Advertisement
ކ. މާލެ
|
22 ޑިސެންބަރ 2023 | ހުކުރު 15:14
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު
ރައީސް އޮފީސް
ސަރުކާރާއި އިދިކޮޅު ދެ ސައިޓެއް ބުލޮކްކުރުން
ސަރުކާރަށް ފާޑުކިޔާ ލިޔުންތައް ގެނެސްދޭ ދެ ވެބްސައިޓު ބްލޮކް ކުރުމަކީ އަނދިރި، އަދި ނުރައްކާތެރި މަންޒަރެއް: ފައްޔާޒު
"ދިޔަވަރު.ކޮމް" އަދި "ކުރުސީ.ކޮމް" އަށް ނުވަދެވޭ
މި ސަރުކާރުގެ އަނިޔާވެރިކަން ނުފެތުރި މިއޮތީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނެތުމުން
ވިސްނުމާއި ޚިޔާލުގައި ތަޅުއެޅުވި ބަންދުވެގެން ނުވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުކިޔައި ޚަބަރާއި ލިޔުންތައް ގެނެސްދެމުންދިޔަ ދެ ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހެދުމަކީ އަނދިރި، އަދި ނުރައްކާތެރި މަންޒަރެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން "ދިޔަވަރު.ކޮމް" އަދި "ކުރުސީ.ކޮމް" އަށް ނުވަދެވެ އެވެ. މި ދެ ވެބްސައިޓަކީ ވެސް މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައި، ސަރުކާރާއި އިދިކޮޅު ޚަބަރުތައް ގެނެސްދެމުންދާ ދެސައިޓެވެ. އަދި ރައީސް މުއިއްޒު ހުވާ ކުރެއްވި ފަހުން އެމަނިކުފާނަށް ފާޑުކިޔައި އެކި ތުހުމަތުތައް އަމާޒުކޮށް ލިޔުންތައް ޝާއިއުކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން ފައްޔާޒު ވިދާޅުވީ ސަރުކާރަށް ފާޑުކިޔާ ޚަބަރު ސައިޓުތައް ބްލޮކް ކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ދެ ސައިޓަށް ނުވަދެވޭ ގޮތް ހެދުމަކީ އަނދިރި ނުރައްކާތެރި މަންޒަރެއް ކަމަށެވެ. އަދި މި ސަރުކާރުގެ އަނިޔާވެރިކަން ނުފެތުރި މިއޮތީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނެތުމުންކަން މިހާރު ސާފުވެފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޑިމޮކްރެޓްސް ޕާޓީގެ މެންބަރު އަދި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވީ ޚިޔާލު ފާޅުކުރުމަކީ ގާނޫނު އަސާސީން ލިބިފައިވާ ހައްގެއް ކަމަށާއި، ބްލޮގްތަކާއި ޓްވީޓްތަކާއި ސޯޝަލްމީޑިއާގައި އެހެން ގޮތްގޮތަށް ފާޅުކުރާ ޚިޔާލަކީވެސް އެމީހާގެ އަމިއްލަ ވިސްނުން ކަމަށެވެ. އަދި ވިސްނުމާއި ޚިޔާލުގައި ތަޅުއެޅުވި ބަންދުވެގެން ނުވާނެ ކަމަށް އަމްރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމަށް ސަރުކާރު ވަނުން އެއީ ބިރުވެރި ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

Advertisement

ޑިމޮކްރެޓްސްއިން ވެސް ވަނީ މިކަމުގެ ކަންބޮޑުވުންފާޅުކޮށްފައެވެ. އެޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަން ކަމަށް ހުރަސްއެޅޭ އަދި އިންޓަނެޓް ސެންސަރޝިޕްގެ އަމަލެއް ކަމަށް ދެކޭ ކަމަށެވެ. އަދި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީން ދީފައިވާ ހުރިހާ ހައްގުތަކާއި މިނިވަންކަމެއްގެ މުލުގައިވާ ބާރު ކަމަށެވެ. އެހެންކަމުން މި ބާރު ނުވަތަ މިހައްގު އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ސަރުކާރަށް އެޕާޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

ސަރުކާރާއި ދެކޮޅު ޚަބަރުތައް ގެނެސްދޭ ދެ ސައިޓެއް ބްލޮކް ކުރި މައްސަލައާ ގުޅިގެން ސިޔާސީ ގިނަ ބޭފުޅުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާއްމު ގިނަ ރައްޔިތުން ހިމެނޭހެން ބައެއް ނޫސްވެރިން ވެސް ވަނީ ސޯޝަލް މީޑިއާގައި މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބްލޮކްކުރި ދެ ސައިޓަށް ނުވަދެވޭ ގޮތް ހެދި ނަމަވެސް ވީޕީއެން ބޭނުންކޮށްގެން ވަދެވެއެވެ. މިއީ މިފަހުގެ ތާރީޚެއްގައި މިފަދަ ވެބްސައިޓެއް ބްލޮކްކުރި ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ ތިން ކުންފުންޏަކުންނެވެ. އަދި ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެންގުމުންނެވެ. އެ އޮތޯރިޓީ ހިންގަމުންދަނީ މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުންނެވެ. ނަމަވެސް މި ސައިޓްތައް ބްލޮކް ކޮށްފައިވަނީ ކީއްވެގެންކަން މިހާތަނަށް އެއޮތޯރިޓީން ހާމަކޮށްފައިނުވެއެވެ. އަދި ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް