ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަކީ ދޮގު ހައްދަވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރުން ކައިރީވެސް ދޮގު ހައްދަވަމުން ގެންދަވާއިރު، އެމަނިކުފާނުގެ މި ދޮގުން އަޅުގަނޑުމެން ސަލާމަތްވާންޖެހޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އިމްރާން ވިދާޅުވީ، ހުރިހާ ކަމެއް ފެށިގެން އައީ ރައީސް މުއިއްޒު ރިޔާސީ ކެމްޕެއިންގެ ޓިކެޓްގެ ވަގަށް ނެގި ހިސާބުން ކަމަށާއި މިއަދު މުއިއްޒު ހައްދަވަމުންދާ ދޮގު ސަރުކާރުގެ ހުރިހާ ފަށަލައަކާއި ހަމައަށް ގޮސްފައިވާ ކަމަށެވެ.
އެގޮތުން މިއަދުގެ ސަރުކާރުގެ ތެރޭގައި ދޮގު ހެދުމާއި، ދައުލަތުގެ ފާއިސާ އަށް ޚިޔާނާތްތެރިވުމާއި، ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ކުރަމުންދާ ކަމަށް ވިދާޅުވަމުން އިމްރާން ވިދާޅުވީ، ކެބިނެޓް މިނިސްޓަރުން ކައިރީވެސް މުއިއްޒު ދަނީ ދޮގު ހައްދަވަމުން ކަމަށާއި، މިވާހަކަ ކެބިނެޓް މިނިސްޓަރުން މިހާރު ދައްކަވަމުން ގެންދާ ކަމަށެވެ.
ހުރިހާ މައްސަލައެއް ފެށިގެން އައިސްފައިވަނީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ރައީސް މުއިއްޒު އެނގިވަޑައި ހުންނަވައިގެން ހައްދަވާފައިވާ ދޮގުތައް ކަމަށާއި، ރައީސް ޔާމިން މިނިވަން ކުރުމަށް ކަމަށް ވިދާޅުވެ ހެއްދެވީ އެންމެ ބޮޑު ދޮގު ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
ހުވާ ކުރާ ދުވަސް ނޫން އަނެއް ދުވަހު ރައީސް ޔާމިން މިނިވަން ވާނެ، ރައީސް މުއިއްޒު ވިދާޅުވީ ޖުޑީޝިއަރީއަށް އަތް ނުބާނެ ކަމަށް، އޭރުން ރައީސް ޔާމިން މިނިވަންވާނީ، ރައީސް ޔާމިން މިއަދު މިނިވަން ނުވެ އެ ހުންނަވަނީ ކީއްވެތޯ، އެއީ ރައީސް މުއިއްޒު ޖުޑީޝިއަރީ އަށް އަތް ބޭނުމުން އެހެންނޫންތޯ، އެދޮގާއި ހަމައިން މިހުރިހާ ކަމެއް ފެށުނީ
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ![]()
ރައީސް މުއިއްޒުއަށް އެންމެ ގިނަ ވޯޓް ލިބުނީ ރައީސް ޔާމިން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވެ ދައްކަމުން ދިޔަ ހުސްގޮނޑި އާއި ބޯހިޔާވަހި ކަމަށް ހެއްދެވި ދޮގުތަކުގެ މައްޗަށް ކަމަށް އިމްރާން ވިދާޅުވި އެވެ.
އެގޮތުން އެމީހަކަށް ލިބިފައި އޮތް ތަނަކުން ލިބިފައި އޮތް މިންވަރަކަށް ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި، ވިދާޅުވުމަށް ގިނަ ބަޔަކު ގަބޫލު ކުރި ކަމަށާއި ނަމަވެސް އަދިވެސް މުއިއްޒު ގެންދަވަނީ ދޮގު މައްޗަށް ދޮގު ހައްދަވަމުން ކަމަށެވެ.
އަދި މިހާރު ރާއްޖޭގެ އިގްތިޞާދު މިއޮތީ ވަރަށް ނާޒުކު ހާލަތުގައި ކަމަށާއި މިއަދު ރައްޔިތުން ވަރަށް ނިކަމެތި ވެއްޖެ ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވަނީ ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.