ކ. މާލެ
|
26 ޑިސެންބަރ 2023 | އަންގާރަ 15:10
މިހާރުގެ ރައީސް، ޑރ މުހައްމަދު މުއިއްޒު، ޔާމީނަށް ޚާއްސަ ކުރައްވާފައިވާ ހުސްގޮނޑިކޮޅާ ޖެހިގެން
މިހާރުގެ ރައީސް، ޑރ މުހައްމަދު މުއިއްޒު، ޔާމީނަށް ޚާއްސަ ކުރައްވާފައިވާ ހުސްގޮނޑިކޮޅާ ޖެހިގެން
ސޯޝަލްމީޑިއާ
ރައީސް މުއިއްޒު
ޓިކެޓު ލިބުމުގެ ކުރިން މުއިއްޒު: "ޔާމީނަށް ބޭވަފާތެރިއެއް ނުވާނަން، އަންޑިވައިޑަޑް ލޯޔަލްޓީ އޮންނާނެ"
ވެރިކަން ލިބިވަޑައިގަތުމުން، އެ ދުވަހު ދެއްކެވި ވާހަކަފުޅު ހަނދުމަ ނެތީ ވަކި ވަރަކަށް ނޫން
ބަހާއި އަމަލު ދިމާނުވުމުގެ ލާމަސީލު މިސާލު، މުއިއްޒު މިވަނީ ދައްކަވައިދެއްވާފައި
ރަސްމީ ޝެޑިއުލްގެ ތެރެއިންވެސް، ނުރަސްމީ ޝެޑިއުލްގެ ތެރެއިންވެސް މިއަދު ޔާމީނަކަށް ވަގުތެއް ނެތް

"ޔާމީނަށް ބޭވަފާތެރިއެއް ނުވާނަން" މިއީ ކެމްޕޭނު ތެރޭގައި މިހާރުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު އެންމެ އަޑުހަރުކޮށް ވިދާޅުވަމުން ގެންދެވި އެއް ވާހަކަފުޅެވެ. ޔާމީނަކީ ހުރިހާ ރައްޔިތުން ގަބޫލުކުރާ އަދި އިތުބާރުކުރާ ޝަހުސިއްޔަތެއް ކަމަށާއި ޔާމީނަށް އަބަދުވެސް ވަފާތެރިވާނެކަމަށް އެ ދުވަހު ވިދާޅުވިއިރު، ޕާޓީގެ ޓިކެޓުވެސް މުއިއްޒަށް އޭރު އަދި ނާރުވައެވެ.

އެ ދުވަހު ވިދާޅުވީ، ޔާމީނަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން  ލޯބިވާ، އަދި ގަބޫލުކުރައްވާ ސަހުޝިއްޔަތެއް ކަމަށެވެ.

އެމަނިކުފާނުގެ ހައްގުގައި، އެމަނިކުފާނަށް ތާއީދު އޮތުމުގައި އެއްވެސް ކަހަލަ ކޮންޑިޝަންއެއް ނޯންނާނެ ކަމަށާއި، މުއިއްޒުގެ "އަންޑިވައިޑެޑް ލޯޔަލްޓީއެއް" ޔާމީނަށް އޮންނާނެ، ކަމަށް އެ ދުވަހު ވިދާޅުވިއެވެ. އޭރު އަދި ޕާޓީގެ ޓިކެޓުވެސް ލިބިވަޑައިނުގަންނަވައެވެ.

އަދި ރާއްޖެއަށް ހަގީގަތުގައި މިވަގުތު ބޭނުންވަނީ ޔާމީންގެ ލީޑާޝިޕް ކަމަށް ވެސް މުއިއްޒު ވިދާޅުވެފައިވެއެވެ.

އެންމެ ޚާއްސަ ވާހަކަފުޅެއްގެ ގޮތުގައި އެދުވަހު ވިދާޅުވީ، ޔާމީނަށް ކޮށްފައިވާ "ހަރާމް ޙުކުމުން" އެމަނިކުފާނު މިނިވަން ކުރަން ކުރެވޭ ހުރިހާ މަސައްކަތެއްގައި ވެސް ހިތްހަމަޖެހުމާއި އުފަލާއެކު، އެންމެ ފުޅާ މިނުގައި ބައިވެރިވެވަޑައިގަންނަވާނެ ވާހަކައެވެ.

ނަމަވެސް، ބަހާއި އަމަލާ ދިމާނުވުމުގެ ލާމަސީލު މިސާލު މުއިއްޒު މިވަނީ ދައްކުވައިދެއްވާފައެވެ. ވެރިކަމުގެ ސިންގާސަނާ ލިބިވަޑައިގަތުމުން، އެ ދުވަހު ދެއްކެވި ވާހަކަފުޅު ހަނދުމަ ނެތީ ވަކި ވަރަކަށް ނޫނެވެ. އޭގެ އެއް މިސާލަކީ ފާއިތުވި ދުވަސްތަކުގައި މި ބާއްވަވަމުން ގެންދަވާ ބައްދަލު ކުރެއްވުންތަކެވެ.

ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައި ނުވިތާކަށް މިވަނީ ޔާމީނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމާވެސް ބައްދަލު ކުރައްވާފައެވެ. ކުރީގެ ރައީސް ޑރ މުޙައްމަދު ވަހީދު ހަސަންއާވެސް ބައްދަލު ކުރައްވާފައެވެ.

ޑރ މުއިއްޒު ސިޔާސީ އެކި ބޭފުޅުންނާ ބައްދަލު ކުރައްވަނީ - ރައީސް އޮފީސް

ނަމަވެސް ޔާމީނަކަށް ވަގުތެއް ނެތެވެ. ރަސްމީ ޝެޑިއުލްގެ ތެރެއިންވެސް، ނުރަސްމީ ޝެޑިއުލްގެ ތެރެއިންވެސް މިއަދު ޔާމީނަކަށް ވަގުތެއް ނެތެވެ. ޔާމީން ކުރައްވަވާ މެސެޖުވެސް ސީންޒޯން ކުރައްވާފައިވާ ވާހަކަ އިވުމުން އެ ދުވަހު ހައިރާންވި މީހުން މިއަދު ބުނަނީ ނޫނޭވާ އިންސާނުންނަކީ ކަންކަން ހަނދާން ނެތޭ ބައެކޭ ބުނާ އަޑުއަހަމޭ، ނަމަވެސް މިވަރުގެ ކަމެއް ނުދެކެމޭއެވެ.

ބޭވަފާތެރިވެވޭނީ މިވަރަކަށް ނޫންބާއެވެ. ބާކީކޮށްލެވޭނީ މިވަރަކަށް ނޫންބާއެވެ. ޤަދަރު ކުޑަކޮށްލެވޭނީވެސް މިވަރަކަށް ނޫންބާއެވެ. ވިއްކެވީ ޔާމީނުގެ ފޮޓޯފުޅެވެ. ވެރިކަން ލިބިވަޑައިގަތުމުން ޔާމީނަކީ ފެނުކައްކާ ބޮއްޔަކަށްވެސް ނުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް