކޮޅަށް އޮތް މި ޢަދާވާތްތެރިކަމަށް ނިމުމެއް ގެނެސްދޭން. އަހަރެމެންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތް. އެޔަކުން ކުރާނެ ފައިދާއެއްވެސް ނެތް. މިތާކު ނެތް ހަތިޔާރެއް، ރޮކެޓެއް. އަހަރެމެންނާއި އަހަރެމެންގެ އަވަށްޓެރިންނަކީ ޤަދަރު ލިބިގެންވާ ބައެއް.ސަނަދު އަބޫ ޠާބިތު؛ ޣައްޒާގެ ރަށްވެއްސެއް
އިޒްރޭލުގެ ޢުދުވާންތަކުން ސަލާމަތް ހޯދުމަށްޓަކައި ޣައްޒާގެ އެތައް ބަޔަކު ވަނީ އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ބަދަލު ވެފައެވެ. މިހެން ބުންޏެއް ކަމަކު ޣައްޒާގެ ފަސްގަނޑުގައި ސަލާމަތާއި ރައްކާތެރިކަން ލިބެނިވި އެންމެ ވެލިފުކެއްވެސް ނެތެވެ. އުތުރުން ފައިބަން އެންގުމަށްފަހު ދެން ޙަމަލާތައް ވަރުގަދަ ކުރަން ފެށީ ޢާންމުންގެ ގިނަ ބަޔަކު ޖަމާވި ދެކުނުގެ ސަރަޙައްދަށެވެ. ރައްކާތެރި ކަމުގެ ސަރަޙައްދެއް ކަމަށް ބަލާ، ބޯޑަރު ސަރަޙައްދަށް މީހުން ޖަމާވުމުން އެތަންތަނަށްވެސް ވަރުގަދަ ޙަމަލާތަކެއް ދެއެވެ. 2.3 މިލިއަން މީހުންގެ ޢާބާދީއެއް އޮތް ޣާއްޒާގެ 90 ޕަސެންޓް މީހުންނަކީ މިއަދު އަމިއްލަ ފަސްގަނޑުގައި ގެދޮރު ގެއްލިފައިވާ މީހުންނެވެ.
އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ހިންގަން ފެށި ޤަތުލުޢާންމުގައި ފަލަސްޠީނުން މަރުވި މީހުންގެ ޢަދަދި 21500 އަށް ވުރެ މައްޗަށް އަރައެވެ. އޭޣެ ތެރޭގައި ގިނައީ 18 އަހަރުން ދަށުގެ ކުޑަ ކުދިން ކަމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ އިދާރާތަކުން ބުނެއެވެ. ކުޑަ ކުއްޖަކު މި ދުނިޔެމަތީގައި މި ވަގުތު އޮތް އެންމެ ނުރައްކާ މަންޒިލަކީ ޣައްޒާ ކަމަށް އދއިންވެސް ވަނީ ބުނެފައެވެ.