ކ. މާލެ
|
20 އޯގަސްޓް 2025 | ބުދަ 23:15
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އެމްޑީޕީ ސަރުކާރުން އިމާރާތް ކޮށްފައިވާ ޓަވަރުތައް
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އެމްޑީޕީ ސަރުކާރުން އިމާރާތް ކޮށްފައިވާ ޓަވަރުތައް
ރާއްޖެއެމްވީ
ބޯހިޔާވަހިކަން
ބޯހިޔާވަހި ކަމާ ބެހޭ ގޮތުން މުއިއްޒު ވެވަޑައިގަތް ވައުދު ބިލާހަކަށް!
މުއިއްޒު ވެރިކަމަށް ވަޑައިގަތީ ބޯހިޔާވަހިކަމުގެ ވައުދުތަކާއެކު ނަމަވެސް، އިއާދަ ނުކުރެވޭ ވަރަށް އެ ވައުދުތަކާ ޚިލާފުވެ ވަޑައިގެންފައިވެއެވެ. އިޚްލާސްތެރިކަމާ އެކު ވައުދު ފުއްދުމަކީ މަގްސަދު ކަމަށް ވިދާޅުވި ނަމަވެސް، ވައުދުވެވަޑައިގެންނެވި ގޮތާއި ޢަމަލު ކުރެއްވި ގޮތް އުޑާއި ބިމާހާ ތަފާތުވެފައެވެ. ރައްޔިތުންނަށް ކުރިމަތިވީ ނާ އުއްމީދާއި މާޔޫސް ކަމެވެ.

ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ގިނަ ވައުދު ތަކަކާ އެކުގައެވެ. އޭގެ ތެރޭގައި ބޯހިޔާވަހި ކަމާ ގުޅޭ ގޮތުން ވެފައިވާ ވައުދުތައް ވަކިން ބޮޑަށް ފާހަގަ ކުރެވެއެވެ. ވެރިކަމުގައި ހުންނަވައިގެން މިހާރު ދައްކަވަމުންދާ ވާހަކަތަކުގައި ތިމަން މަނިކުފާނުގެ ހުރިހާ ވެސް މަގްސަދަކީ އިޚްލާސްތެރި ކަމާ އެކު ވައުދު ފުއްދުން ކަމަށް ވިދާޅުވިޔަސް ބޯހިޔާވަހި ކަމާ ބެހޭ ގޮތުން ވެވަޑައިގެންނެވި ވައުދާއި ވެރިކަން ލިބިވަޑައިގަތުމުން ކަން ކުރެއްވި ގޮތް އުޑާ ބިމާހާ ވެސް ތަފާތެވެ. އިއާދަ ނުކުރެވޭ ވަރަށް އެ ވައުދާ މުއިއްޒު ވަނީ ޚިލާފުވެފައެވެ.

ބޯހިޔާވަހި ކަމުގެ ވައުދު

ކުރީ ސަރުކާރުން އެއްވެސް ރައްޔިތަކަށް ދޭން ކަނޑައަޅާފައިވާ ފްލެޓެއް އަތު ނުލާނެ ކަމަށާއި ކުރީ ސަރުކާރުން ކަނޑައަޅާ ދޭން ނިންމާފައިވާ ފްލެޓްތައް އެ ފުލެޓެއް ދިންތަނަކުން ދިންގޮތަކަށް އެއަށްވުރެން ފުރިހަމަ އަށް އެފަރާތްތަކަށް ދޭނެ ކަމަށް ވިދާޅުވެ މަދުވެގެން ތަފާތު ހަ ފަހަރު ކެމްޕެއިން ޕޯޑިއަމް ތަކުގައި އެ ބަސްތައް ތަކުރާރު ކުރައްވާފައިވެއެވެ.

މިގޮތުން، 10 އޮގަސްޓް 2023 ގައި، "ދިވެހީންގެ ޖަގަހަ" ހުޅުއްވައި ދެއްވުމަށް ފަހު ދިވެހި ރައްޔިތުންނާ މުޚާތަބުކުރައްވާ ޑރ.މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، "ފްލެޓް ވިޔަސް، ގޯތި ވިޔަސް، ލިޔުންތަކެއް ވިޔަސް، އަދި ކޮންމެ ގޮތަކަށް ވިޔަސް، ގެޒެޓް އިޢުލާނެއް ކޮށްގެން ވިޔަސް ވަނީ އުއްމީދެއް ދީފައި، އަޅުގަނޑުގެ ވިސްނުމަކީ، އަޅުގަނޑު ޤަބޫލު ކުރާ ހަމައަކީ ރައްޔިތަކަށް ސަރުކާރުން ދީފި އެއްޗެއް އަތުލައިގެން ނުވާނެ. އެހެނެއްނޫން، އަޅުގަނޑުމެން ކުރާނެ ކަމަކީ ދެންމެ މިދެންނެވި ގޮތަށް ހުރި ރައްޔިތުންނަށް، ދެން ވެސް ތިބި ރައްޔިތުންނަށް އެ ގޯއްޗާއި ފްލެޓް ހޯދައި ދެވޭނެ މަގު ފަހިކޮށްދިނުން" ކަމަށް ވިދާޅުވެ ކުރީ ސަރުކާރުން ރައްޔިތަކަށް ދޭން ކަނޑައަޅާފައިވާ ފްލެޓެއް އަތު ނުލާނެކަމުގެ ޔަގީން ކަން މުއިއްޒު ދެއްވިއެވެ.

އަދި ހަމައެހެންމެ، 13 ސެޕްޓެމްބަރ 2023 ގައި، މާލޭ ސިޓީ، މައްޗަންގޮޅީ ކަންމަތީ ޖަލްސާގައި މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، "ގޯތިވިޔަސް އަދި ފްލެޓްތަކާއި، ދޭން ނިންމާފައި ހުރި ފްލެޓްތައް ކަމުގައި ވިޔަސް އަޅުގަނޑުމެން އައިއްސިއްޔާ ހަމަ އަތުލާނީހޭ؟ ނޫނީ ދޭނީ ހޭ؟ މިއަދުވެސް އެސުވާލު އައި، އަޅުގަނޑުމެނެއް ރައްޔިތުންނަށް ލިބިފައިއޮތް އެއްޗެއް، ލިބެން އޮތް އެއްޗެއް ވިޔަސް އަތެއް ނުލާނަމޭ. އެއީ ފްލެޓް ކަމުގައި ވިޔަސް، ގޯތި ކަމުގައި ވިޔަސް." ވިދާޅުވެ ވަޢުދު ތަކުރާރު ކުރައްވާފައި ވެއެވެ.

ލިބިފައިވާ ފްލެޓެއް ނުވަތަ ގޯއްޗެއް ވިޔަސް އަތުނުލައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އިރު، ފްލެޓް ނުވަތަ ގޯތި ލިބުމަކީ ކޮބާ ހެއްޔެވެ؟ މި ސުވާލަށް ވެސް މުއިއްޒު ވަނީ ސާދާ ސީދާ ބަހުން ޖަވާބު ދެއްވާފައެވެ.

ވެރިކަމުގެ ވަރަށް ކުރީ ކޮޅުގައި، ޑިސެމްބަރ 5، 2023 ގައި ރައީސް އޮފީހުގައި، ހުރިހާ ވަޒީރުންގެ ހާޒިރު ގައި މުއިއްޒު ބޭއްވެވި ނޫސް ކޮންފަރެންސެއް ގައި ނޫސްވެރިއަކު ފްލެޓް ލިބިފައިވާ މީހުންނަށް "މީގެ ސާފު ޖަވާބަކީ ކޮބާތޯ" އޭ ދަންނަވާ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، "އަޅުގަނޑު ވައުދުވި ގޮތައް އެކަން ކުރިއަށް ދާނި، އަޅުގަނޑު ދެންނެވިން އެއްވެސް މީހަކަށް ފްލެޓެއް، ގޯއްޗެއް، ލިބުނު ތަނަކުން، އެމީހެއްގެ އަތުން އަތެއް ނުލާނަމޭ، ދެން ރަސްމީ ކޮށް ގެޒެޓް ކުރެވިފަ އޮވެއްޖެއްޔާ އެ އޮތީ އެމީހާ އަށް ލިބިފައި،"

މުއިއްޒު ވިދާޅުވީ ގެޒެޓް ގައި ޝަރުތު ހަމަވާ ކަމަށް އޮތުމުން އެ އޮތީ ފްލެޓް ލިބިފައި ކަމަށެވެ. އެއީ ލިޔުން ނުލިބި އޮތް ކަމުގައި ވިޔަސް މެއެވެ. އަދި ރަޖިސްޓަރީ ނުހެދި އޮތުން ވެސް އެއީ އެހެން ކަމެއް ކަމުގައެވެ.

މުއިއްޒު ވިދާޅުވީ، ފައިނަލް ލިސްޓެއް ގެޒެޓް ކޮށްފައި އޮވެއްޖެ ނަމަ އެއީ ސަރުކާރުގެ ނިންމުމެއް ކަމަށެވެ. ސަރުކާރުގެ ނިންމުމެއް އޮވެއްޖެ ކަމުގައި ވާނަމަ "ލިބޭނެ" ކަމަށެވެ. އެއަކަށް ބަދަލެއް ނާންނާނެ ކަމަށް ވަރަށް ސާފުކޮށް މުއިއްޒު ވިދާޅުވިއެވެ. ނުލިބޭ ގޮތަކަށް ނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މި ވިދާޅުވި ގޮތައް އަމަލު ކުރެއްވި ނަމަ، ކުރީ ސަރުކާރުން ފްލެޓަށް ޝަރުތު ފުރިހަމަ ވާ ކަމަށް ގެޒެޓް ކުރި 13،000 މީހުންނަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ފްލެޓް ލިބޭނެ މީހުންނެވެ. އިތުރު ޕްރޮސެސް އެއް އިތުރު ލިޔުމެއް އެމީހުންނަށް ބޭނުމެއް ނުވާނެއެވެ. ފްލެޓް ނިމެމުން ދާ ވަރަކަށް އެމީހުންނަށް ފްލެޓް ދާނީ ލިބެމުންނެވެ. އެހެން ނަމަވެސް ކަން ހިނގީ އެހެނެއް ނޫނެވެ.

ޑިސެމްބަރު 5، 2023 ގައި ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ، ގެޒެޓް ކޮށްފައިވާ ލިސްޓުގައި ނަން އޮތުމުން އެއީ ފްލެޓް ލިބުނު ފަރާތެއް ކަމަށް ވިދާޅުވި.

ވައުދަށްވީ ގޮތް

ޑރ. މުއިއްޒުގެ ވާހަކަ އަށް އިތުބާރުކޮށް، އެ ވިދާޅުވި ގޮތައް ކަން ކުރައްވާނެ ކަމަށް ތިބި މީހުންނަށް ވެރިކަމުގައި ފާއިތުވެ ދިޔަ ކޮންމެ ދުވަހެއް ވީ ނާ އުއްމީދުގެ ދުވަހަކެވެ. އެތައް ބަހަނާ އަކާއި، އެތައް ކޮމިޓީ އަކާއި، އެތައް ޕްރޯސެސް އަކާ ގެޒެޓް ކޮށްފައިވާ ލިސްޓު ކުރިމަތިލާން ޖެހުނެވެ. އާޚިރު ނަތީޖާ އަކީ، ކޮންމެ ނަމެއްގައި ކުރި ކަމުގައި ވިޔަސް އެއްބަސްވުމާއެކު ކުރީ ސަރުކާރުން ދިން ފްލެޓް އަކީ އަލުން ރިވިއު ކުރަން ޖެހުނު އެއްޗަކަށް ވުމެވެ. ފެނުނީ ކުރިން ގެޒެޓް ކުރި ލިސްޓް، ލިސްޓަކަށް ނުވި ތަނެވެ. ކުރީ ސަރުކާރުން ހެދި އެއްބަސްވުން އެއްބަސްވުމަކަށް ނުވި ތަނެވެ. ދީފައި އޮތް އެއްޗެއް އަތުލި ތަނެވެ.

މި ހުރިހާ ކަމެއްގެ ތެރެއިން އެންމެ ފަހުން ފްލެޓް ލިބުނު މީހުންނަށް ފްލެޓް ލިބުނު ކަމުގެ ހިތްހަމަ ޖެހުން ލިބުނު އިރު އެހެން އަދި މާ ބޮޑު ބޮލުގެ ރިހުމެއް އޮތީ ކުރިމަތި ކޮށްފައެވެ.

އެމީހުންނަށް އެނގުނީ ފުލެޓް އެއްބަސްވުމަކީ ކުލީގެ އެއްބަސްވުމެއް ކަމެވެ. މިއީ ކުރިން ކަންކުރި ގޮތެއް ނޫނެވެ. ކުލީގެ އެއްބަސްވުމަކަށް ވުމުން ރަށްވެހިންގެ ރަޖިސްޓަރީ ހައްދައިނުދޭނެ ކަން އެނގުނީ އެކަން ކުރަން ސިޓީ ކައުންސިލަށް ދިއުމުންނެވެ.

ސިޓީ ކައުންސިލުން މިހާތަނަށް ސަރުކާރުތަކުން ދޫކޮށްފައިވާ ސޯޝަލް ހައުސިންގ ޔުނިޓްތަކަށް ރަށްވެހިންގެ ރަޖިސްޓަރީ ހަދައިދިނެވެ. އެއީ އެ އެއްބަސްވުންތައް ގަނެ ވިއްކުމުގެ އެއްބަސްވުން ތަކެއްގެ ގޮތުގައި އޮތުމުންނެވެ.

ހަގީގަތަކީ، މިއީ ނިމިދިޔަ ސަރުކާރުން ފުލެޓް ލިބިފައިވާ ފަރާތްތަކާއި އެކު ކުލި ކަނޑައަޅާ، ޝަރުތުތައް ކަނޑައަޅާ، ދެ ފަރާތުން "ހަމަ ހޭގައި ތިބެ" ސޮއިކޮށް ނިމިފައިވާ އެއްބަސްވުމެކެވެ. ފަހުން އައި ސަރުކާރަށް އެ އެއްބަސްވުމަށް އިހްތިރާމް ކުރަން ޖެހޭނެ އެއްބަސްވުމެކެވެ. އެއީ ވެސް ސަރުކާރަކުން ހަދާފައިވާ އެއްބަސްވުމެކެވެ. ނަމަވެސް މުއިއްޒު ސަރުކާރުން ވަނީ ކުލީގެ ޢަދަދު ބޮޑުކޮށް އެޑްވާންސް ޕޭމަންޓް ދައްކަން މަޖުބޫރު ކޮށްފައެވެ. ފުލެޓް ލިބޭ ފަރާތްތަކުން ފުލެޓް އެއްބަސްވުމުގައި ސޮއިކުރަމުން އެ ގެންދަނީ އިތުރު އެހެން ގޮތެއް ނެތުމުންނެވެ. މިއީ ވަރަށް ބޮޑު ބޭއިންސާފެއްކަން އެނގި ތިބެއެވެ.

އަނެއްކޮޅުން ފުލެޓް ލިބޭ ފަރާތްތަކުން އެއްފަހަރާ ފުލެޓްގެ އަގު ދައްކާ ޚަލާސްކުރި ކަމުގައިވީ ނަމަވެސް، ފުލެޓް މިލްކު ކުރެވޭނީ 10 އަހަރު ފަހުން ކަމުގައި މިއެއްބަސްވުމުގައި ބުނެފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ބާކީ ތިބި މީހުންނަށް ވީ ކިހިނެއް؟

ގެދޮރުވެރިޔާ ފުރަތަމަ ސްކީމުގައި ޝަރުތުހަމަވި 13،000 މީހުންގެ ތެރެއިން ފުރަތަމަ 4000 ފުލެޓް ލިބުނު މީހުންގެ އިތުރުން ބާކީ ތިބި 9000 މީހުންންގެ ބޯހިޔާވަހިކަން ކަށަވަރު ކުރުމުގެ ގޮތުން ފަންޑު ހަމަޖެހި، ޢަމަލީ މަސައްކަތް ފަށަން ނިންމާފައިވާ 6000 ފުލެޓްގެ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެއެވެ. ނަމަވެސް ރައީސް މުޢިއްޒާއި، ފިނޭންސް މިނިސްޓަރ ހިމެނޭ ގޮތަށް އެކި އެކި ޙަފްލާތަކުގައި މިފުލެޓްތަކުގެ ޢަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވެފައި ވެއެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި މިއީ ބޯހިޔާވަހި ކަމުގެ އަހަރު ކަމަށް ވިދާޅުވެ މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދެއްކެވިއެއް ކަމަކު މި ފުލެޓްތަކުގެ ޢަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ވެސް ނޭނގެއެވެ. ގެޒެޓް ގައި ޝަރުތު ހަމަވާ މީހެއްގެ ގޮތުގައި އޮތެއް ކަމަކު މި 9،000 މީހުންނަށް ފްލެޓް ލިބޭނެ ކަމެއް ވެސް ނޭނގެއެވެ.

ގެދޮރުވެރިޔާގެ 02 ވަނަ ސްކީމް ގެ ދަށުން ހުޅުމާލެ އިން ފުލެޓަށް އެދި ހުށަހަޅާފައިވާ 8،000 ފޯމުގައި ހިމެނޭ 21،247 މީހުންނަށް ވީ ގޮތެއް ވެސް ނޭނގުނެވެ. އެމީހުން އަދިވެސް ތިބީ ސުވާލު މާކެއްގެ ތެރޭގައެވެ. އެއީ މި ސަރުކާރުން އިހްތިރާމް ކުރާނެ ލިސްޓެއް ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ނޭނގެއެވެ.

ހިނގަމުން ދިޔަ މަސައްކަތްތައް ހުއްޓިއްޖެ

ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކުރީ ސަރުކާރުން ޖުމްލަ 10،000 ފްލެޓްގެ މަސައްކަތް އެކި މަރުހަލާ ތަކުގައި ކުރިއަށް ގެންދަމުން ދަނިކޮށް ވެރިކަން ބަދަލުވެ، މުއިއްޒު ވެރިކަމާ ހަވާލުވުމުން އެ މަޝްރޫއުތަކަށް ވީ ގޮތެއް ރައްޔިތުންނަކަށް ނޭނގުނެވެ. ފެށިފައި އޮތް މަޝްރޫއެއް ހުއްޓާ ނުލައްވާނެ ކަމަށާއި، ކުރިއަށް ވުރެ ރަނގަޅަށް އެ މަޝްރޫއުތައް ހިންގަވާނެ ކަމަށް ވެސް އޮތީ ވައުދުވެވަޑައިގެންފައެވެ.

މިހެން މިކަން އޮއްވާ، ދެން އިވުނީ ރަސްމާލެ ކިޔާ ބޮޑު ޝަހަރެއް ހިއްކަން ފެށި ވާހަކަ އެވެ. 600 މިލިއަން ޑޮލަރު ހޭދަ ކޮށްގެން ބިމެއް ހިއްކައިގެން މުޅިން އަލަށް ބޮޑު މަޝްރޫއެއް ފެށި އިރު ހިނގަމުންދިޔަ އެތައް ކަމެއް ވަނީ ހުއްޓިފައެވެ. އެންމެ އަވަހަށް ގޯތި ލިބޭނެ ކަމަށް އުއްމީދު ކުރެވުނު ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތްވެސް ސަރުކާރު ބަދަލުވި އިރު ބާރަށް ހިނގަމުން ދިޔައެވެ. ސީއެމްސީ އާ ހަވާލު ކޮށްގެން 10 ހެކްޓަރުގެ ބިން ވެސް އެތަނުން އޮތީ ހިއްކާފައެވެ. އެކި ބަހަނާ ދައްކާ އެ ކަން ވެސް ހުއްޓާލި އިރު، ގުޅީފަޅު، ގިރާވަރު ފަޅުން ހިއްކަން ބުނި ބުނުމަށް ވީ ގޮތެއް ނޭނގޭތާ، އެތަންތަނުން ހިއްކާފައިވާ ބިންތަކުން ވެސް މި ސަރުކާރަށް ގޯތި ދެވޭ ވަރެއް ނުވިއެވެ.

ކުރީ ސަރުކާރުން ގާތްގަނޑަކަށް ވިއްސަަކަށް ހާސް މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކޮށި މަގުތައް މުއިއްޒު ސަރުކާރުން މިވަނީ ބަންދުކޮށް އޮޅުން ބޮޅުން ކޮށްފައެވެ.

ބޯހިޔާވަހި ކަމަކީ ދިވެހި ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަމަށް ވީ ހިނދު އަދި މުއިއްޒު ކުރީ ސަރުކާރަށްވުރެ މޮޅަށް ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ދައުރުގެ ފުރަތަމަ ކޮޅުގަ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢު ތަކެއް ފައްޓަވާނެ ކަމަށް ވިދާޅުވެފައި އޮތުމާއި، ދީފައި އޮތް ފްލެޓް އަތުނުލާނެ ކަމަށާއި، އެމީހަކު ބުނި ޑިޒައިނަކަށް އަދި ބުނި އުސްމިނަކަށް ދީފައިވާ ގޯތިތަކުގައި ގެ އަޅައިދޭނެ ކަމުގެ ވީ ވައުދު ފުއްދާނެ ކަމުގެ އުއްމީދު ގައި ތިބި މީހުންނަށް ހަގީގަތުގައި ތަޖުރިބާ ކުރަން ޖެހުނީ ނަފްސާނީ، މާލީި، އަދި ގާނޫނީ މައްސަލަތަކެވެ.

- ކޮމެންޓް