ކ. މާލެ
|
25 ނޮވެންބަރ 2023 | ހޮނިހިރު 11:54
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަހުމަދު ޝިޔާމް
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަހުމަދު ޝިޔާމް
ޔޫސުފް ސޮފްވާން ރަޝީދު
އައު ސަރުކާރަށް އެއްބާރުލުން ދިނުން
މި ސަރުކާރުން ކުރަންހުރި މަސައްކަތްތައް ވަރަށް ގިނަ، އެއްބާރުލުން ދެއްވާ!: މިނިސްޓަރު ޝިޔާމް
ދެ ފުށް ފެންނަ ވެެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވާނެ
ރައީސް މުއިއްޒަކީ މިއަދު ދިވެހީންގެ އެންމެބޮޑު އުންމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަންހުރި މަސައްކަތްތައް ވަރަށް ގިނަކަަމަށާއި، އައު ސަރުކާރަށް އެއްބާރުލުން ދެއްވުމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް އެދިވަޑައިގެންފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕާ ދެމެދު ގުޅުން ގޯސްވެ، އެންމެ ފަހުން ޔާމީން ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ. އެއާއެކު ރައީސް މުއިއްޒުގެ ކެބިނެޓްގެ ބައެއް ވަޒީރުން ގެންދަވަނީ މުއިއްޒާއެކު ތިއްބެވިކަން ހާމަކުރައްވަމުންނެވެ.

ރައީސް މުއިއްޒަށް ތާއީދުކުރައްވާކަން ހާމަކުރައްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، 19 ވަނަ މަޖިލީހާއެކު، ޕާޓީގެ ނައިބުރައީސެއްގެ ވެސް މަސްއޫލިއްޔަތާއެކު މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަދު މެންބަރުންކޮޅަކައިގެން ސަރުކާރު ޖަވާބުދާރީކުރުމުގެ މުހިންމު މަސްއޫލިއްޔަތު ވެގެންދިޔައީ ބުރަ އަދި އުނދަގޫ މަސައްކަތަކަށް ކަމަށެވެ. އެންމެ ބޮޑު ގޮންޖެހުމަކަށްވީ ޕާޓީގެ ރައީސް ރައީސް ޔާމީން ހައްގުނޫން ސިޔާސީ ހުކުމެއްގައި ޖަލުގައި ގައިދުކޮށްގެން، އެމަނިކުފާނުގެ އިންތިޚާބީ ހައްގު ސަރުކާރުން ނިގުޅައިގަނެގެން ކުރިމަތިކުރުވި ދަތި ދުވަސްތަކެއް ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރިޔާސީ އިންތިޚާބު 2023 މުއިއްޒު ކާމިޔާބުކުރެއްވީ ގިނަ ބައެއްގެ ލޯތްބާއެކު ކަމަށާއި، އިންތިޚާބީ ރައީސެއްގެ ގޮތުގައި ރައީސް މުއިއްޒު އޭރުގެ ސަރުކާރަށް ކުރެއްވި ފުރަތަމަ އިލްތިމާސަކީ ޔާމީން ގެކޮޅަށް ބަދަލު ކޮށްދެއްވުމަށް އެދިވަޑައިގެން ކުރެއްވި އިލްތިމާސް ކަމަށެވެ.

Advertisement

މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން ކުރަންހުރި މަސައްކަތްތައް ވަރަށް ގިނަކަމަށާއި، އެ ހުރިހާ ވައުދުފުޅުތަކެއް ބަހުން ބަހަށް 953 ގަނޑުގެ ބޯ ފޮތެއްގައި ޝާއިއުކުރެވިފައި ވާކަމަށެވެ. އެއީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަދުފުޅުތަކަށް ފުރަގަސް ނުދެއްވާނެކަމުގެ ދަލީލެއްކަމަށާއި، ދެ ފުށް ފެންނަ ވެެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

ރައީސް މުއިއްޒަކީ މިއަދު ދިވެހީންގެ އެންމެބޮޑު އުންމީދުކަން ފާހަގަކުރައްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، އެމަނިކުފާނު ތަފާތު ދައްކަވާނެކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތްތަކެއްގެ ފޮނި ނަތީޖާ ކަމަށެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރައީސް މުއިއްޒާއެކު ރައްޔިތުންގެ ވަރަށް ގިނަ އުންމީދުތަކެއް އެބަހުރިކަމަށެވެ. އެއީ އަޅުވެތިކަމަށް ދާން ބޭނުންނުވުމާއި، އިސްލާމްދީން މަތިވެރިކުރުމާއި، ގައުމު ދަރަނިން ސަލާމަތްކުރުން ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސުލްހަވެރި އަމާންވެއްޓެއް ގާއިމްކުރުމާއި، ތަރައްގީއާއި ތަމައްދުން ކަމަށެވެ

އެހެންކަމުން ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންދިއުމަށް ރައީސް މުއިއްޒަށް އެންމެ ފުރިހަމަގޮތުގައި ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަށް މިނިސްޓަރު ޝިޔާމް ވަނީ އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް