ކ. މާލެ
|
20 ޑިސެންބަރ 2023 | ބުދަ 11:56
އަބުދުالله ހަނީފް (ބެންޖޯ) ކެރިއަރު ނިންމާލުން ފާހަގަކުރަނީ
އަބުދުالله ހަނީފް (ބެންޖޯ) ކެރިއަރު ނިންމާލުން ފާހަގަކުރަނީ
ބެންޖޯ ކުޅުން ހުއްޓާލުން
"ކެރިއަރު ފެށިއިރު ބެރުދުންމާރީގެ ފޯރި، 19 އަހަރަށްފަހު ކެރިއަރު ނިންމާލިއިރު ފުއްޕާހަމާއި ދިދަ"
19 އަހަރު މަތީ ފަންތީގައި ކުޅެ ކާމިޔާބީތައް ހޯދި

"ވަރަށް ހިތާމަވެރި. ފުޓްބޯޅަ މިހާރު މިއޮތީ ފުޓްބޯޅަ ފެމިލީ އެއްވެސް މީހަކު ބޭނުންވާ ހާލަތެއްގައި ނޫން. ފެށިއިރު ހުރާ ސިޑިބަރިން ފެންނާނެ ބެރުޖަހާލާ ނަށާލާ ފޯރި. މިހާރު މިފެންނަނީ ފުއްޕާހަންތަކެއް. އެންމެ ފޯރިގަދަކޮށް އޮންނައިރުވެސް އެންމެ ގިނައިން މިފެންނަނީ ފުއްޕާހަންތަކަކާއި ދިދަ ތަކަކާ." 19 އަހަރަށްފަހު ފުޓްބޯޅަ ކެރިއަރު ނިންމާލާ, ގަލޮޅު ރަސްމީ ދަނޑުން ފައިބަމުން އަބްދުالله ހަނީފް (ބެންޖޯ) ހުރީ މާޔޫސްވެފައެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދުމުގެ ހިތްހަމަޖެހުމާއި އުފާ 39 އަހަރުގެ ބެންޖޯ އަށް އެބައޮތެވެ. ރާއްޖޭގެ ބޮޑަތި ކްލަބްތަކުގެ ކެޕްޓަންކަން ކޮށް ގިނަ ތަށިތަކެއް ހޯދިއެވެ. މާލެ އަތޮޅު ހުރާގެ ހުއްރިއްޔާ ސްޕޯރޓްސް ކްލަބުން ކެރިއަރު ފެށިއިރު ގަލޮޅު ރަސްމީ ސްޓޭޑިއަމް އަކީ ދެގަޑިއިރު ކުރިން ޓިކެޓެއް ނަގައިގެން ނޫނީ ޖާގައެއް ނުލިބޭނެ ސްޓޭޑިއަމް އެކެވެ. މެދުކެނޑުމެއް ނެތި ސަޕޯޓުގެ އަޑު އިވެއެވެ. އެ ފޯރީގައި ގޮސް އައިއެފްސީއާއި ވީބީގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދިއެވެ. އެކަމަކު ފަހުން ނިއުރޭޑިއަންޓާއި ޓީސީއާއި ސަސް އާއި ތިން ފަހަރެއްގެ މަތީން އީގަލްސް އަށް ކުޅުނު އިރު ފުޓްބޯޅަ ފޯރި ހީނަރު ވެއްޖެއެވެ. އެންމެ ފަހުން އީގަލްސްގައި ކެރިއަރު ނިންމާލިއިރު އޮތީ ފަޅު ސްޓޭޑިއަމް އެކެވެ. ކެރިއަރުގައި އޭނާއަށް އެންމެ ބޮޑު ސަޕޯޓެއް ލިބުނު ސިޑިބަރިއާ ދިމާގައި ހުރީ ކުރިން ބެންޖޯ ފާހަގަކުރި ފަދައިން ފުއްޕާހަމާއި ދިދައެވެ.

މިހާދުވަހު ކުޅިވަރު ކުޅުނު މީހެއްގެ ހައިސިއްޔަތުން ބުނެވޭނީ ހިތާމަވެރި ހާލަތެއްގައޭ މިއޮތީ, މިއަށްވުރެ ފުޓްބޯޅަ ރަނގަޅުވާން ކޮންމެ މީހަކުވެސް ބޭނުންވާނެ.
އަބްދުالله ހަނީފް (ބެންޖޯ)

ފުޓްބޯޅަ ފޯރިއަށް ކޮންމެ ބަދަލެއް އަޔަސް ކެރިއަރުގައި އޮތީ އުފާވެރި ކާމިޔާބީ ތަކެވެ. ވީބީއާއި ނިއުރޭޑިއަންޓާއި އީގަލްސްއާއި ސަސްގެ ކެޕްޓަންކަން ކުރިއެވެ. ގައުމީ ޓީމަށް ކުޅުނެވެ. ޓީސީގައި އިންޓަރނޭޝަނަލް ކްލަބް މުބާރާތުގެ ތަށި ހޯދިއެވެ. ހުރައާއި ވީބީ އަދި ޓީސީއާއެކު ވެސް ލީގު ހޯދިއެވެ. ކޮންމެ ކްލަބެއްގައި ވެސް %100 ދިނެވެ. ބެންޖޯގެ ބަހުން ނަމަ ކޮންމެ ޓީމަކަށް ވެސް ކުޅުނީ ކުޅޭ ހިތުން މެކްސިމަމް ދީގެންނެވެ. 39 އަހަރުގައި ވެސް އީގަލްސްގެ ފުރަތަމަ އެގާރައިއިން އޭނާއަށް ޖާގަ ލިބުމަކީ އޭގެ ހެތްކެކެވެ.

ކެރިއަރުގެ ފަހު މެޗަށްފަހު ބެންޖޯ އިންޓަރވިއު ދެނީ

ބެންޖޯގެ ކެރިއަރުގެ ފަހު މެޗަކީ އަންގާރަ ދުވަހު ނިމުނު ދިވެހި ޕްރިމިއަރ ލީގެވެ. އެ މެޗަށް ނެރުނު ޓީމުން ޖާގަ ނުލިބުނަސް, ޓީމަށް ހިތްވަރު ދޭން ބެންޗުގައި އިނެވެ. މިފަހުން އޭނާ ބޮޑަށް ފެނުނީ ދެން ދާން އޮތް ދާއިރާއަށް މަގު ފަހިކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. ފަހު މެޗުގައި ފުރަތަމަ އެގާރައިގެ ޖާގައެއް ނުލިބުނު މައިގަނޑު ސަބަބަކީ ވެސް އެއީއެވެ.

ކެރިއަރު ނިންމާލުމަށްފަހު އެނބުރި ދާން ބެންޖޯ ނިންމާފައިވަނީ ސިޔާސީ ދާއިރާ އަށެވެ. އޭނާ ވަނީ ފޭދޫ ދެކުނު ދާއިރާއަށް ކުރިމަތިލާކަން އިއުލާނުކޮށް ކެމްޕެއިން ވެސް ފަށާފައެވެ. އެ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ދަނީ ކެމްޕެއިންކުރަމުންނެވެ. ދާއިރާ ބަދަލުކޮށްލާއިރު އޭނާ ކުޅުނު ކޮންމެ ކްލަބެއްގެ އޮފިޝަލުންނާއި ކޯޗުން ހިމެނޭ ގޮތަށް އަދި އައްޑޫ ސިޓީގައި އޭނާގެ ކެރިއަރުގެ ބިންގާ އަޅައިދިން ކޯޗުން ވެސް ހިމެނޭ ގޮތަށް އޮތީ ޝުކުރެވެ. ކާމިޔާބު ކެރިއަރެއް ނިންމާލެވުނީ އެ ހުރިހާ ފަރާތްތަކާއި އާއިލާގެ ސަޕޯޓާއެކު ކަން ބެންޖޯ ގަބޫލުކުރެއެވެ.

- ކޮމެންޓް