ކ. މާލެ
|
11 ފެބްރުއަރީ 2025 | އަންގާރަ 23:17
މި ސަރުކާރުން ރައްޔިތުންނަށް ބީރު ކަންފަތެއް ދޭނަމަ މާގިނަ ދުވަހެއް ނުވެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ގެއްލޭނެ: މެންބަރު ނާޒިލް
މި ސަރުކާރުން ރައްޔިތުންނަށް ބީރު ކަންފަތެއް ދޭނަމަ މާގިނަ ދުވަހެއް ނުވެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ގެއްލޭނެ: މެންބަރު ނާޒިލް
ރާއްޖެއެމްވީ
މަސްވެރިކަން
ބޭރަށް މަސް އެކްސްޕޯޓްކުރިނަމަ މަސްވެރިންނަށް ފައިސާދެވޭނެ، މިހާތަނަށް އައިރު މަސްވެރިންނަށް މި ސަރުކާރުން ކޮށްދިން އައު ކަމެއް ނެތް - ނާޒިލް
އެމްޑީޕީ ސަރުކާރުގައި މަސްވެރިންނަށް އޮތް ދަތިތައް ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެވުނުކަން އަދި އޭގެ ތަފްސީލުވެސް ވަޒީރަށް އެނގިވަޑައިގަންނަވާނެ
މި ސަރުކާރުން ވެރިކަމަށް އައިސް މިހާތަނަށް ރަނގަޅަށް ކުރެވުނު އެއްކަމެއްވެސް ފެންނަން ނެތް
މަސްވެރިންނަށް ފައިސާ ދީފައި ސަރުކާރުން ދައްކަން އުޅެނީ ބަޖެޓުން ބޮޑު އަދަދެއް ނަގައި މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދީގެން އުޅޭ މަންޒަރު

މި ސަރުކާރު ވެރިކަމަށް އައި އިރު ސްޓޯރޭޖްގައި ހުރި މަސް ބޭރަށް އެކްސްޕޯޓްކުރިނަމަ މަސްވެރިންނަށް ފައިސާދެވޭނެ ކަމަށާއި، ކަންކަން ކުރަން ނޭނގި މިހާތަނަށް އައިރު މަސްވެރިންނަށް މި ސަރުކާރުން ކޮށްދިން އައު ކަމެއް ނެތް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަޑައިގެން ދެއްވި ޖަވާބުތަކުން ފާހަގަކުރެވިގެންދިޔައީ، މި ސަރުކާރު ވެރިކަމަށް އަންނަން ދެއްކި ރިޔާސީ ވައުދުތަކުގެ ތެރެއިން ގިނަ ވައުދުތަކުގެ ވާހަކަ ބަހައްޓާފައި ކުރިއަށްދިޔަ ސަރުކާރުން ކަންތައްތަކެއް ނުވެދިޔަކަން މުޅި ވާހަކައިގައި ބައްޓަންކުރެއްވި ކަމަށެވެ.

ނާޒިލް ވިދާޅުވީ ނިމިގެންދިޔަ 19 ވަނަ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި މެންބަރެއްގެ ގޮތުގައި އިންނަވައިގެން އެއިރު މަސްވެރިންނަށް އޮތް ދަތިތައް ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެވުނުކަން އަދި އޭގެ ތަފްސީލުވެސް ވަޒީރަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ހާއްސަކޮށް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް ފެލިވަރާއި ކޫއްޑޫއާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާއި ތިނަދޫ ހިމެނޭހެން ހަތަރު ފަސް ސަރަހައްދެއްގައި ސްޓޯރޭޖް ފެސިލިޓީސް އިތުރުކުުރުމުގެ ގޮތުން ބައިވަރު މަސައްކަތްތަކެއް ފެށުނު ކަމަށެވެ.

އަދި އެ މަސައްކަތްތައް 2025 ވަނަ އަހަރު ފެށެންވާއިރަށް ނިންމަން ތާވަލުތަކެއް ލިބިފައިވާކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައިސް މިހާތަނަށް ރަނގަޅަށް ކުރެވުނު އެއްކަމެއްވެސް ފެންނަން ނެތްކަމަށާއި، ހައްތަހާވެސް އެއިރު ދެއްކި ވާހަކަތަކާއި ހިލާފަށް ދޮގުތަކެއް ހަދަމުންދާތަން އެއިރުވެސް އަދި މިހާރުވެސް ފެންނަމުންދާކަމަށް ނާޒިލް ވދާޅުވިއެވެ.

ވަރަށް ދައްކަން ބޭނުންނުވާ ވާހަކައެކޯ 2023 ވަނަ އަހަރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު މަސްވެރިންނަށް ދޭން އޮތް ބެކްލޮގެއްގެ ވާހަކަ. އެވާހަކަ އެއްވެސް ގޮތަކަށް ދައްކަން ބޭނުން ނުވާކަމަށް ބުނެ އެ ވާހަކަ މި ދައްކަނީ. 270 މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތްވާހަކަ ވިދާޅުވިއިރު އަޅުގަނޑުމެން އެއާއެކު އަބަދުވެސް ހަނދާންކޮށްދެމުންދަނީ 270 މިލިއަން ރުފިޔާގެ މަސް ސްޓޯރޭޖްގައި ހުންނާނެކަން. މިބޭފުޅުންގެ މޮޅުކަމުން ކޮށްދެއްވިކަމެއް ނޫން ފައިސާ ދިނުން. މަސްވެރިންގެ މަސް ބޭރަށް ވިއްކާލެވުނުހާ އަވަހަކަށް ލާރިދެވުނީ. އެކަންވެސް ކުރަން މިބޭފުޅުންނަށް ލަސްވީ ހަގީގަތުގައި އެކަން ކުރަންނޭނގުނީމަ. އެހެންވެ ފައިސާ ލަހުން ދެވުނީ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ނާޒިލް ވިދާޅުވީ މަސްވެރިންނަށް ފައިސާ ދީފައި ސަރުކާރުން ދައްކަން އުޅެނީ ބަޖެޓުން ބޮޑު އަދަދެއް ނަގައި މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދީގެން އުޅޭ މަންޒަރު ކަމަށާއި، ނަމަވެސް އެ ފައިސާއަކީ މަސްވެރިން މަސްބާނާފައި މަސްވެރިން ކިރާ މަހަށް ލިބެންޖެހޭ ފައިސާ ކަމަށާއި، ސްޓޯރޭޖުގައި މަސް ނުބަހައްޓާ ބޭރަށް މަސް ވިއްކާނަމަ އެ ފައިސާ މަސްވެރިންނަށް ދެވޭނެ ކަމަށެވެ.

ސަރުކާރުން މި ކަމުގައި މަސައްކަތްކުރަނީވެސް ރައްޔިތުންނަށް އޮޅޭގޮތަށް ކަމަށާއި، ސަރުކާރުން އެކަންކަން ކުރަނީ މީހުންގެ މެދުގައި ރުޅިވެރިކަން އުފެދޭ ގޮތަށް ކަމަށެވެ. ނާޒިލް ވިދާޅުވީ 48 ގަޑި އިރު ތެރޭގައި ކިރާ މަހަށް ފައިސާ ދޭވަހަކަ ސަރުކާރުން ދައްކާއިރު، މަސް ބާނައިގެން އައިސް މަސްކޮޅު ނުކިރިގެން މަސްދޯނިތައް ކިއުގައި ޖެހިފައިވާ ކަމަށެވެ.

ދޯނިފަހަރުގެ ކިއު ނަންބަރު ދެވިފައި އޮބައޮތް މިއަންނަ މަހުގެ 2 އާއި ހިސާބަށް. 16 ދުވަސް ކުރިއަށް. މިއަދު 10 ޓަން، 20 ޓަން މަސް ބާނައިގެން އަންނަ ދޯނި އޮންނަން އެބަޖެހޭ 12 ދުވަސް ވަންދެން މަޑުކޮށްލައިގެން އިތުރަށް މަހަށް ނުފުރި. އޭގެ މާނައަކީ އެ ދޯންޏަށް ލާރި ލިބެނީ 15 ދުވަހުގެ ތެރޭގައި. މިއަދު ބާނާ މަހުގެ ލާރިކޮޅު ލިބެނީ 2 ހަފްތާ ފަހުން. އެހެންވީމަ ހަގީގަތުގައި 48 ގަޑި އިރުތެރޭގައި ދެވޭ ވާހަކައަކީ މަސްވެރިންނަށް ކުރާ މަންފާއެއް ނެތް.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ނާޒިލް ވިދާޅުވީ މަސްވެރިކަމަކީ އަބަދު ދެމި އޮންނާނެ އެއްޗެއް ނޫން ކަމަށާއި، ރަނގަޅަށް މަސް ބޭނެނީ ސީސަންގެ ދެހަފްތާ ތިން ހަފްތާއަށް ކަމަށެވެ. އަދި ބާނާ މަސް ރައްކާކުރުމަށް އެމްޑީޕީ ސަރުކާރުން ފެށި މަސައްކަތަކީ ސްޓޯރޭޖް ކެޕޭސިޓީއާއި ބްރައިން ފްރީޒިންގ ކެޕޭސިޓީ އިތުރުކުރަން ފެށުން ކަމަށެވެ. އަދި އެ މަސައްކަތް ނިމެން އޮތް ތާރީހަކީ 2025 ވަނަ އަހަރުގެ ނިޔަލަށް ކަމަށާއި، މި ސަރުކާރުން މޮޅުވެގެން ކުރެވުނު އިތުރު އެއްކަމެއްވެސް ނެތް ކަމަށެވެ. ދޮޅު އަހަރުވެގެން ދިޔައިރުވެސް މަސްވެރިންނަށް ކޮށްދެވުނު އެއްވެސް ކަމެއް މި ސަރުކާރަށް ނެތް ކަމަށް ނާޒިލް ވިދާޅުވިއެވެ.

- ކޮމެންޓް