ކުރިއަށް ހުރި އިންތިޚާބުތަކުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމާމެދު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. އެގޮތުން، ކުރިއަށް ހުރި އިންތިޚާބުތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާކަމަށް އެމްޑީޕީން ބުންޏެވެ.
ކުރިއަށްހުރި އިންތިޚާބުތަކަށް ބަލާއިރު، އެންމެ އަވަހަށް ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. އެ އިންތިޚާބު އަންނަ އަހަރުގެ ކުރީކޮޅު ބާއްވަން ވަނީ ނިންމާފައެވެ.
އަދާލަތު ޕާޓީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާއެކު ގިނަ ސިޔާސީ މަސައްކަތްތަކެއް ކުރަމުން އަންނަ ޕާޓީއެކެވެ. އެގޮތުން 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި، ދައުރު ނިމުމާ ހަމައަށް އެ ޕާޓީ އޮތްއިރު، މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް އެ ޕާޓީން ވަނީ އެމްޑީޕީއާއެކު މަސައްކަތްކޮށްފައެވެ.