ފަލަސްޠީނުގެ މައްސަލައާ ގުޅިގެން އދ ގައި އޮތް ކޮންފެރެންސްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ ޚަލީލް ބައިވެރިވެ ވަޑައިނުގެންނެވުމުން، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާރސަން ފައްޔާޟް އިސްމާއީލް ފާޑު ވިދާޅުވެއްޖެ އެވެ.
އެެމެރިކާގެ ނިއު ޔޯކުގައި ކުރިއަށްދާ މި ކޮންފަރެންސް ފަށާފައި ވަނީ ހޯމަ ދުވަހު އެވެ. އެއީ ސައުދީ އަރަބިއްޔާ އާއި ފްރާންސް އިން އިސްނަގައިގެން، ފަލަސްޠީނުގެ މައްސަލައާ ގުޅިގެން، ދެ ދައުލަތުގެ ޙައްލު ހޯދުމަށް ކުރިއަށް ގެންދާ މަޝްވަރާ ކޮންފަރެންސް އެކެވެ.
އެކަމާ ގުޅިގެން ފައްޔާޟް އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ފަލަސްޠީނުގެ ދައުލަތެއް ޤާއިމު ކުރުން އަވަސް ކުރުމަށް ކުރިއަށް ގެންދާ މުހިންމު ކޮންފަރެންސްގައި ރާއްޖެ އިން ބައިވެރިވެފައި ވުމަކީ ހިތްވަރެއް ކަމަށެވެ.
އެހެން ނަމަވެސް، އެ ކޮންފަރެންސްގައި ރާއްޖެ ތަމްސީލު ކުރުމަށް މިނިސްޓަރު ބައިވެރިވުމުގެ ބަދަލުގައި، ރާއްޖޭގައި އޮތް ޖާފަތެއްގައި ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ޚަލީލް ދެކެވަޑައިގަތުމަކީ ލަދުވެތި ކަމެއް ކަމަށް ފައްޔާޟް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން އެ ޕޯސްޓުގައި ފައްޔާޟް ވިދާޅުވެފައި ވަނީ، އެކަމުގައި ރާއްޖެ އިން އަމަލު ކުރި ގޮތުން ދޭހަކޮށްދެނީ ކަންބޮޑުވާ މެސެޖެއް ކަމަަށެވެ. އެއީ ފަަލަސްޠީނުގެ މައްސަލަ އާއި، ފަލަސްޠީނާ މެދު ރާއްޖެ އިން އިސްކަން ދެމުން އަންނަ މިންވަރާ ގުޅޭ ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.
އެ ޕޯސްޓުގައި ފައްޔާޟް ވިދާޅުވީ ފަލަސްޠީނުގެ މައްސަލައިގައި ކުރިއަށްދާ ކޮންފަރެންސްގައި ރާއްޖެ ތަމްސީލު ކުރުމަށް ރާއްޖޭގެ ރަައްޔިތުން ބޭނުން ވާނީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ކަމަށެވެ. ނުވަތަ އެންމެ ކުޑަ މިނުން ޚަލީލްގެ ބައިވެރިވުން ބޭނުން ވާނެ ކަމަށް ފައްޔާޟް ވިދާޅުވި އެވެ.
އެމެެރިކާގައި ކުރިއަށް ދިޔަ މި ކޮންފަރެންސްގައި ޤައުމުތަކުގެ ފޮރިން މިނިސްޓަރުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އެގޮތުން ފްރާންސްގެ ފޮރިން މިނިސްޓަރުގެ އިތުރުން، ކެނެޑާގެ ފޮރިން މިނިސްޓަރު، ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.