ކ. މާލެ
|
9 އޯގަސްޓް 2024 | ހުކުރު 00:29
ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގެ ތެރޭގައި، ޔުކްރެއިން ސިފައިން ދިން ހަމަލާއަކުން ސުންނާފަތިވެފައިވާ ގެއެއް ދައްކުވައިދޭ މަންޒަރެއް
ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގެ ތެރޭގައި، ޔުކްރެއިން ސިފައިން ދިން ހަމަލާއަކުން ސުންނާފަތިވެފައިވާ ގެއެއް ދައްކުވައިދޭ މަންޒަރެއް
ރޮއިޓާސް
ޔޫކްރެއިން - ރަޝިއާ ހަނގުރާމަ
ޔޫކްރެއިން ސިފައިން ރަޝިއާ އަށް އަރާ ރަޝިއާ ސިފައިންނާ ހަނގުރާމަ ކުރަނީ
ޔުކްރެއިން އިން ރަޝިއާގެ ދިފާއު ފޫއަޅުވާލުމަށް ފަހު ރަޝިއާ އަށް އެރުމުން ރަޝިއާ އަށް ބޮޑު ޝޮކެއް ލިބިގެން ދިޔަ ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޔޫކްރެއިން ސިފައިން ރަޝިއާ އަށް އަރާ ރަޝިއާ ސިފައިންނާ ހަނގުރާމަ ކުރަމުން ދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރަޝިއާގެ އަސްކަރިއްޔާ އިން ހާމަ ކޮށްފައިވާ މައުލޫމާތައް ބަލާއިރު ރަޝިއާ ގެ ބޯޑަރުން 10 ކިލޯމީޓަރު އެތެރެއަށް ޔޫކްރެއިން ސިފައިން ވަދެފައިވާ ކަމަށާއި ރަޝިއާގެ ސިފައިން ޔޫކްރެއިންގެ ފައުޖް އާ ހަނގުރާމަ ކުރަމުންދާތާ ތިން ދުވަސް ވެއްޖެ ކަމަށް ބުރާސްފަތި ދުވަހު ބުނެފައިވެއެވެ.

ޔޫކްރެއިން ސިފައިން ރަޝިއާގެ ކާސްކް ސަރަހައްދަށް ވަނީ އަންގާރަ ދުވަހު ކަމަށް ރަޝިއާގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ. ރަޝިއާގެ ސަރަހައްދަށް ވަތް ޔޫކްރެއިން ލަޝްކަރުގައި ގާތްގަނޑަކަށް ހާހެއްހާ ސިފައިން ތިބި ކަމަށާއި އެމީހުން ރަޝިއާގެ ސަރަހައްދަށް ވަނީ ޓޭންކާއި ހަތިޔާރު އެޅި އުޅަނދުތަކުގައި ކަމަށް ވެސް ރަޝިއާގެ އަސްކަރިއްޔާ އިން ބުނެއެވެ.

މިއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާ ސިފައިން ޔޫކްރެއިންނަށް އަރާ ހަނގުރާމަ ފެށިފަހުން ރަޝިއާގެ ސަރަހައްދީ ރޮނގު ހުރަސް ކޮށް ޔޫކްރެއިނުން ރަޝިއާ އަށް ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ވައިގެ މަގުންނާއި އެއްގަމު މަގުން ރޮކެޓް ހަމަލާތައް ދީ ޔޫކްރެއިންގެ ފައުޖު ބަލިކޮށް ފަހަތައް ޖެއްސުމަށް ރަޝިއާ ގެ އަސްކަރިއްޔާ އިން ހުއްޓުމެއް ނެތި ހަމަލާތައް ދެމުންދާ ކަމަށެވެ.

އެމެރިކާގެ އިންސްޓިޓިއުޓް ފޯ ދަ ސްޓަޑީ އޮފް ވޯ އިން ބުނެފައިވަނީ ޔޫކްރެއިން އިން ރަޝިއާގެ ސަރަހައްދަށް އަރާ ދިން ހަމަލާތަކުގައި ޔޫކްރެއިނުން ފާހަގަ ކުރެވޭ ވަރުގެ ކުރިއެރުން ތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ފާހަގަ ކުރެވޭ ވަރުގެ ބޮޑު ސަރަހައްދެއް ޔޫކްރެއިން ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ރަޝިއާގެ ބޯޑަރު ހުރަސްކޮށް 10 ކިލޯމީޓަރު އެތެރެއަށް ޔޫކްރެއިންގެ ފައުޖުތަކުން ވަދެގަތުމުގެ މާނައަކީ ރަޝިއާގެ ދިފާއީ ދެ ލައިން ޔޫކްރެއިން އިން ފޫދުއްވާލުން ކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެފައިވެއެވެ.

ރަޝިއާގެ އަސްކަރިއްޔާގެ އިސް ޖެނެރަލުން ބުނެފައިވަނީ ރަޝިއާ ސަރަހައްދަށް ވަތް ޔޫކްރެއިން ސިފައިން ޗިސް ކޮށްލާނެ ކަމުގައެވެ.

ޔޫކްރެއިންގެ ކުއްލި މި ހަމަލާ އަކީ ރަޝިއާ އަށް ލިބިގެން ދިޔަ ބޮޑު ޝޮކެއް ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް