ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ކަރަންޓު ބިލުތައް ހަދާ ފޮނުވަމުންދަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފޯމިއުލާގެ ދަށުން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި މެމްބަރު ނާޒިލް ވިދާޅުވީ އެކި ގޭބިސީތަކުގެ ކަރަންޓު ބިލުތަކުގެ ސްލިޕްތައް ލިބެމުންދާ ކަމަށާއި، ސުވާލު އުފެދޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ. ކަރަންޓު ބޭނުންނުކުރާ މިންވަރަށް ބިލް ނުހަދާ ކަމަށް ސްޓެލްކޯއިން ބުނި ނަމަވެސް ކަރަންޓު ބޭނުންކޮށްފައިވާ ޔުނިޓާއި ބިލްތަކާ ދިމާނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކަރަންޓު ބިލުތައް ހަދަނީ ރައީސް މުއިއްޒުގެ ފޯމިއުލާއަށްކަން ފާހަގަކުރައްވައި މެމްބަރު ނާޒިލް ވިދާޅުވީ ރައީސް އޮފީހުން ހުރިހާ ކަމެއް ކޮންޓްރޯލް ކުރާ ކަމަށާއި، ރައްޔިތުން މަޖިލިސް އިންތިޚާބު ނިމުމަށްފަހު މި ބިލުތައް ބޮޑުވަމުންދާ ކަމަށެވެ.
މީގެ އިތުރުން މެމްބަރު ނާޒިލް ވިދާޅުވީ މިއަދު ރައްޔިތުން އެވްރެޖް ބިލު ބޭނުންނުވާ ކަމަށާއި، ރައްޔިތުން ބޭނުންވަނީ އެކްޗުއަލް ބިލު ކަމަށް އޭނާ ވިދާޅުވިއެވެ.
ނިމިދިޔަ ހަފްތާގައި ވަރަށް ގިނަ ކަރަންޓު ބިލުތަކެއް ލިބުނު. ވަރަށް ބައިވަރު ކަރަންޓު ބިލުތަކެއް ލިބުނު. ހަމަ ކޮންމެ ދުވަހަކު ހެނދުނު ފޯނު ބަލާއިރު، ކަރަންޓު ބިިލުތަކުގެ ފޮޓޯ މިއަންނަނީ. އަޅުގަނޑު ދެން ގާތްގަނޑަކަށް 4 5 ދުވަހަކު ވަކިވަކިން މިބިލުތައް ބަލާލިން. ބަލާލިއިރު އޭޕްރީލް މަހު 1116 ޔުނިޓް ބޭނުންކޮށްފައި ހުރި ގޭގެ ބިލަށް މިއަރަނީ 1900 ރުފިޔާ. ހަމަ އެގޭގެ ބިލަށް ޖުލައި މަހު މިއަރަނީ 1132 ޔުނިޓް. 16 ޔުނިޓް ގިނަ ވަނީ. ބިލަށް އެރީ ކިހާވަރެއް 3635 ރުފިޔާ. 16 ޔުނިޓަށް އަނެއްކާ އިތުރު 1900 ރުފިޔާ. މިއީ ކިހިނެތް ވާ ކަމެއްކަމެއް ރައްޔިތުންނަށް ނޭނގޭ. މިބުނަނީ ކަރަންޓު ބޭނުންކުރީމައޭ ބިލު ބޮޑުވަނީ. ކޯއްޗެއް މި ބޭނުންކުރެވުނީ. މިއީ ހަގީގަތް. ބިލުގެ ކޮޕީތައް އެބަހުރި. އެއްވަރަކަށް ޔުނިޓް ބޭނުންކުރެވެނީ.އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
މެމްބަރު ނާޒިލް ވިދާޅުވީ މިސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުން ގިނަ ތަކުލީފުތަކެއް އުފުލަންޖެހިފައިވާ ކަމަށެވެ. އެގޮތުން މިއަދު ރައްޔިތުންނަށް ފައިސާ ނުލިބޭ ކަމަށާއި، ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ގޮތެއް ވެސް ނެތް ކަމަށެވެ. އަދި ޕްރޮޖެކްޓްތައް ހުއްޓުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މެމްބަރު ނާޒިލް ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުން ފަސޭހަ ކޮށްދިނުމަށް އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށާއި، ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް ވަކާލާތު ކޮށްދޭނެ ކަމަށެވެ. އަދި އަބަދު ވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ މުސްތަގުބަލަށް ރައްޔިތުން އެދޭ ގޮތަށް ކަމަށް މެމްބަރު ނާޒިލް ވިދާޅުވިއެވެ.