ކ. މާލެ
|
13 މެއި 2025 | އަންގާރަ 18:58
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ އަހާ ފޯރަމްގައި މަސްވެރިކަމުގެ ސިނާއަތައް މިއިން ޒަމާނަކު ނުކުރާހާ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައި
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ އަހާ ފޯރަމްގައި މަސްވެރިކަމުގެ ސިނާއަތައް މިއިން ޒަމާނަކު ނުކުރާހާ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައި
ރާއްޖެއެމްވީ ގްރެފިކްސް
މަސްވެރިކަމުގެ ސިނާއަތް
މިއިން ޒަމާނަކުވެސް މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީ އަށް ނުކުރާވަރުގެ މަސައްކަތް މި ސަރުކާރުން އެބަ ކުރޭ! ނާ ރަނގަޅަށް؟
މަސްވެރިކަމުގެ ސިނާއަތް ބޮޑުތަނުން ހީނަރުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ ބުނެފައެވެ. އެ ގޮތުން މަސްވެރިކަމުގެ ސިނާއަތް 2023 ވަނަ އަހަރު 3.6 އިންސައްތައިގެ ކުރިއެރުމެއް ފެނުނު ނަމަވެސް، 2024 ގައި މި ދާއިރާ 48.4 އިންސައްތަ ދަށަށް ގޮސްފައިވާ ކަން ވަނީ ފާހަގަ ކޮށްފައެވެ.

"އަޅުގަނޑުގެ މިނިސްޓްރީން މިއިން ޒަމާނަކު ހަގީގަތުގައި މަސްވެރިކަމުގެ ސިނާއަތައް ނުކުރާ މަސައްކަތްތަކެއް ރައީސުލް ޖުމްހޫރިއްޔާގެ މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި ކުރެވެމުން މިދަނީ،" ރައީސް މުއިއްޒުގެ ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް "އަހާ ފޯރަމް" ގައި ވާހަކަ ދައްކަވަމުން ހޯމަ ދުވަހުގެ ރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަސްވެރިކަމާ ގުޅުން ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި، މަސްވެރިކަމުގެ ސިނާއަތަށް މީހުން ބިނާ ކުރުމުގެ މަސައްކަތްވެސް ކުރަމުން ދާ ކަމަށެވެ.

"މި ފަސް އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތައް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމުގެ ވިސްނުންފުޅު ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ،" ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި މަސްވެރިކަމާ ބެހޭ ސިނާއަތުވެސް ބައްޓަން ކުރެވިފައި އޮތީ އެގޮތައް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަށް ތައުރީފު ކުރުމުގެ އާދަޔާ ޚިލާފު ސަގާފަތެއް ގެންގުޅުއްވާ ރައީސް މުއިއްޒުގެ މިނިސްޓަރުން ފޯރަމް ތަކުގައި ނިތްކުރިއަށް ރުލެއްވެސް އަރުވައި ނުލައްވާ ހަގީގަތް އޮޅުވާލަން ކޮންމެ ފަދަ ވާހަކަ އެއްވެސް ދައްކަފާނެ ކަމީ ދިވެހި ރައްޔިތުން ގަބޫލު ކުރާ ހަގީގަތެކެވެ. ފިޝަރީޒް މިނިސްޓަރ ޝިޔާމް މަސްވެރިކަން ކުރިއަރުވަން މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ވާހަކަ ދެއްކެވީ ހަމަ އެބީދާއިންނެވެ. ދޮޅު އަހަރު ފާއިތުވެގެން ދިޔައިރު، އެ ކުރެވޭ އައު މަސައްކަތެއް ފެންނަން ނެތްތާ މަސްވެރިކަން ބޮޑުތަނުން ދަށަށް ގޮސް މަސްވެރިކަމުގެ ސިނާއަތް މުޅިން ހީނަރުވެފައިވާ މިންވަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެމުންދާ ރިޕޯޓުތަކުން ސާފުކޮށް ފެންނަން އެބައޮތެވެ.

މަސްވެރިކަމުގެ ސިނާއަތް 2023 ވަނަ އަހަރު 3.6 އިންސައްތައިގެ ކުރިއެރުމެއް ފެނުނު ނަމަވެސް، 2024 ގައި މި ދާއިރާ 48.4 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް އެ ބުނަނީ އެމްއެމްއޭގެ އަހަރީ ރިޕޯޓުގައެވެ. މަސް ޕްރޮސެސް ކުރެވުނު މިންވަރު ވެސް ފާހަގަ ކުރެވޭ މިންވަރަށް ދަށްވެފައިވާ ކަމަށް އެ ބުނަނީ އެމްއެމްއޭ އިންނެވެ. ރާއްޖެއިން މަސް އެކްސްޕޯޓު ކުރެވުނު މިންވަރުވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށާއި، އެގޮތުން މަސް ބޭރު ކުރި މިންވަރު 49 އިންސައްތަ (38،716މެޓްރިކް ޓަނު) ދަށްވެފައިވާ ކަމަށް ވެސް އެ ބުނަނީ އެމްއެމްއޭ އިންނެވެ. 2024 ވަނަ އަހަރު ރާއްޖެ އިން ބޭރުކޮށްފައި ވަނީ އެންމެ 40.1 ހާސް މެޓްރިކް ޓަނުގެ މަހެވެ. ފިނިކުރި ކަޅުބިލަ މަސް ރާއްޖެއިން ބޭރު ކުރި މިންވަރު 59 އިންސައްތަ ދަށްވެފައިވެއެވެ. ދަޅު މަސް ބޭރު ކުރި މިންވަރު 53 އިން ސައްތަ ދަށަށް ގޮސްފައިވާ އިރު، ފިނިކުރި ރީނދޫ އުރަހަ ކަންނެލި ބޭރުކުރި މިންވަރު 38 އިން ސައްތަ ވަނީ ދަށްވެފައެވެ.

މިވާހަކަތައް ހުރީ ކުރީ ސަރުކާރުން ނެރުނު ރިޕޯޓެއްގަ އެއް ނޫނެވެ. އެއީ މިސަރުކާރުން ފޯރުކޮށްދޭ ތަފާސް ހިސާބުގެ މައްޗަށް ބިނާކޮށް މި ސަރުކާރުގެ ބާރުގެ ދަށުގައި ހުރި އެމްއެމްއޭ އިން ނެރުނު ރިޕޯޓެކެވެ.

ނިމިދިޔަ ރައީސް ސޯލިހްގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށް މަސްވެރިންނަށް ލިބޭ އާމްދަނީ ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް އޮތީ ކޮށްފައެވެ. އޭގެ ހެތްކަކީ ރައީސް ޔާމީނުގެ 5 އަހަރުގެ ވެރިކަމުގެ މުއްދަތުގެ ތެރޭގައި މިފްކޯ އަށް ގަތް ޖުމްލަ މަހުގެ އަދަދު 169 ހާސް މެޓްރިކް ޓަނުގައި ހުރި އިރު އެއާ ޚިލާފަށް ކޮވިޑްގެ 2 އަހަރު ރައީސް ސޯލިހްގެ ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ހިމެނުނު އިރުވެސް 293 ހާސް މެޓްރިކް ޓަނުގެ މަސް މިފްކޯ އަށް އޮތީ ކިރާފައެވެ. އަނެއްކޮޅުން މުއިއްޒުގެ ވެރިކަމުގައި، އެއް މިންގަނޑެއްގައި ނުހިފެހެއްޓުނުތާ، ބޮޑުތަނުން އޮތީ ސޮއްސަލައިގެން ތިރިއަށް ވެއްޓިފައެވެ. 2024 ވަނަ އަހަރު ކިރުނީ އެންމެ 38 ހާސް ޓަނުގެ މަހެވެ.

މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޮޑެތި އެތައް މަޝްރޫއެއް ރައީސް ސޯލިހްގެ ސަރުކާރުން އޮތީ ފަށާފައެވެ. ފެލިވަރުގައި ހިނގަމުންދާ ކެޕޭސިޓީ ބޮޑު ކުރުމުގެ މަޝްރޫއަކީ ސޯލިހްގެ ސަރުކާރުން ފަށާފައިވާ މަޝްރޫއެކެވެ. ކޫއްޑޫ އާއި ތިނަދޫގައި ވެސް މަޝްރޫއު ފެށީ ކުރީ ސަރުކާރުންނެވެ. މަސްގަތުމުގެ ކެޕޭސިޓީ އިތުރު ކުރަން އައު ބޯޓު ފަހަރު ގެނައީ ކުރީ ސަރުކާރުންނެވެ. އިހަވަންދޫގައި ފަށާނެ ކަމަށް މި ސަރުކާރުން އިއުލާނު ކުރި މަޝްރޫއަކީ ވެސް 2022 ން ފެށިގެން ރައީސް ސޯލިހްގެ ސަރުކާރުން މަސައްކަތް ކޮށް 2023 ވަނަ އަހަރު އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ފައިސާ ހޯދާފައިވާ މަޝްރޫއެކެވެ. އެހެން ގޮސް ރާއްޖޭގެ ކޮންމެ ތަނެއްގައި ހިނގި ނަމަވެސް މިހާރު ހިނގަމުން އެދަނީ ކުރީ ސަރުކާރުން ފަށާފައިވާ ނުވަތަ ފަށަން ފައިސާ ހަމަޖައްސާފައިވާ މަޝްރޫއުތަކެވެ. އެއާއެކު ރާއްޖޭގެ އެތައް ސަރަހަދެއްގައި އައިސްޕްލާންޓްތައް ހުރީ ގާއިމް ކޮށްފައެވެ. މަސްއޮޑިފަހަރުގައި ފިނިކުރާ ނިޒާމު ގާއިމު ކުރަން ފެށީވެސް ކުރީ ސަރުކާރުންނެވެ.

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މި ސަރުކާރުން އަލަށް ފެށި އެއްވެސް ކަމެއް ފެންނަން ނެތްތާ، ހިނގަމުން ދިޔަ މަޝްރޫއުތަކުގެ ދުވެލި މަޑުވެ، ފަންޑިން އޭޖެންސީތަކާ މައްސަލަ ޖެހި، ކޮންޓެރެކްޓަރުންނަށް ބަރާބަރަށް ފައިސާ ނުދެއްކުން ފަދަ އެތައް ކަމެއް ވަނީ ކުރިމަތިވެފައެވެ. ނާގާބިލު، ހިންގުންތެރިކަމެއް ނެތް ބަޔަކު ސަރުކާރާ ހަވާލުވެގެން ހެދޭ ނުހެދޭ އެއް ނޭނގި ދުވަހެއް ދުވަހެއް ފާއިތުވެ ދާއިރު ރާއްޖޭގެ މަސްވެރިކަން ދުވެހެއް ދުވަހެއް ދަށަށް ގޮސް، މަސްވެރިން މާޔޫސްވެ، މަސްވެރިކަމުގެ ސިނާއަތަށް އޮތް އުއްމީދު ވަނީ ފަނޑުވާން ފަށާފައެވެ. ރަށެއްގައި ހުރި އައިސް ޕްލާންޓެއް އެހެން ރަށެއްގެ ޕްލާންޓުން ބައިބައި ގެނެސްގެން މަރާމާތު ކުރުމާއި، އެއް ރަށުގައި ހުންނަ ޕްލާންޓް ގެންގޮސް އެހެން ރަށެއްގައި އިންސްޓޯލު ކުރުމަކީ ތިޔަ ވިދާޅުވާ އިންގިލާބީ މަސައްކަތްތައް ކަމަށް ވަންޏާ އެއޮތީ އެކަންވެ ފުރިހަމަ ވެފައެވެ.

މަސްވެރިކަމުގެ ސިނާއަތައް އިންގިލާބީ ބަދަލު ގެންނަން މެނިފެސްޓޯ ބައްޓަން ވެފައިވާ ކަމަށް ވިދާޅުވާއިރު، އެ މެނިފެސްޓޯގައި މަސްވެރިން ޝައުގުވެރި ކުރުވުމަށް އެންމެ ބާރު ލާފައި ދެއްކި ވާހަކަ އަކީ މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ކިލޯއަކުން 20ރ. އަށް ވުރެ ދަށް ނުކުރާނެ ކަމަށެވެ. ޑޮލަރުން މަސްވެރިންނަށް ފައިސާ ދައްކާނެ ކަމުގެ ވާހަކައެވެ. ޑޮލަރުގެ ވާހަކަ ބާއްވާފައި، މަސްވެރިންނަށް ދޭ އަގަށް ބަލާލަމާތޯއެވެ. މަސްވެރިންގެ އަތުން މަސްގަންނަނީ ކިލޯއަކަށް 16ރ. އަށް ކިލޯއެއްގެ މަގުންނެވެ. 4ރ. ކުޑަކޮށްނެވެ. ދުވާލު ދެ ދަޅައަށް މަސްވެރިންނަށް މިހާ ފައިސާ ދޫކޮށްފީމޭ ބުނެ ގޮތްގޮތައް ގްރެފިކްސް ހަދާ ސަރުކާރުން ސްޕޮންސަރ ކުރާ އެކައުންޓު ތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާއިރު، މަސްގަންނަމުން މިދަނީ ވައުދުވީ ވަރަށް ވުރެ 4ރ ކުޑަކޮށް ކަމެއް ހަދާނެއްނެތެވެ. ޔާގީންކޮށްގެން ތިބި އާމްދަނީ އަށް ވުރެ ލިބެމުން އެދަނީ ބޮޑުތަނުން ދަށް އާމްދަނީ އެކެވެ.

މަސްވެރިން މާޔޫސްވެއްޖެއެވެ. ދިވެހިންގެ ފަޚުރުގެ ގޮތުގައި ދެކެމުން އައި މަސްވެރިކަން މުޅިން ހީނަރުވެ ހަލާކުވެއްޖެއެވެ. ރައީސުލް ޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ފޯރަމްތަކުގައި މޮޅު ވާހަކަ ދެއްކުމަކުން ކަމުގެ ހަގީގަތް އޮޅުވައެއް ނުލެވޭނެއެވެ.

އިންގިލާބީ ބަދަލާއި އެހެން މޮޅު ވާހަކަ ދައްކަވަން ވާނީ އަދަދާއި ނަތީޖާ އިންނެވެ.

- ކޮމެންޓް