Advertisement
ކ. މާލެ
|
25 ޑިސެންބަރ 2023 | ހޯމަ 09:35
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުހައްމަދު ލަތީފް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުހައްމަދު ލަތީފް
ރައީސް އޮފީސް
ޑިމޮކްރަސީއަަށް ތަބާވުމަށް ގޮވާލުން
ޑިމޮކްރަސީއާ ނުލައި މުޖުތަމައުގައި އިންސާފާއި ހަމަހަމަކަމާއި އުފާ ފާގަތިކަން ނޯންނާނެ: ނައިބު ރައީސް
ޑިމޮކްރަސީއަކީ މުޖުތަމައެއްގެ ދުޅަހެޔޮކަން ކަށަވަރުކޮށްދޭ މައިބަދަ
ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވާން ޖެހޭ
ރައްޔިތުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުމާއެކު ގައުމުގެ މިސްރާބު ބައްޓަންކުރަންޖެހޭ

ޑިމޮކްރަސީއާ ނުލައި މުޖުތަމައުގައި އިންސާފާއި ހަމަހަމަކަމާއި އުފާ ފާގަތިކަން ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މޮންޓެނޭގްރޯގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނޭގްރޯ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން، ޑިމޮކްރެޓިކް މޮންޓެނޭގްރޯއަކީ އުމުރުން ހަގު ޕާޓީއެއް ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި އެ ޕާޓީން ގިނަ ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ޑިމޮކްރަސީ ކުރިއަރުވައި ޑިމޮކްރަސީގެ ރޫހް އާލާކުރުމަށް އެޕާޓީގެ ލީޑަރޝިޕުން ކުރަމުންގެންދާ މަސައްކަތްތަކަށް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ.

ހަމައެހެންމެ، ޑިމޮކްރަސީއަކީ މުޖުތަމައެއްގެ ދުޅަހެޔޮކަން ކަށަވަރުކޮށްދޭ މައިބަދައިގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. ޑިމޮކްރަސީއާ ނުލައި މުޖުތަމައުގައި އިންސާފާއި ހަމަހަމަކަމާއި އުފާ ފާގަތިކަން ނޯންނާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުމާއެކު ގައުމުގެ މިސްރާބު ބައްޓަންކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވާން ޖެހޭ ކަމަށެވެ.

Advertisement

ރާއްޖެއަކީ ވަރަށް ހަގު ޑިމޮކްރަސީއެއްކަމާއި ގިނަ ޕާޓީތަކުގެ މައްޗަށް އެކުލެވޭ އިންތިޚާބެއް ރާއްޖޭގައި ފުރަތަމަ ބާއްވާފައި ވަނީ ވެސް 2008 ވަނަ އަހަރުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ދެގައުމަކީ އެއްގައުމުން އަނެއް ގައުމުގެ ޑިމޮކްރަސީގެ ތަޖުރިބާތައް ހިއްސާކުރެވިދާނެ ދެގައުމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ރައްކާތެރިކޮށް ގައުމު ކުރިޔަށް ގެންގޮސްދިނުމަށް ރައްޔިތުން އެމަނިކުފާނާ މަތިކުރައްވާފައިވާ ޒިންމާއާއި އެކުގައިކަށާއި އަދި ސަރުކާރު އޮތީ ރެޔާދުވާލު ހުއްޓުމެއްނެތި، ރައްޔިތުންނަށް ވެފައިވާ އެ ވައުދުތައް ފުއްދައިދެއްވުމުގެ މަސައްކަތްކުރުމަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ރަސްމީ ދަތުރުފުޅެއްގައި މޮންޓެނޭގްރޯއަށް ވަޑައިގެންނެވީ އެގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޮރ ސެކިއުރިޓީ، އިންޓަރނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓެނޭގްރޯ ގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ އެލެކްސާ ބެޗިޗްގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާރޖް މުހައްމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް