Advertisement
ކ. މާލެ
|
20 އޮކްޓޯބަރ 2025 | ހޯމަ 13:39
ނޫސްވެރިންގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އާދަލަތު ޕާޓީ
ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!
މިހާރުން މިހާރަށް ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް އިލްތިމާސް ކުރެއްވި
ރިޔާސީ ދައުރު ދިގުދަންމާލުމަށް ރާވާރޭވުން ހުއްޓާލާ، އެފުރުސަތެއް ނުދޭނަން
ގާނޫނު އަސާސީއާ އެއްގޮތަށް ވެރިކަން ކުރައްވަން ބޭނުންފުޅު ނުވާނަމަ ރައީސް މުއިއްޒު ގެއަށް ވަޑައިގަތުމަށް ވެސް ގޮވާލެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިއަކު ހުރަސް ކުރައްވައިގެން ނުވާނެ އެތައް ރަތްރޮނގުތަކެއް ހުރަސް ކުރައްވާފައި ވާކަން ފާހަގަކޮށް، އެމަނިކުފާނަށް އަދާލަތު ޕާޓީ ވަރަށް ވަރުގަދަ ދެ އިލްތިމާސް ކޮށްފިއެވެ.

ހޯމަ ދުވަހު އަދާލަތު ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވީ، ރައީސް މުއިއްޒު ރާއްޖޭގެ ވެރިއަކަށް ހުންނަވައިގެން ވެރިއަކު ހުރަސް ކުރައްވައިގެން ނުވާނެ އެތައް ރަތްރޮނގުތަކެއް ހުރަސް ކުރައްވާފައިވާ ކަމަށެވެ.

އެހެންކަމުން ރައީސް މުއިއްޒު މި ރޮނގުތަކުގެ ތެރެއަށް ވެއްދުމަށްޓަކައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި، ސިޔާސީ ލީޑަރުންނާ އަދި ރައްޔިތުން އެކުއެކީގައި ނުކުމެ މަސައްކަތް ކުރަން ޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރަސްކަމެއް ގާއިމް ކުރުމަށް ކަމަށާއި، އެފުރުސަތު ނުދޭނެ ކަމަށެވެ.

މީގެ އިތުރުން އިމްރާން ވަނީ ރައީސް މުއިއްޒަށް ދެ އިލްތިމާސްއެއް ކުރައްވާފައެވެ.

އެގޮތުން މިހާރުން މިހާރަށް ރަސްމާލެ މަޝްރޫއު ހުއްޓާލުމަށާއި، ރިޔާސީ ދައުރު ދިގުދަންމާލުމަށް ރާވާރޭވުން ހުއްޓާލުމަށް ގޮވާލެއްވިއެވެ. އަދި ވިދާޅުވީ ރިޔާސީ ދައުރު ދިގުދަންމާލުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށާއި، އެފުރުސަތު ނުދޭނެ ކަމަށެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ ހުޅުމާލެ ފޭސް-3 އަކުން ފެށިގެން އުތުރުތިލަފަޅާ ހަމައަށް ބްރިޖުން ގުޅުވައިލެވި އެސަރަހައްދުގައި ހުރި ފަޅުތައް ހިއްކި 23،000 ގޯތި ދެވި އަދި ފެނާއި، ނަރުދަމާގެ ޚިދުމަތާއެކު އެސަރަހައްދުގެ އިންސްފްރާސްޓަކްޗަރ 350 މިލިއަން ޑޮލަރަށް ގާއިމްކުރެވޭ ކަމަށެވެ. ނަމަވެސް ހަމައެކަނި ރަސްމާލެ ހިއްކުމަށް 600 މިލިއަން ހޭދަ ކުރާ ކަމަށާއި، މިއީ ރައްޔިތުންނަށް ކޮށްދޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ފުރަތަމަ ކަމަކީ ރައީސް ކަމުގެ ދައުރު ދަންމާލުމަށް ތިގެންގުޅުއްވާ ނުކަސިޔާރު ވިސްނުން މިއަދުން ފެށިގެން ދޫކޮށްލައްވާށޭ. މާތްﷲގެ ރަހުމަތުން އަޅުގަނޑުމެންގެ ފުރާނަ ހުރިއްޔާ ރައީސް މުއިއްޒު އެކަން ކުރައްވާކަށް އަޅުގަނޑުމެން އެޖާގައެއް ނުދޭނަން. ދެވަނަ ކަމަކީ ރަސްމާލެ ހިއްކުމަށް ތިޔަ ގެންގުޅުއްވާ ވިސްނުމާއި ފިކުރާ ހިޔާލު ހުއްޓާލައްވާ.

އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ

ދައުލަތް ހިންގުމުގެ މުޅި ނިޒާމު ހަރާބު ކޮށްލާފައި ވާކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް، ޝައުރީ ނިޒާމު އަދި މިނިވަން މީޑީއާގައި ތަޅުއަޅުވައި، ރާއްޖޭގެ އިގްތިސާދު އެއްކޮށް ފުޑާލުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިމްރާން ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީ، ކުންފުނިތަކުގެ ވެރިން ވެސް ޖަލަށް ލުމަށް ކަމަށާއި، އެހައި ބޮޑަށް ރައްޔިތުން ނޮޅާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮރަޕްޝަނާ ވައްކަން ފެތުރި ފަސާދަ އާއްމުވެ ދައުލަތުގެ އިސްމީހާއިން ފެށިގެން ޕްރޮޖެކްޓްތައް ހިންގުމުގައި އެންމެ އާދައިގެކޮށް ތިއްބަވާ ފަރާތްތާކައި ހަމައަށް ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ދޭ ފަރާތްތަކުން ކޮރަޕްޝަންގެ ބޮޑެތި ފަސާދަވެރި އަމަލުތައް ހިންގާ ހިސާބަށް ގެންގޮސްފައި މިވަނީ. މިކަމުގެ މައްޗަށް އެންމެ ނުރައްކާ އެއްކަމަކީ ދައުލަތުން ބޭނުންވެގެން އެދިގެން ރައްޔިތުންގެ ކުންފުނިތަކުން މަސައްކަތްތައް ހިންގީމަ އެއަށްދޭންޖެހޭ އުޖޫރަ ނުވަތަ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ނުދީ ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން އެތައް ކުންފުންޏެއް މިއަދު އެވަނީ ބަގުރޫޓުވެފައި. އަދި މިކުންފުނިތަކުން މީރާއަށް ދައްކަންޖެހޭ ޖީއެސްޓީ ނުދައްކައިގެން ކުންފުނިތަކުން އެބަ ބުނޭ ތިމަންނަމެންނަށް ޖީއެސްޓީ ދައްކަން މިޖެހެނީ ސަރުކާރުން ދޭންޖެހޭ ފައިސާއެއްނޫންހޭ. ތިމަންނަމެންނަށް އެފައިސާ ލިބުނީމަ ނޫންހޭ ދެއްކޭނީ. މީރާއިން މިބުނީ ތިއީ ތިމަންނާ ބެހޭ ކަމެެއް ނޫނޭ. ޖެހޭނީ ޖީއެސްޓީ ދައްކާށޭ. މީގެ ދަށުން މިދާ ހިސާބަކީ ޓެކްސް ނުދައްކާ ނުވަތަ ލަސްވެގެންދާ ކުންފުނިތަކުގެ ވެރީން ޖަލަށްލާ ހިސާބަށް މިދަނީ.

އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ

މީގެ އިތުރުން އިމްރާން ވިދާޅުވީ ރައީސް މުއިއްޒަށް ވެރިކަން ހަވާލުކުރީ ގާނޫނު އަސާސީއާ ހިލާފުވެ ވެރިކަން ހިންގަން ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީއާ އެއްގޮތަށް ވެރިކަން ކުރައްވަން ބޭނުންފުޅުނުވާނަމަ ގެއަށް ވަޑައިގަތުމަށް އިމްރާން ގޮވާލެއްވިއެވެ.

- ކޮމެންޓް